Roadha Mihaaru
ޕޮލިސް ލޯންޗުގައި ރޯކޮށްލުމާ ގުޅިގެން އިތުރު ދައުވާއެއް

ފުލުހުންގެ ލޯންޗުގައި ރޯކޮށްލި މައްސަލައިގައި އިތުރު ދައުވާއެއް

02 އޯގަސްޓް 2020

ލ. ގަން ތުނޑީ ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ގަސްދުގައި އަލިފާން ރޯކޮށްލި މައްސަލައިގައި އިތުރު ދައުވާއެއް ކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ލ. ގަން ތުނޑީ ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ގަސްދުގައި އަލިފާން ރޯކޮށްލި މައްސަލައިގައި އިތުރު ދައުވާއެއް ކޮށްފި އެވެ.

ޕީޖީ އޮފީހުން ބުނީ ލ. ގަން، ތުނޑި، ކަޅައިދޫފިނިހިޔާގެ މޫސާ އިނާސްގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 20 އަހަރާއި 25 އަހަރާ ދެމެދުގެ ހުކުމެއް އަންނާނެ ކަމަށް ބުންޏެވެ.

މި މައްސަލައިގައި މިދިޔަ މަހު 29ގައި މޫސާ އިނާސްގެ މައްޗަށް ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އުފުލައިފަ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 1 އަހަރާއި 3 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ހުކުމެއް އަންނާނެ އެވެ.

ހަމަ އެ ދުވަހު ލ. ގަން، ތުނޑި، ލަވްސައިޑް އަބްދުއްލަތީފް އިބްރާހީމްގެ މައްޗަށް ވެސް އެ ދައުވާ ކޮށްފައި ވެއެވެ. މި ދެ މީހުންނަކީ ވެސް މީގެ ކުރިން މިފަދަ ކުށްތަކުގެ ރިކޯޑު އޮތް ދެ މީހުންނެވެ. މޫސާ އިނާސްގެ މައްޗަށް ބޮން ގޮއްވުމުގެ މައްސަލައެއްގައި 15 އަހަރުގެ ޖަލު ހުކުމެއް ވެސް ކޮށްފައި ވެއެވެ.

ތުނޑީ އަވަށު ބަނދަރުގައި އޮތް "ޕޮލިސް ލޯންޗް 34" ގައި މާޗް، 22 ދުވަހުގެ ފަތިހުގެ ވަގުތެއްގައި ރޯކޮށްލި މައްސަލާގައި މީގެ ކުރިން ވަނީ ލ. ގަން، ތުނޑި، ލަވްސައިޑް، ޢަބްދުއްލަޠީފް އިބްރާހީމްގެ މައްޗަށް ހުކުމް ވެސް ކޮށްފަ އެވެ. އެއީ މައްސަލައިގެ ހެކި ނައްތާލާފައިވާތީ ޢަދުލުއިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއަށް ޢަބްދުއްލަޠީފް އިބްރާހީމް އިޢުތިރާފް ވުމުންނެވެ. އޭނާގެ މައްޗަށް 6، ޖުލައި ގައި ހުކުމް ކުރީ އެއް އަހަރަށް ޖަލަށް ލުމަަށެވެ.