Roadha Mihaaru
ޓޫރިސްޓުންތަކަކަށް ހަމަލާދިނީ ބަދަލު ހިފަން: ހެކި

ހުޅުމާލޭގައި ޓޫރިސްޓުންތަކަކަށް ހަމަލާދިނުމަކީ ދަރިން ދައުލަތަށް ނެގުމުން ބަދަލު ހިފަން: ހެކި

15 ޖޫން 2022

މީގެ ދެ އަހަރު ކުރިން ހުޅުމާލޭގައި ޓޫރިސްޓުންތަކަކަށް ބަޔަކު ވަޅިން ހަމަލަދިނީ ޓެރަރިޒަމްގެ ދައުވާ ލިބޭ އަބްދުﷲ އަލިމަނިކުގެ ދަރިން، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުން ބަދަލު ހިފުމުގެ ގޮތުން ކަމަށް ހެކިވެރިއަކު ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ ދެ އަހަރު ކުރިން ހުޅުމާލޭގައި ޓޫރިސްޓުންތަކަކަށް ބަޔަކު ވަޅިން ހަމަލަދިނީ ޓެރަރިޒަމްގެ ދައުވާ ލިބޭ އަބްދުﷲ އަލިމަނިކުގެ ދަރިން، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުން ބަދަލު ހިފުމުގެ ގޮތުން ކަމަށް ހެކިވެރިއަކު ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފަތުރަން އުޅުނު ކަމަށް ފުލުހުން ތުހުމަތުކުރާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާ ލިބޭ ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކުގެ އިތުރުން ހއ. ހޯރަފުށި އަލަނާސިގޭ މުހައްމަދު ތަސްލީމްގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިނީ އިންޓެލިޖެންސް ރިޕޯޓް ހެދި ފުލުހެކެވެ.

އެ ފުލުސް މީހާ ބުނިގޮތުގައި 2000 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ދީނީ ހަރުކަށި ފިކުރުގައި އަލިމަނިކު ހަރަކާތްތެރިވަމުން ދިޔަ އެވެ. އަދި އއ. ހިމަންދޫގައި 2007 ވަނަ އަހަރު ހިންގި ހަމަނުޖެހުންތަކަށް ފަހު، ޖަލަށްލުމުން ޖަލުގައި ހަރުކަށި ފިކުރަށް މީހުން ރެކްރޫޓްކުރި ކަމަށް ހެކިވެރިޔާ ބުންޏެވެ. އޭރު ޖަލުގައި އަލިމަނިކު ފޯނު ބޭނުން ކޮށްފައިވާ ކަމަށް ވެސް އެ ފުލުސް މީހާ ބުންޏެވެ.

އަލިމަނިކު އަދި ތަސްލީމް

އަލިމަނިކު އަދި ތަސްލީމް

ފުލުސް މީހާ ބުނީ، އަލިމަނިކަކީ ރާއްޖެ އިން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވާ އައިއެސް ޖަމާއަތަށް ތާއީދުކުރާ ކަން ހަރަކާތްތަކާއި ވާހަކަތަކާއި އިންޓެލިޖެންސް ސޯސްތަކުން ފާހަގަވެފައިވާ މީހެއް ކަމަށެވެ. އަދި ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުން ފިޔަވައި ދެން ތިބި އެންމެންނަކީ ތާގޫތުން ކަމަށް ބުނެ އަލިމަނިކު ވާހަކަ ދައްކާފައިވާ ކަމަށް ވެސް އެ ފުލުސް މީހާ ބުންޏެވެ.

ޓޫރިސްޓުންނަށް ދިން ހަމަލާއަކީ ބަދަލު ހިފުމެއް

ފުލުސް މީހާ ބުނިގޮތުގައި އަލިމަނިކު މި ފަހަރު ހައްޔަރު ކުރުމުގެ ކުރިން އޭނާގެ ދަރިން ސްކޫލަށް ނުފޮނުވާ ކަމުގެ ތުހުމަތުގައި 2019 ވަނަ އަހަރު ހައްޔަރުކުރި އެވެ. އަދި އެކަމާ ގުޅިގެން އެ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި 2020 ވަނަ އަހަރު ހުޅުމާލޭގައި ތުރުކީގެ ޓޫރިސްޓުންތަކަކަށް ބަޔަކު ވަޅިން ހަމަލާދިނީ އޭގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް އެ ފުލުސް މީހާ ބުންޏެވެ.

އެކަމަކު ޓޫރިސްޓުންނަށް ހަމަލާދިނީ ސީދާ އަލިމަނިކު ކަމަކަށް އެ ފުލުސް މީހާ ނުބުނެ އެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ. ދައުވާ ނުކުރީ ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުންނެވެ.

ޓޫރިސްޓުންނަށް ދިން ހަމަލާއާ ގުޅޭ އޭނާއާ ގުޅޭކަން އެނގެނީ ކިހިނެތްތޯ އަލިމަނިކު ސުވާލު ކުރުމުން، އެ ފުލުސް މީހާ ބުނީ އިންޓެލިޖެންސަށް މައުލޫމާތު ލިބޭ ގޮތް ހާމަނުކުރެވޭނެ ކަމަށެވެ.

އަލިމަނިކު ބުނީ ދަރިން ސްކޫލަށް ފޮނުވަމުން ދިޔަ ކަމަށާއި އެއް ދުވަސްވަރެއްގައި ސްކޫލަށް ނުފޮނުވުނީ މާލީ ގޮތުން ދަތިތަކެއް ހުރެގެން ކަން ސާބިތުވާނެ ހެކި އެބަހުރި ކަމަށެވެ. އަދި ހަރުކަށި ފިކުރު ފެތުރީ ކަމަށް ބުނާއިރު 2017 ވަނަ އަހަރު އޭނާ ހުރީ ސަރުކާރުން ގަބޫލުކުރާ އިމާމެއްގެ ގޮތުގައި ކަމަށް ބުންޏެވެ.

"ބޮން ގޮއްވުމުގައި ތަސްލީމާ މަޝްވަރާކުރި ކަމަށް ބެލެވޭ"

ފުލުސް މީހާ ބުނިގޮތުގައި ތަސްލީމަކީ 2015 ވަނަ އަހަރުން ފެށިގެން ދީނީ ހަރުކަށި ފިކުރުގައި ހަރަކާތްތެރިވާ މީހެއް ކަމަށް ފާހަގަވެފައިވެ އެވެ. އޭނާއަކީ ވެސް އައިއެސް އަށް ތާއީދުކުރާ މީހެއް ކަމަށާއި ބޮން ހަދަން ގެންގުޅޭ މެނުއަލް ފަދަ ތަކެތި އޭނާ ގެންގުޅުނު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެ ފުލުސް މީހާ ބުންޏެވެ.

އޭނާ ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، މިދިޔަ އަހަރު ބޮމުގެ ހަމަލާގައި ތަސްލީމުގެ ހިޔާލާއި މަޝްވަރަ ހޯދި ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނާއި ތަސްލީމާ ގާތްގުޅުމެއް އޮންނަ ކަމަށް އެ ފުލުސް މީހާ ބުންޏެވެ.

ދެވަނަ އަށް ހެކިބަސް ދިނީ އަލިމަނިކުގެ ފޯނެއް ތަހުލީލުކުރި ފުލުހެކެވެ. އޭނާ ބުނިގޮތުގައި ނަޝީދަށް ދިން ހަމަލައާ ގުޅިގެން މީޑިއާތަކާއި ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކެއް އެ ފޯނުން ފެނުނު ކަމަށެވެ. އަދި އަލްގައިދާއާ ގުޅުން ހުރި އިސް މީހެއް ކަމަށްވާ އަންވަރު އައުލާކީގެ ފޮޓޯއެއް ވެސް ފެނުނު ކަމަށާއި އެކަމަކު އެއްވެސް މުއާމަލާތެއް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

އެ މައްސަލާގައި ދެން އޮންނާނީ ބާކީ ތިބި ހެކިންގެ ހެކިބަސް ނެގުމެވެ.