Roadha Mihaaru
ޕީޖީ ބިޝާމްގެ ކާރުގައި ރޯކޮށްލައި އަންދާލައިފި

ޕީޖީ ބިޝާމްގެ ކާރުގައި ރޯކޮށްލައި އަންދާލައިފި

09 އޮކްޓޯބަރ 2017

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތުގެ ބިޝާމްގެ ރަސްމީ ކާރުގައި ރޯކޮށްލައި ރޭ އަންދާލައފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތުގެ ބިޝާމްގެ ރަސްމީ ކާރުގައި ރޯކޮށްލައި ރޭ އަންދާލައފި އެވެ.

ފުލުހުންގެ އޮފިޝަލު ވިދާޅުވީ ހެންވޭރުކޮޅު ޖަނަވަރީމަގުގައި ޕާކުކޮށްފައި އޮތް ދައުލަތުގެ ކާރެއްގައި ރޭ ދަންވަރު ތިނެއް ޖަހާކަން ހާއިރު ރޯކޮށްލައިފައިވާ ކަމަށާއި އެއީ ދީފައިވާ އިންޒާރެއް ކަމަށް ބެލެވޭ ކަމަށެވެ.

ރޯކޮށްލީ ޕީޖީ ބިޝާމްގެ އޮފީހުން އޭނާ އަށް ދީފައިވާ ކާރެކެވެ.

ބިޝާމް މިއަދު ވިދާޅުވީ ކާރު އާންމުކޮށް ޕާކުކުރަނީ އޮފީހުގެ ގަރާޖުގައި ކަމަށާއި އެކަމަކު މަޖީދީމަގު ހަދަމުންދާތީ އާއި އެ މަގުގެ އެ ހިސާބުން ނުދުއްވޭތީ އަދި ރަސްމީ ޕާކިން ޒޯނުގައި ސައިކަލްތަކެއް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އާންމު ޕާކިން ޒޯނެއްގައި ރޭ ޕާކުކޮށްފައިވާ ކަމަށެވެ. އަދި އެއީ ކުރިން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމްގެ ސިޔާސީ ހަރަކާތްތައް ހިންގެވި އޮފީސް ކުރިމަތިން ކަހަލަ ގޮތަކަށް ކަމަށް ޕީޖީ ވިދާޅުވި އެވެ.

ފުލުހުން ބުނީ ކާރުގައި ރޯކޮށްލީ ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށެވެ.

"އެކަން ބަލަމުން މިއަންނަނީ،" ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ދަންވަރު ވެސް ވަނީ ކާރެއްގައި ރޯކޮށްލައިފަ އެވެ. ހެންވޭރުކޮޅު ލޮނުޒިޔާރަތް މަގުގައި ޕާކްކޮށްފައިއޮތް ކާރުގައި ރޯކޮށްލައިފައި ވަނީ ޕެޓްރޯލް ބޮމެއް ބޭނުން ކޮށްގެންނެވެ. ޕީޖީ ބިޝާމްގެ ކާރު ވެސް އަންދާލީ ޕެޓްރޯލް ބޮމެއް ބޭނުންކޮށްގެން ކަމަށް ތުހުމަތު ކުރެވެ އެވެ.

ޕީޖީ ބިޝާމްގެ ކާރުގައި ރޭ ރޯކޮށްލާފައި.---ފޮޓޯ: އެމްއެންޑީއެފް

ޕީޖީ ބިޝާމްގެ ކާރުގައި ރޭ ރޯކޮށްލާފައި.---ފޮޓޯ: އެމްއެންޑީއެފް