Roadha Mihaaru
16 މީހެއްގެ ފައިގައި ޓެގު އަޅުވަން ފުލުހުން އެދިއްޖެ

16 މީހެއްގެ ފައިގައި ޓެގު އަޅުވަން ފުލުހުން އެދިއްޖެ

27 ސެޕްޓެމްބަރ 2017

މޮނިކޮން އަމުރުގެ ދަށުން، ބޮޑެތި ތުހުމަތު ކުރެވޭ 16 މީހެއްގެ ފައިގައި ޓެގު އަޅުވައި ދިނުމަށް ކަމާ ބެހޭ ފަރާތްތަކުގައި އެދިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޮނިކޮން އަމުރުގެ ދަށުން، ބޮޑެތި ތުހުމަތު ކުރެވޭ 16 މީހެއްގެ ފައިގައި ޓެގު އަޅުވައި ދިނުމަށް ކަމާ ބެހޭ ފަރާތްތަކުގައި އެދިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާލޭގެ ތެރޭގައި ގުރޫޕް މާރާމާރީތަކުގައި މީހުން މެރުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މޮނީޓާ ކުރުމުގެ އަމުރު [މޮނިކޮން އަމުރު] ގެ ދަށުން މީހުންގެ ފައިގައި ޓެގް އެޅުވުމުގެ މަސައްކަތް އަލުން ފަށްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ 16 މީހެއްގެ ފައިގައި ޓެގް އަޅުވަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މާދަމާ އިން ފެށިގެން ޓެގް އަޅުވާނެ ކަމުގެ މައުލޫމާތު ރަސްމީކޮށް ލިބިފައިވާ ކަމަށް ޝިފާން ވިދާޅުވިޔަސް ޓެގް އަޅުވަން އެދިފައިވަނީ ކޮން ތުހުމަތުތަކެއް ކުރެވޭ ބައެއްގެ ފައިގައި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ކުށުގެ ވެށީގައި އުޅޭ މީހުން. އެ މީހުންގެ ތެރެއިން ޖިނާއީ ދައުވާއެއް ކުރެވި ނުވަތަ ހައްޔަރުގައި ނުބޭތިއްބޭ ފަރާތްތައް އަޅުގަނޑުމެން ބަލައި، އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ތިބެންޖެެހޭ ކަމަށް ގަބޫލުކުރާ 16 ފަރާތެއްގެ މައުލޫމާތު ވާނީ ޕްރޮސެސްއާ ހަވާލު ކޮށްފައި. އަޅުގަނޑުމެންގެ ފަރާތުން ފޮނުވަންޖެހޭ ލިޔުންތައް މިހާރު ވާނީ ފޮނުވިފައި. އިރާދަކުރެއްވިއްޔާ މާދަމާ އެ ހިސާބަށް ދެވޭނެ." ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓެގް އެޅުވުމަކީ ކުށްކުރުން އާންމުވެފައިވާ މިފަދަ ދަނޑިވަޅެއްގައި ކުށް މަދު ކުރުމަށް ފުލުހުންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ނެރޭ މޮނިކޮން އަމުރަކީ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންގެ ފައިގައި ޓެގް އަޅުވައި، އެ މީހުން މޮނީޓާ ކުރަން ނެރޭ އަމުރެކެވެ. އެ އަމުރަކީ ހޯމް މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ހައި ކޯޓުން ނެރޭ އަމުރެކެވެ. އެ އަމުރާ ޚިލާފްވެއްޖެ ނަމަ އެއީ ދޮޅު އަހަރުގެ ޖަލު ހުކުމެއް އަންނަ ކުށެކެވެ.

ހޯމް މިނިސްޓަރުގެ މަގާމުގައި އުމަރު ނަސީރު ހުންނެވި ދުވަސްވަރު، ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންގެ ފައިގައި ޓެގް އަޅުވާފައިވެ އެވެ. އޭނާގެ އިސްނެގުމަށް އެކަން ތައާރަފުކޮށް، ބައެއް ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމާ ގުޅިގެން ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތަކާ ވެސް އޭރު އުމަރަށް ކުރިމަތިވި އެވެ. އަދި އުމަރު ޖޫން 21، 2016 ގައި ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، ކުށްވެރިންގެ ފައިގައި ޓެގް އެޅުވުން އޮތީ މިހާތަނަށް ހުއްޓިފަ އެވެ.