Roadha Mihaaru
ފުލުހުންގެ ލޯންޗުގައި ރޯކޮށްލި މީހުންނަށް ދައުވާކޮށްފި

ފުލުހުންގެ ލޯންޗުގައި ރޯކޮށްލުމުން ދައުވާކުރަނީ ސަލްޓަންޕާކް ބޮމުގެ ހަމަލާގައި ހިމެނޭ ދެ މީހަކަށް

30 ޖުލައި 2020

ލ.ގަމު ތުނޑީ އަވަށު ބަނދަރުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލާގައި، މީގެ 12 އަހަރު ކުރިން ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ކުށް ސާބިތުވި މޫސާ އިނާސް އާއި އެ ހަމަލާ އަށް ފަހު ފިލައިގެން އުޅުނު އަބްދުއްލަތީފް އިބްރާހީމްގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ދައުވާކޮށްފި އެވެ.

ލ.ގަމު ތުނޑީ އަވަށު ބަނދަރުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލާގައި، މީގެ 12 އަހަރު ކުރިން ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ކުށް ސާބިތުވި މޫސާ އިނާސް އާއި އެ ހަމަލާ އަށް ފަހު ފިލައިގެން އުޅުނު އަބްދުއްލަތީފް އިބްރާހީމްގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ދައުވާކޮށްފި އެވެ.

ތުނޑީ އަވަށު ބަނދަރުގައި އޮތް "ޕޮލިސް ލޯންޗް 34" ގައި މާޗު މަހުގެ 22 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ރޯކޮށްލި މައްސަލާގައި ދައުވާކުރަނީ ލ. ގަން، ތުނޑި، ކަޅައިދޫފިނިހިޔާގެ މޫސާ އިނާސްގެ އާއި ލ. ގަން، ތުނޑި، ލަވްސައިޑް އަބްދުއްލަތީފް އިބްރާހީމްގެ މައްޗަށެވެ. ނަމަވެސް މި ދެ މީހުންގެ މައްޗަށް ދައުވާކުރަނީ އެ މީހުން އުޅޭ ތަންތަނާއި ތަކެތި ފާސްކުރި އިރު ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސް އާއި އަލްގައިދާ އަށް ތާއީދުކުރާކަން ދޭހަވާ ތަކެއްޗާއި ވީޑިއޯ ފެނިފައި ވާތީ އެވެ.

މޫސާ އިނާސް ދިރިއުޅޭ ގެ ފާސްކުރި އިރު ފެނުނު ލެޕްޓޮޕެއްގެ ހާޑްޑިސްކްގައި އައިސިސް އާއި އަލްގައިދާ އަށް ތާއީދުކުރާކަން ދޭހަކޮށްދޭ ލިޔުންތަކާއި ވީޑިއޯ ފެނިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެހެންވެ އޭނާގެ މައްޗަށް ކުރަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

އަބްދުއްލަތީފް އުޅޭ ގެ ފާސްކުރި އިރު އޭނާގެ ހާޑް ޑިސްކަކުން ޓެރެރިސްޓް ޖަމާއަތްތައްކަމަށްވާ ޖަބްހަތުއް ނުސްރާ އާއި އަލް ގައިދާ އަށް ތާއީދުކުރާކަން ދޭހަކޮށްދޭ ލިޔުންތައް ފެނިފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.

މި ދައުވާ ސާބިތުވެއްޖެ ނަމަ ކޮންމެ މީހަކަށް ވެސް 1 އަހަރާއި 3 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ހުކުމެއް އަންނާނެ އެވެ. ދެ ހާސް ހަތް ވަނަ އަހަރު، ސެޕްޓެމްބަރު 29 ވަނަ ދުވަހު ސަލްޓަންޕާކްގައި ބާރުގަދަ އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ އަބްދުއްލަތީފް އޭރު ވަނީ ރާއްޖޭން ފިލައިގެން ގޮސްފަ އެވެ. ޓޫރިސްޓުންގެ 12 މީހަކު ޒަހަމްވި ހަމަލާއާ ގުޅިގެން އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރެފައިވަނިކޮށް ހައްޔަރު ކުރީ އޮގަސްޓް 5، 2012 ގައި ޕާކިސްތާނުން ރާއްޖެއަށް އޭނާ އައި ވަގުތު އެއާޕޯޓުންނެވެ. ލޯންޗުގައި ރޯކޮށްލި މައްސަލާގައި ތުހުމަތު ކުރެވުމުން އަބްދުއްލަތީފް ހައްޔަރުކުރަން ދިއުމުން އޭނާގެ ފޯނު ހަލާކުކޮށްލައި ހެކި ނައްތާލުމުގެ ކުށުގައި މިހާރު ވެސް ހުރީ 1 އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއްގަ އެވެ.

މޫސާ އިނާސް ވެސް ވަނީ ބޮމުގެ ހަމަލާއާ ގުޅިގެން 15 އަހަރަށް ޖަލަށް ވެސް ލައިފަ އެވެ. އެކަމަކު ފަހުން ވަނީ އޭނާ އަށް މާފު ދީ މިނިވަންކޮށްފަ އެވެ. ޖަލުގައި ހުރި އިރު އޭނާ ވަނީ ފިލަން އެކި ފަހަރު މަސައްކަތްކޮށްފަ އެވެ.

ގަމުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލުމުގެ އިތުރުން އދ. މަހިބަދޫ ފަޅުގައި އަޅާފައިވާ ލޯންޗްތަކެއްގައި ވެސް އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ރޭ ރޯކޮށްލާފައިވެ އެވެ. މި ދެ ހާދިސާ އަކީ ވެސް ބަޔަކު ގަސްދުގައި ހިންގި އަމަލެއް ކަމަށް ފުލުހުން ކުރިން ވެސް ބުނެފައިވެ އެވެ. މަހިބަދޫ ފަޅުގައި ފަސް ލޯންޗަކާއި ދެ ޑިންގީއެއް އަންދާލި އެވެ. މި ޖަރީމާގައި ރޯކޮށްލާފައި ވަނީ ފުލުހުންގެ ލޯންޗަކާއި އދ. އަތޮޅުގެ ކައުންސިލްގެ ލޯންޗާއި ސީ އެމްބިއުލާންސަކާއި އެޗްއެމްއެޗްއައި 1 އާއި އެޗްއެމްއެޗްއައި 2 އަދި ދެ ޑިންގީއެއްގަ އެވެ. މިއީ ބަނދަރުގައި ޖެހިޖެހިގެން އަޅާފައި ހުރި އުޅަނދުތަކެކެވެ.