Roadha Mihaaru
ގަމަށް ދަތުރު ފަށަން ސްރީ ލަންކަންއާ ވާހަކަ ދައްކަނީ

ގަމަށް ދަތުރުތައް ފެށުމާ ބެހޭ ގޮތުން އޭއައިއޭ އިން ސްރީ ލަންކަންއާ ވާހަކަ ދައްކަނީ

19 ސެޕްޓެމްބަރ 2016

އައްޑޫ ގަމާއި ސްރީ ލަންކާއާ ދެމެދު ޝެޑިއުލް ދަތުރުތަކެއް ފެށުމާ ގުޅޭ ގޮތުން ސްރީ ލަންކަން އެއާލައިންސާ މިހާރު ވާހަކަ ދައްކަމުން އަންނަ ކަމަށް ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ގަމާއި ސްރީ ލަންކާއާ ދެމެދު ޝެޑިއުލް ދަތުރުތަކެއް ފެށުމާ ގުޅޭ ގޮތުން ސްރީ ލަންކަން އެއާލައިންސާ މިހާރު ވާހަކަ ދައްކަމުން އަންނަ ކަމަށް ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން މިއަދު ބުނެފި އެވެ.

އެ ކުންފުނިން މިހެން ބުނެފައި މި ވަނީ އަންނަ ނޮވެމްބަރު މަހު ގަމަށް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ސްރީ ލަންކަން އެއާލައިންސުން ބައެއް މީޑިއާތަކުގައި ވެސް ބުނެފައި ވަނިކޮށެވެ.

މީގެ ކުރިން ވެސް އެ އެއާލައިނުން ވަނީ ގަމަށް ޝެޑިއުލް ދަތުރުތައް ކުރަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އޭއައިއޭގެ ޖެނެރެލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައީދު "މިހާރު" އަށް ވިދާޅުވީ ސްރީ ލަންކަން އެއާލައިންސާ އެކު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ.

"ނެގޯސިއޭޝަންތައް ކުރިއަށް އެބަ ދޭ. އެކަމަކު މީގެ ތަފުސީލަކަށް ދާން އަދި ތަންކޮޅެއް ދަތި. މީޑިއާތަކަށް މީގެ ޑީޓެއިލެއް ދެވޭ ހިސާބަށް ދިޔައިމަ އެ މައުލޫމާތު އަޅުގަނޑުމެން ހިއްސާކުރާނަން،" އޭނާ ވިދާޅުވި އެވެ.

އިބްތިޝާމާ ވިދާޅުވީ ގަމަށް ދަތުރުތައް ކުރުމާ ގުޅޭ ގޮތުން ބޭރުގެ ބައެއް އެހެން އެއާލައިންތަކާ ވެސް ވާހަކަ ދައްކާނެ ކަމަށެވެ. އޭގެ ތެރޭގައި އެއާ އޭޝިއާ، ފްލައި ޑްބާއީ ކަހަލަ އެއާލައިންތައް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

"ވަރަށް އަވަހަށް ބޭރުގައި އޮންނަ ފެއާއެއްގައި އަޅުގަނޑުމެން އެބަ ބައިވެރިވަން. އޭގެ ތެރެއިން އެއާލައިންތަކާ އެކު ވާހަކަ ދައްކާނަން،" އިބްތިޝާމާ ވިދާޅުވި އެވެ.

ގަން އެއާޕޯޓް ތަރައްގީކުރަން ހިންގާ މަޝްރޫއުގެ ދަށުން ރަންވޭ ބޮޑުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލައިފަ އެވެ. އެހެންވެ އަންނަ މަހު ރަންވޭ ރަސްމީކޮށް ހުޅުވަން ހާއްސަ ރަސްމިއްޔާތެއް އޭއައިއޭ އިން ބާއްވާނެ ކަމަށްވެ އެވެ.

އާ ރަންވޭގެ އެއް ބައި މިދިއަ އަހަރު ބޭނުންކުރަން ވަނީ ފަށައިފަ އެވެ. ގަން އެއާޕޯޓްގައި މިހާރު އަޅާފައިވަނީ އެންމެ ބޮޑެތި ބޯޓްތަކަށް ވެސް ޖެއްސޭ ވަރުގެ 3،160 މީޓަރުގެ ދިގު ރަންވޭއެކެވެ.

ގަމުގައި ސީ ޕްލޭން ބޭސްއެެއް ހަދައި އޮޕްރޭޓް ކުރަން ޓްރާންސް މޯލްޑިވިއަން އެއާލައިން (ޓީއެމްއޭ) އާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

މީގެ އިތުރުން ގަމުގައި ފެންވަރު ރަނގަޅު ހޮޓަލެއް ތަރައްގީކުރަން ވެސް އޭއައިއޭ އިން ވަނީ ނިންމައިފަ އެވެ.

ގަން އެއާޕޯޓް ތަރައްގީކުރަން ހިންގާ މަޝްރޫއަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް އޭއައިއޭ އިން އަންދާޒާކޮށްފައިވެ އެވެ.