Roadha Mihaaru
އަނަސްގެ ހަނދާނުގައި ކޮއްކޮއަށް އަނަސްގެ ނަން ދީފި

އަނަސްގެ ހަނދާނުގައި ކޮއްކޮގެ ދަރިފުޅުގެ ނަމަކަށް އަނަސް

01 އޮކްޓޯބަރ 2017

ގިނަ ދުވަސްތަކަކަށް ފަހު އާއިލާއަށް މެމްބަރަކު އިތުރުވާތީ އެންމެ އުފަލުން ހުރި އެކަކީ، މިދިޔަ ޖުލައި މަހު 31 ގައި، ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅި ހަރައި މަރާލި މުހައްމަދު އަނަސް އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގިނަ ދުވަސްތަކަކަށް ފަހު އާއިލާއަށް މެމްބަރަކު އިތުރުވާތީ އެންމެ އުފަލުން ހުރި އެކަކީ، މިދިޔަ ޖުލައި މަހު 31 ގައި، ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅި ހަރައި މަރާލި މުހައްމަދު އަނަސް އެވެ.

ރ. މީދުއަށް އުފަން އުމުރުން 25 އަހަރުގެ އެ ޒުވާނާގެ މެޔަށާއި ގައިގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލި އިރު، އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ބަނޑަށް އަށް މަސް ފުރި، ނުވަ މަހަށް އެޅިއްޖެ އެވެ. އޭގެ ދޮޅު މަސް ފަހުން، އޭނާ ވިހޭ ފިރިހެން ދަރިފުޅަށް އާއިލާއިން ކިޔަން ބޭނުންވީ ގެއަށް ކުޑަކުއްޖަކު އުފަންވާތީ އެންމެ އުފަލުން ހުރި އަނަސްގެ ހަނދާނުގައި، ހަމަ އެ ނަމެވެ.

"މުހައްމަދު އަނަސް ބިން އަނީސް ކިއީ. އެއީ ދޮންބެގެ ހަނދާނުގައި، ގޭގައި އަނަސްއެއް ހުންނަން ބޭނުންވާތީ،" ނޫހުގައި ނަން ނުޖެހުމަށް އެދި އޭނާ ބުންޏެވެ.

މެޔަށް ވަޅި ހަރައި މިދިޔަ ހަފުތާގައި މަރައިލި މުހައްމަދު އަަނަސް އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އެރަށުގައި ބޭއްވި ހިނގާލުމުގައި އަނަސްގެ ބައްޕަ އާއި އަދި އަންހެން ކޮއްކޮ ބައިވެރިވަނީ-- ފޮޓޯ: ނާޝިތު

މެޔަށް ވަޅި ހަރައި މިދިޔަ ހަފުތާގައި މަރައިލި މުހައްމަދު އަަނަސް އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އެރަށުގައި ބޭއްވި ހިނގާލުމުގައި އަނަސްގެ ބައްޕަ އާއި އަދި އަންހެން ކޮއްކޮ ބައިވެރިވަނީ-- ފޮޓޯ: ނާޝިތު

އަނަސްގެ އާއިލާގައި ތިން ކުދިން ތިބޭއިރު އާއިލާގައި ހުރި ހަމައެކަނި ފިރިހެން ދަރިއަކީ ވެސް އަދި އެންމެ ދޮށީ މީހަކީ ވެސް އެއީ އެވެ. އާއިލާގެ އެންމެ ހަގަށް ހުރި އަންހެން ކުއްޖާގެ އުމުރުން 19 އަހަރެވެ.

އާއިލާއަށް އިތުރު ފިރިހެން ކުއްޖަކު އުފަން ވުމުން އެންމެން ވެސް ތިބީ އުފަލުންނެވެ.

އަނަސްގެ ކޮއްކޮ ބުނިގޮތުގައި އޭނާ ވިހާނެ އިރަކަށް ދޮންބެ ވަރަށް އިންތިޒާރުކުރި އެވެ. އޭރު އެ މީހުން ނިންމާފައި އޮތީ ލިބޭ ދަރިފުޅަށް މިޒްއާންގެ ނަމުން ނަން ދޭށެވެ.

ދަރިފުޅަށް އަނަސް ކިޔަން ނިންމީ، އޭނާ ބުނި ގޮތުގައި، މަންމަގެ އެދުމަކަށެވެ.

"ކުޑަކޮށް އުނދަގޫވޭ އަނަސް ކިޔާފައި ދަރިފުޅަށް ގޮވަން. އެކަމަކު އުފާ ވެސް ވޭ. ދޮންބެ މަތިން ވަރަށް ހަނދާންވޭ،" އާއިލާގައި ދެ ވަނައަށް ހުންނަ އެ އަންހެން ކުއްޖާ ބުންޏެވެ.

އޭނާ ބުނީ ދޮންބެ ނެތުމުގެ ފަޅުކަން އަދިވެސް ގޭގައި އޮތް ކަމަށާއި އޭނާގެ މަންމަ ކޮންމެ ދުވަހަކު އަނަސްގެ ވާހަކަ ދައްކާ ކަމަށެވެ. މިހާރު އާއިލާގެ އެންމެން ވެސް އިންތިޒާރު ކުރަނީ އަނަސްއަށް އިންސާފު ލިބޭނެ ދުވަހަކަށެވެ.

ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅުނު އަނަސް މަރާލި އިރު، އޭނާ ދިޔައީ އަލަތު ކައިވެންޏަށް ތައްޔާރުވަމުންނެވެ.

އަނަސްގެ މަރާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށް، އިތުރު މީހަކު ހޯދަން ވަނީ އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި އޭނާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.