Roadha Mihaaru
ވަކީލުންނަށް ޓްރައިބިއުނަލްގައި ވެސް ވަކާލާތެއް ނުކުރެވޭ

ސަސްޕެންޑްކުރި ވަކީލުންނަށް ޓުރައިބިއުނަލްތަކުގައި ވެސް ވަކާލާތެއް ނުކުރެވޭ: ހިސާން

10 އޮކްޓޯބަރ 2017

ހަމައެކަނި ކޯޓުތަކުގައި ވަކާލާތު ނުކުރެވޭގޮތަށް ސަސްޕެންޑްކުރި ވަކީލުންނަށް ޓްރައިބިއުނަލްތަކުގައި ވެސް ވަކާލާތު ނުކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން އަންގާފައިވާ ކަމަށް ގާނޫނީ ވަކީލް ހިސާން ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހަމައެކަނި ކޯޓުތަކުގައި ވަކާލާތު ނުކުރެވޭގޮތަށް ސަސްޕެންޑްކުރި ވަކީލުންނަށް ޓްރައިބިއުނަލްތަކުގައި ވެސް ވަކާލާތު ނުކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން އަންގާފައިވާ ކަމަށް ގާނޫނީ ވަކީލް ހިސާން ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

ސަސްޕެންޑްކުރި ވަކީލުން ޓްރައިބިއުނަލްތަކުން މައުލޫމާތު ސާފުކުރުމުން، އެ ވަކީލުންނަށް ޓުރަބިއުނަލްތަކުގައި ވެސް ވަކާލާތު ނުކުރެވޭނެ ކަމަށް ސްޕުރީމް ކޯޓުން އަންގާފައިވާކަން އެނގުނު ކަމަށް ހިސާން ވިދާޅުވި އެވެ.

ވަކީލުން ސަސްޕެންޑްކުރިތާ އެއް މަސް ފުރުމުން ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިސާން ވިދާޅުވީ އެއީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވެސް އަދި ސްޕްރީމް ކޯޓުން ވެސް އާންމުކުރި ކަމެއް ނޫން ކަމަށާއި އެކަން ވަކީލުންނަށް އަންގާފައި ވެސް ނުވާ ކަމަށެވެ.

"ވަކީލުންނަށް ފަހުން ދިމާވަން ފެށި މައްސަލައަކީ ޓުރައިބިއުނަލްތަކުގައިވެސް އެ ބޭފުޅުންގެ ކުލައިންޓުން ރެޕްރެޒެންޓް ނުކުރެވެން ފެށި މައްސަލަ. ގާނޫނީ ވަކީލުންނަށް ޓުރައިބިއުނަލްތަކަށް ވަޑައިގެން ވަކާލާތު ނުކުރެވޭ މައްސަލަ،" ހިސާން ވިދާޅުވި އެވެ.

ވަކީލުން ސަސްޕެންޑް ކޮށްފައިވީ ނަމަވެސް ވަކީލުކަމުގެ ލައިސަންސް ބާތިލެއް ނުކުރެ އެވެ. ހިޝާން ވިދާޅުވީ އެ ސަސްޕެންޝަނާއި ގުޅިގެން ދައުލަތުގެ އެހެން އިދާރާތަކުން އިތުރު ފިޔަވަޅުތަކެއް ވަކީލުންނާ ދޭތެރޭ އަޅާފައިވާ ކަމަށެވެ.

"ސަސްޕެންޑް ކޮށްފައި ތިބި ވަކީލުންކަކަށް ތަހުގީގް މަރުހަލާގައި ވަކީލުންގެ ކުލައިންޓްސްއިންނަށް ގާނޫނީ ލަފާދީ ތަހުގީގީ މަރުހަލާގައި ބައިވެރިވުމުގެ ފުރުސަތެއް ނުދެއްވާ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ބަންދުގައި ތިބި ބޭފުޅުންނާއި ބައްދަލު ކުރެއްވުމުގެ ފުރުސަތެއް ވެސް ސަސްޕެންޑްކުރި ވަކީލުންކަށް ނުދެއްވާ،" ހިސާން ވިދާޅުވި އެވެ.

ކަރެކްޝަނަލް ސާވިސް އިން ވެސް، ބަންދުކޮށްފައި ތިބޭ މީހުންނާ ގާނޫނީ ވަކީލުން ބައްދަލުކުރުމުގެ ފުރުސަތެއް ނުދެ އެވެ. ހިސާން ވިދާޅުވީ އެއީ ވަކީލުންނާ ދޭތެރޭ އެ އިދާރާތަކުން އަމިއްލައަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.

ސްޕްރީމް ކޯޓުން 54 ވަކީލުން ސަސްޕެންޑްކުރީ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް ސްޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމުންނެވެ. އޭގެ ތެރެއިން 27 ވަކީލެއްގެ ސަސްޕެންޝަން އަދިވެސް އުވައެއް ނުލަ އެވެ.