Roadha Mihaaru
ވާވޭ އަށް ވެސް ޑިޖިޓަލް އެސިސްޓޭންޓެއް

ވާވޭ އަށް ވެސް ޑިޖިޓަލް އެސިސްޓޭންޓެއް

11 އޮކްޓޯބަރ 2017

ވާވޭ އަށް ދެން ނުވެ އޮތް ކަމަކީ ޑިޖިޓަލް އެސިސްޓޭންޓެއް ތައާރުފުކުރުމެވެ. ޑިޖިޓަލް އިލެކްޓްރޯނިކް މާކެޓްގައި މިހާރު ފެޝަނަކަށް ވެފައި އޮތް ކަމަކީ އެއީ އެވެ. އެޕަލް، ސެމްސަންގް، ގޫގުލް އަދި އެމެޒޯން އަށް ވެސް ޑިޖިޓަލް އެސިސްޓޭންޓެއް ލިބިފައި ވެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވާވޭ އަށް ދެން ނުވެ އޮތް ކަމަކީ ޑިޖިޓަލް އެސިސްޓޭންޓެއް ތައާރުފުކުރުމެވެ. ޑިޖިޓަލް އިލެކްޓްރޯނިކް މާކެޓްގައި މިހާރު ފެޝަނަކަށް ވެފައި އޮތް ކަމަކީ އެއީ އެވެ. އެޕަލް، ސެމްސަންގް، ގޫގުލް އަދި އެމެޒޯން އަށް ވެސް ޑިޖިޓަލް އެސިސްޓޭންޓެއް ލިބިފައި ވެ އެވެ.

ޑިޖިޓަލް އެސިސްޓޭންޓެއް ބޭނުންވެގެން ވާވޭ އުޅޭކަން އެނގުނީ، އިނގިރޭސި ޔޫ އަކުރު ސިފަކުރެވޭ ގޮތަށް ނިޝާނެއް، ވިޔަފާރި މާކެއް ގޮތުގައި ބޭނުންކުރުމުގެ ހުއްދަ އަށް އެދުނު ހިސާބުންނެވެ. އެކަމަކު އެ ނިޝާނަކާ ގުޅޭ ގޮތުން ވާވޭ ހަމަ އެކައްޗެކޭ ވެސް އަދި ނުބުނެވެ. އަނގަތަޅާ މީހުންނަށް އެހެން ހީވެގެން އުޅެނީ އެވެ.

ވިޔަފާރި އުފެއްދުންތަކުގައި ބޭނުންކުމަށް ވާވޭ ހުށަހެޅި ވިޔަފާރި މާކުން ފެންނަނީ ދެ ޔޫ އަކުރެވެ. އެއް އަކުރު އުއްޑުން އަދި އަނެއް އަކުރު ބަންޑުންނެވެ. ވަށައިގެން ވަށް ބޮޅެކެވެ. އެ މާނަކުރަންވީ ކޮން ގޮތަކަށް ކަމެއް އަދި ނޭނގެ އެވެ.

ސްމާޓްފޯން މާކެޓްގައި ބާރުގަދަ ކުންފުންޏެއް ގޮތުގައި އޮތުމަށް ވާވޭ ބޭނުންވެ އެވެ. އެ ހިސާބަށް ދިއުމަށްޓަކައި، މަޝްހޫރު ކުންފުނިތަކާ ރޭސްޖަހައި، ގަދަ ބަލަންޖެހެ އެވެ. ބެލެވޭ ގޮތުގައި ވާވޭ ކުރަން އުޅޭ ކަމަކީ އެއީ އެވެ.

ވާވޭ އިން ކުރަން އުޅޭ ކަމަށް ދެކެވޭ އެހެން ވާހަކައެއް ވެސް އެބަ އޮތެވެ. އެ ކުންފުނިން ނެރެން ހުރި ފޯނުތަކުގެ ބެޓެރީ އަށް ބޮޑު ބަދަލެއް ގެންނަ ވާހަކަ އެވެ. ބުނެވޭ ގޮތުގައި، ބިރުގަންނަ ވަރަށް ބެޓެރީގެ ސައިޒު ބޮޑުނުކޮށް، ބެޓެރީތަކުގެ ބާރުގަދަކުރަނީ އެވެ.

ސެމްސަންގް ބެޓެރީތައް ބާރުގަދަކުރަން ހަދައިގެން ދިމާވި ނުރައްކާތެރި ހާލަތްތަކުން ސަލާމަތްވެ، ހައްލެއް ހޯދަން މަސައްކަތްކުރަނީ، ބާރުގަދަ ބެޓެރީ އަށް ބޭނުންނުވާ ޒާތުގެ ސްމާޓް ޓެކްނޮލޮޖީ ތައާރުފުކޮށްގެންނެވެ. އެ ގޮތުގައި ފޯނުތައް ކިތަންމެ ސްމާޓް ނަމަވެސް، އެ ނިސްބަތުން ބެޓެރީ ބޮޑެއް ނުކުރާނެ އެވެ. ވާވޭ މި އުޅެނީ އަދި ވެސް މުސްކުޅި ގޮތަށް ކުޅޭށެވެ.

ވާވޭ ޑިޖިޓަލް އެސިސްޓޭންޓް ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް ބާރުގަދަ ބެޓެރީއެއް ބޭނުންވަނީ ކަމަށް ވެސް ވެދާނެ އެވެ. ވާވޭ އަކީ ޓެކްނޮލޮޖީ ވަރަށް ރަނގަޅަށް ދަންނަ ކުންފުންނަކަށް ވާތީ ބަލަންޖެހެނީ ގޯހެއް ނުހަދާނެ ކަމަށެވެ. އިހަށް ބަލަން ތިބެނީ އެވެ.