Roadha Mihaaru
ނުވަ މީހަކަށް މޮނިކޮން އަމުރު ނެރެދޭން އެދި ހުށަހަޅަނީ

ނުވަ މީހަކަށް މޮނިކޮން އަމުރު ހޯދަން ހައި ކޯޓަށް ހުށަހަޅަން ފާސްކޮށްފި

01 އޮކްޓޯބަރ 2017

ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ބެލުމަށްޓަކައި ފައިގައި ޓެގް ހަރުކުރުމަށް ނެރޭ މޮނިކޮން އަމުރު ނުވަ މީހެއްގެ މައްޗަށް ނެރެދިނުމަށް ކޯޓަށް ހުށަހަޅަން އެކަމާ ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ބެލުމަށްޓަކައި ފައިގައި ޓެގް ހަރުކުރުމަށް ނެރޭ މޮނިކޮން އަމުރު ނުވަ މީހެއްގެ މައްޗަށް ނެރެދިނުމަށް ކޯޓަށް ހުށަހަޅަން އެކަމާ ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ނެރޭ މޮނިކޮން އަމުރަކީ ބޮޑެތި ކުށުގެ ތުހުމަތު ކުރެވޭ މީހުން އުޅޭނޫޅޭ ގޮތް ފާރަލައި ބެލުމަށް ހޯމް މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ހައި ކޯޓުން ނެރޭ އަމުރެކެވެ. އެ އަމުރަށް އެދުމުގައި ހޯމް މިނިސްޓަރަށް ލަފާ ދިނުމަށް ޚާއްސަ ކޮމެޓީއެއް މިހާރު އޮވެ އެވެ.

ނުވަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެދިނުމަށް އެދި ހައި ކޯޓަށް ހުށަހަޅަން ކޮމެޓީން މިއަދު ފާސް ކުރިޔަސް އަމުރު ނެރެން އެދުނީ ކޮން ބައެއްގެ މައްޗަށް ކަމެއް ސާފެއް ނުވެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި 16 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެ، ފައިގައި ޓެގް އަޅުވަން ވާނީ އެދިފަ އެވެ.

ނުވަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެދިނުމަށް އެދި ހުށަހަޅަން ކޮމެޓީން ފާސްކުރީ މާލޭގައި މާރާމާރީތައް އިތުރުވެފައި ވަނިކޮށެވެ. މިދިޔަ ހަފުތާގައި ހިންގި މާރާމާރީތަކުގައި ދެ މީހަކު ވަނީ މަރާލައިފަ އެވެ. ވޭތުވެދިޔަ ތިން މަސް ތެރޭގައި މާލޭގައި ވަނީ ތިން ޒުވާނަކު މަރާލައިފަ އެވެ.

މޮނިކޮން އަމުރު ނެރެގެން ކުރިން ބައެއް މީހުންގެ ފައިގައި ފުލުހުން ޓެގް އެޅުވި އެވެ. ހޯމް މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުންނެވި ދުވަސްވަރު ޓެގް އަޅުވަން ފެށުމުން ސިޔާސީ ބޮޑެތި ފިއްތުންތަކެއް އުމަރަށް ކުރިމަތިވި އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވި ފަހުން އެކަން އޮތީ މަޑުޖެހިފަ އެވެ.

ފައިގައި ޓެގް އެޅުވުމުގެ އިތުރުން ވެސް އިތުރު ބައެއް ކަންކަން މޮނިކޮން އަމުރުގެ ދަށުން ކުރެވެ އެވެ. މޮނިކޮން އަމުރަކާ ޚިލާފްވެއްޖެ ނަމަ އެ މީހަކަށް ދޮޅު އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.