Roadha Mihaaru
ވާވޭ ޕީ30 ޕްރޮ ދައްކާލައިފި، ވަރުގަދަ ކެމެރާއެއް

ވާވޭ ޕީ30 ޕްރޮ ދައްކާލައިފި، ވަރުގަދަ ކެމެރާއެއް

26 މާޗް 2019

ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި، ވާވޭ ޕީ30 ޕްރޮ މިއަދު ދައްކާލުމާ އެކު އޭގެ ކެމެރާގެ ޖާދޫގައި އެތައް ބަޔަކު ޖެހިއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި، ވާވޭ ޕީ30 ޕްރޮ މިއަދު ދައްކާލުމާ އެކު އޭގެ ކެމެރާގެ ޖާދޫގައި އެތައް ބަޔަކު ޖެހިއްޖެ އެވެ.

ޕާފޮމަންސް ވަރުގަދަ، ބެޓެރީގެ އުމުރު ދިގު، ހިތްގައިމު ޑިސްޕްލޭ އެއް ކުޑަކުޑަ ނޮޗަކާ އެކު ހިމަނާފައިވާ މި ފޯނުގެ ކެމެރާ މިހާރުވެސް ވަނީ ގޫގުލް ޕިކްސެލް ފޯނުގެ ކެމެރާއާ އަޅާކިޔަން ފަށައިފަ އެވެ.

ފްރާންސްގެ ޕެރިހުގައި ތައާރަފްކުރި މި ފޯނުން ނަގާ ފޮޓޯތަކުގެ ފެންވަރާ މެދު "އެއްވެސް ޝަކުވާއެއް ނެތް" ކަމަށް ފޯނު ބެލި ގިނަ މީހުން ވަނީ ބުނެފަ އެވެ. އެންމެ ހާއްސަ ކަމަކީ 10 ގުނަ އަށް ޒޫމްކޮށްލައިގެން ނަގާ ފޮޓޯތައް ވެސް ސާފުކަމުންނެވެ.

ރިވިއުތަކުގައި ބުނެފައި ވަނީ މިއީ މުޅި ދުނިޔޭގައި ވެސް މި އަހަރު އެންމެ ރަނގަޅަށް ވިކޭނެ ފޯނަށް ވާނެ ކަމަށެވެ.

ފޯނުގެ ސައިޒަކީ އާންމުކޮށް ބާޒާރުގައި މި ގެންގުޅޭ މި ފެންވަރުގެ އެންޑްރޮއިޑް ފޯނުތަކުގެ ސައިޒެވެ. އެކަމަކު މިހާރު ހަދާ ފޯނުތަކުގައި ސްކްރީންގެ މަތިން ކަޅު ކުލާގައި ހުސްކޮށް ފެންނަ ތަން ނުވަތަ ނޮޗް މި ފޯނުގައި ވަނީ ވަރަށް ކުޑަކޮށެވެ. ބެލެވޭ ގޮތުގައި މިއީ އެންމެ ކުޑަ ނޮޗް ހިމެނޭ ފޯނެވެ.

ވާވޭ ޕީ30 ޕްރޮ

ވާވޭ ޕީ30 ޕްރޮ

ފޯނުގައި ކޯލް އަޑުއަހަން އިއަޕީސް ހިމެނުން މި ފޯނުން ވަނީ ނިމުމަކަށް ގެނެސް އާ ޓެކްނޮލޮޖީއެއް ތައާރަފްކޮށްފަ އެވެ. އެއީ އިލެކްޓްރޯމެގްނެޓިކް ލެވިޓޭޝަން ބޭނުންކޮށްގެން ފޯނުގެ ސްކްރީންގެ މަތިީގައި ވައިބްރޭޓްވާ ގޮތް ހަދައިގެން އަޑު އިވޭ ގޮތް ހަދައިގެންނެވެ. މާނަ އަކީ ސްޓީރިއޯ ސްޕީކަރެއް މި ފޯނުގައި ނެތުމެވެ.

ފޯނުގެ ދާރަ ޖަހައި ވަށްކޮށްލާފައި ވަނީ ވަރަށް ރީތިކޮށެވެ. އަދި ފިންގަޕްރިންޓް ސެންސަ ހިމަނާފައި ވަނީ ވެސް ސްކްރީންގަ އެވެ. ސެމްސަންގް ގެލެކްސީ އެސް ސީރީޒްގެ ފޯނުތަކުގައި ހުންނަހެން ކުރިމައްޗާއި ފަހަތުގައި ވެސް މި ފޯނުގައި ލާފައި ވަނީ ބިއްލޫރި އެވެ.

ވާވޭ ޕީ30 ޕްރޮ

ވާވޭ ޕީ30 ޕްރޮ

މިއީ ވާވޭ އިން އަމިއްލަ އަށް އުފައްދާފައިވާ ކިރިން 980 ޕްރޮސެސަރެއް ހިމެނޭ ފޯނެކެވެ. މީގައި 8 ޖީބީގެ ރެމް ހިމަނާފައި ވާއިރު 128 ޖީބީ އާއި 512 ޖީބީގެ ސްޓޮރޭޖް ކެޕޭސިޓީ ހުރި ފޯނު ލިބޭނެ އެވެ. އަދި 6.47 އިންޗީގެ ސްކްރީންގެ ރިޒޮލިއުޝަނަކީ 2340 ގުނަ 1080 އެވެ. ބެޓެރީގައި 4،200 މިލިއެމްޕެވެ. މި ބެޓެރި ބައި ގަޑިއިރުން 70 ޕަސެންޓަށް ޗާޖުވެ އެވެ.

ވާވޭ ޕީ30 ޕްރޮ

ވާވޭ ޕީ30 ޕްރޮ

ކެމެރާ އަށް ބަލާއިރު އަލްޓްރާ ވައިޑް އޭންގަލްގެ 20 މެގަޕިކްސެލްގެ ކެމެރާއެއް ހިމެނެ އެވެ. އަދި މެއިން ސެންސާގެ ގޮތުގައި ވަނީ 40 މެގަޕިކްސެލްގެ ކެމެރާއެކެވެ. ޓެލެފޮޓޯ އަށް 125 އެމްއެމްގެ ކެމެރާއެއް ހަރުކޮށްފައިވެ އެވެ. އެއީ 8 މެގަޕިކްސެލްގެ އެވެ. ސެލްފީ ނެގުމަށް 32 މެގަޕިކްސެލްގެ ކެމެރާއެއް ހާއްސަކޮށްފައި ވާއިރު އެއިން ސުޕަ އެޗްޑީއާރް ޝޮޓް، ވަރަށް އަނދިރީގައި ވެސް ނެގޭނެ އެވެ.

މީގެ 128 ޖީބީގެ ފޯނު ވިއްކަނީ 999 ޔޫރޯ (1،128 ޑޮލަރު) އަށެވެ. އަދި 256 ޖީބީ 1،099 ޔޫރޯ (1240 ޑޮލަރު) އަށެވެ.

ވާވޭން މިއަދު ވަނީ ޕީ30 ވެސް ނެރެފަ އެވެ. މިއީ ޕްރޮ ވާޝަނަށް ވުރެ ދަށް ފަންތީގެ ފޯނެކެވެ.