Roadha Mihaaru
ގަމުގެ ފްލައިން ސްކޫލުގެ މުއްދަތު އިތުރު ނުކޮށްފާނެ

ގަމުގެ ފްލައިން ސްކޫލުގެ މުއްދަތު އިތުރު ނުކޮށްފާނެ

11 އޮކްޓޯބަރ 2017

ގަމުގައި ހިންގަމުން އަންނަ ސްރީ ލަންކާގެ ފްލައިން ސްކޫލް އޭޝިއަން އެކެޑެމީ އޮފް އެއިރޮނޮޓިކްސް (އޭއޭއޭ) ގެ އެގްރިމަންޓް އާނުކުރުމުގެ ވިސްނުމެއް އެބަ އޮތް ކަމަށް އައްޑޫ އިންޓަނޭޝަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ ޖެނެރެލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގަމުގައި ހިންގަމުން އަންނަ ސްރީ ލަންކާގެ ފްލައިން ސްކޫލް އޭޝިއަން އެކެޑެމީ އޮފް އެއިރޮނޮޓިކްސް (އޭއޭއޭ) ގެ އެގްރިމަންޓް އާނުކުރުމުގެ ވިސްނުމެއް އެބަ އޮތް ކަމަށް އައްޑޫ އިންޓަނޭޝަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ ޖެނެރެލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ގަމުގައި ފްލައިން ސްކޫލް ރަސްމީކޮށް ހުޅުވީ ޖުލައި 26، 2010 ގަ އެވެ. އެތަން ހިންގަން އޭއޭއޭ އަށް ދިން މުއްދަތު ހަމަވާނީ 2019 ގަ އެވެ. އެނގިފައިވާ ގޮތުގައި އެގްރިމަންޓް އާނުކުރުމުގެ ވިސްނުމެއް އޭއައިއޭ އިން ގެންގުޅޭ އިރު، އޭއޭއޭ އިން ވަނީ 20 އަހަރަށް މުއްދަތު އިތުރުކޮށް ދޭން ވެސް ކުރިން އެދިފަ އެވެ.

އިބްތިޝާމާ ވިދާޅުވީ އެގްރިމަންޓް އާނުކުރަން ދެވަނަ ވިސްނުމަކަށް ދާން ނިންމި މައިގަނޑު އެއް ސަބަބަކީ އެއާޕޯޓްގެ ތަރައްގީ އަށް ކުރަން ހުރި ކަންކަމަށް ބިން ބޭނުންވާތީ ކަމަށެވެ.

އޭއައިއޭގެ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައީދު.

އޭއައިއޭގެ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައީދު.

"އެއާޕޯޓްގެ ފުލީ އޮޕަރޭޝަނަށް ބިމުގެ އެކްސްޓެންޝަން އެބަ ބޭނުންވޭ. އަނެއްކޮޅުން ފައިނޭންޝަލީ ގަމުގެ އެއާޕޯޓްގެ އޮރަފޭޝަނަށް ބަލާ ކަމަށް ވަންޏާ ފްލައި ސްކޫލް މިތަނުގައި ހިންގުމަކުން އަޅުގަނޑުމެންގެ ކުންފުންޏަށް ވާ އެއްވެސް ފައިދާއެއް ނެތް،" އޭނާ ވިދާޅުވި އެވެ.

"އެހެންވެ ފައިނޭންޝަލީ ވައިބަލް ކަމަކަށް ވެސް އެކަން ނުވާތީ އަޅުގަނޑުމެން އެގްރިމަންޓް 2019 އަށް ފަހު އާނުކުރަން ވިސްނުން މި ގެންގުޅެނީ."

އިބްތިޝާމާ ވިދާޅުވީ މިކަން އޭއޭއޭ އަށް ވެސް މިހާރު އަންގާފައިވާ ކަމަށެވެ.

"ދެހާސް ނަވާރަ އަށް އެގްރިމަންޓް ހަމަވާތީ އަޅުގަނޑުމެން މިހާރު ވަނީ އޭގެ ފަހަށް އެއްވެސް ޕްރޮގްރާމެއް ނުހިންގާ ގޮތަށް އެ މީހުންގެ ޕްލޭންތައް ރާވަން ވެސް އަންގާފައި،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާ ހަމައެކަނި ފްލައިން ސްކޫލް ކުރިއަށް އޮތް ތަނުގައި ގަމުގައި ނެތަސް، އެއާޕޯޓް ތަރައްގީގެ ޕްލޭންގެ ތެރެއިން އޭވިއޭޝަން ދާއިރާއާ ގުޅުން ހުރި ވަރަށް ގިނަ ވަސީލަތްތައް ގަމުގައި ގާއިމްކުރެވޭނެ ކަމަށް އިބްތިޝާމާ ވިދާޅުވި އެވެ.

"އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. އަޅުގަނޑުމެން މިތަނުގައި ވަރަށް ގިނަ ފެސިލިޓީތައް ގާއިމު ކުރާނަން. އެކަހަލަ ޕްލޭންތަކެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ފްލައިން ސްކޫލް ހިންގެވުމާ ހަވާލުވެ ހުންނެވި އޭއޭއޭގެ ހެޑް އޮފް ޓްރެއިނިން އަދި ޗީފް ފްލައިޓް އިންސްޓްރަކްޓަރު ކެޕްޓަން ސުރަންޖަން ޑި ސިލްވާ ކޮލޮމްބޯގައި ހުންނަވައިގެން ވިދާޅުވީ ފްލައިން ސްކޫލް ހިންގަން އޭއައިއޭ އިން 2015 ވަނަ އަހަރުން ފެށިގެން ފިއްތުންތައް ކުރިމަތި ކުރަމުންދާ ކަމަށެވެ.

ސުރަންޖަން، ގަމުގައި ޕައިލެޓް ޓްރެއިނިން ހަދާ ދަރިވަރަކާ އެކު. ފޮޓޯ/ އޭއޭއޭ

ސުރަންޖަން، ގަމުގައި ޕައިލެޓް ޓްރެއިނިން ހަދާ ދަރިވަރަކާ އެކު. ފޮޓޯ/ އޭއޭއޭ

"އެހެންވެ އަޅުގަނޑުމެން މި ތައްޔާރުވަނީ މިތަނުން މިހާރު ދާން. ވަގުތު ވަރަށް ކުޑަ ތަންވެއްޖެ،" އޭނާ ވިދާޅުވި އެވެ.

"[އެކަމަކު] ފްލައިން ސްކޫލް ހުއްޓާލުމަކީ އައްޑު އަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ. އޭއޭއޭއަކީ މި ސަރަހައްދުގައި ވެސް ހުރި އެންމެ ބޮޑު ފްލައިން ޓްރޭނިން އެކެޑެމީ."

ސުރަންޖަން ވިދާޅުވީ މިކަމާ ގުޅޭ ގޮތުން އޭއައިއޭއާ މަޝްވަރާ ކުރި ނަމަވެސް އަލި މަގެއް ފެންނަން ނެތް ކަމަށެވެ. އެހެންވެ އިތުރަށް ކުރާނެ މަޝްވަރާއެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެ ބޮޑު މައްސަލައަކީ ފްލައިން ސްކޫލެއްގެ މުހިއްމުކަން އެއާޕޯޓް ހިންގަން ތިބި މީހުންނަށް ނޭނގޭތީ،" އޭނާ ވިދާޅުވި އެވެ.

"މިކަމާ ގުޅިގެން އަޅުގަނޑުމެން މިދިޔަ ޖޫން މަހުން ފެށިގެން އިތުރު އިންޓޭކެއް ވެސް ނުބާއްވަން."

ފްލައިން ސްކޫލްގައި މިހާރު ވެސް ދިވެހިންނާ އެކު ދުނިޔޭގެ އެކި ގައުމުތަކުގެ 200 އެއްހާ ދަރިވަރުން ޓްރޭނިން ހަދަމުން އަންނަ އިރު، 100 އަށް ވުރެ ގިނަ ދަރިވަރުން ވަނީ މިހާތަނަށް އެތަނުން ޕައިލެޓް ލައިސަންސް ނަގައިފަ އެވެ.