Roadha Mihaaru
ވާވޭގެ އާ ފޯނު ނެރުން 29 ގައި

ވާވޭގެ އާ ފޯނު ނެރުން މި މަހުގެ 29 ގައި

20 ޖުލައި 2021

ވާވޭގެ އާ ފޯނު ސީރީޒް ޕީ50 މި މަހުގެ 29 ގައި ނެރޭ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވާވޭގެ އާ ފޯނު ސީރީޒް ޕީ50 މި މަހުގެ 29 ގައި ނެރޭ ގޮތަށް ނިންމައިފި އެވެ.

ކުންފުނީގެ ފޯނުތަކުގައި ހާމަނީއޯސްގެ ނަމުގައި މިހާރު އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް ބޭނުންކުރަމުން އަންނަ ވާވޭގެ އާ ފޯނު ސީރީޒް މި މަހުގެ 29 ގައި ނެރޭނެކަން ސީއީއޯ ރިޗަޑް ޔޫ ވެސް ކަށަވަރުކޮށް ދެއްވާފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލަށް ނެރޭ ފޯނު ސީރީޒް ވާނީ މޮބައިލް ފޯނުގެ އާ ދައުރެއްގެ ފެށުމަށެވެ. އޭގެ އިތުރުން އެއްވެސް ވާހަކައެއް ވިދާޅެއް ނުވެ އެވެ.

ޕީ50 އިން ސްމާޓްފޯނުގެ ދާއިރާ އަށް ތަފާތުތަކެއް ގެނުވައިދޭނެ ކަމަށް މީޑިއާތަކުން ވެސް ލަފާކޮށްފައިވާ އިރު، މި ފަހަރުގެ ފޯނުގައި ކެމެރާ ކޮލިޓީ ރަނގަޅުކުރަން ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެ އެވެ.

ކުރިން ތާވަލުކުރި ތާރީހަށް ވުރެ ފަހުން ފޯނު ނެރެން ޖެހުނީ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވެފައި އޮތް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި، ފޯނުތަކަށް ޗިޕް ހޯދުން ބޮޑު ގޮންޖެހުމަކަށްވެފައިވާތީ އެވެ. މިއީ ހުރިހާ ޓެކް ކުންފުންޏަކަށް ވެސް އަދިވެސް ދިމާވެފައި އޮތް މައްސަލައެކެވެ.

ރިޗަޑް ޔޫ.

ރިޗަޑް ޔޫ.

ވާވޭ އާ ފޯނު ސީރީޒެއް ނެރޭ އިރު މި ފަހުން އެ ކުންފުންޏަށް އެތައް ދައްޗަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. އެއީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުރުގައި އެ ކުންފުނި އެ ގައުމުގައި ބްލެކްލިސްޓްކުރުމުންނެވެ. އެކަމުގެ ސަބަބުން ގޫގުލް ފަދަ ކުންފުނިތަކުން ވާވޭއާ ގުޅުން ކަނޑައިލުމުން ފޯނު އުފެއްދުމުގެ މަސައްކަތަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި އެވެ. އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް ވެސް ވާވޭ އަށް އުފައްދަން މަޖުބޫރުވީ އެ ސަބަބާ ހެދި އެވެ.

މި ހުރަސްތަކާ ހެދި ވާވޭ އަށް މިހާރު ފޯނުގެ ވިޔަފާރީގެ ގަދަ 5 އިން ވެސް ޖާގަ ގެއްލިފަ އެވެ. ގަދަ 5 ގައި އުޅެނީ ދެކުނު ކޮރެއާގެ ސެމްސަންގް، ޗައިނާގެ ޝޯމީ، އެމެރިކާގެ އެޕަލް، ޗައިނާގެ އޮޕޯ އާއި ވީވޯ އެވެ.

ވާވޭ އިން އެންމެ ފަހުން ނެރުނީ މިދިޔަ އަހަރު ނެރުނު ޕީ40 އެވެ. އޭގެ ދަށުން ޕީ40، ޕީ40 ޕްރޯ އަދި ޕީ40 ޕްރޯ ޕްލަސް ނެރުނެވެ. ޕީ50 ގެ ދަށުން ވެސް ތިން މޮޑެލްއެއް ނެރޭނެ އެވެ.