Roadha Mihaaru
ސަބްސިޑީ ކަނޑާލުމުން އޮބާމާކެއާ މަރުވެއްޖެ: ޓްރަމްޕް

ސަބްސިޑީ ކަނޑާލުމުން އޮބާމާކެއާ މަރުވެއްޖެ: ޓްރަމްޕް

17 އޮކްޓޯބަރ 2017

ވޮޝިންޓަން (އޮކްޓޯބަރު 17) - އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ތައާރަފް ކުރެއްވި ސިއްހީ އިންޝުއަރެންސް ނިޒާމް، އޮބާމާކެއާ މަރުވެއްޖެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އޮކްޓޯބަރު 17) - އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ތައާރަފް ކުރެއްވި ސިއްހީ އިންޝުއަރެންސް ނިޒާމް، އޮބާމާކެއާ މަރުވެއްޖެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ އިންޝުއަރެންސް ކުންފުނިތަކަށް ސަރުކާރުން ދޭ ސަބްސިޑީ ކަނޑާލެއްވުމަށް ފަހު އެވެ.

"އޮބާމާކެއާ ނިމިއްޖެ. އެ މަރުވެއްޖެ. އެކަން ނިމިއްޖެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ. "އޮބާމާކެއާ ކިޔާ އެއްޗެއް މިހާރަކު ނެތް. މި ވާހަކަ ވާނީ މީގެ ކުރިން ވެސް ދަންނަވާފައި. އެއީ އެއްގޮތަކަށް ވެސް ހިނގައިގަތް ކޮންސެޕްޓެއް ނޫން."

އޮބާމާކެއާގެ ބަދަލުގައި ޓްރަމްޕް ތައާރަފް ކުރެއްވި އާ ނިޒާމް ކޮންގްރެސްގެ ދަށުގެއިން މި އަހަރުގެ މެއި މަހު ފާސްވުމާ އެކު ވެސް ޓްރަމްޕް ވަނީ އޮބާމާކެއާ މަރުވެއްޖެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ ބިލް ވަނީ ސެނޭޓާ ހަމައިން ހުއްޓިފަ އެވެ.

އެމެރިކާގެ ރައީސް ކަމަށް ޖެނުއަރީ މަހު ވަޑައިގެންނެވުމަށް ފަހު ޓްރަމްޕް ތަކުރާރުކޮށް ވަނީ އޮބާމާގެ އެފޯޑެބަލް ކެއާ އެކްޓް ނުވަތަ އޮބާމާކެއާ އަށް ސަރުކާރުގެ ބަޖެޓުން ދޭ ސަޕޯޓް ހުއްޓާލައްވަން މަސައްކަތް ކުރައްވައިފަ އެވެ. އަދި އެ ނިޒާމު އުވާލެއްވުމަށް ކޮންގްރެސްގެ ތެރޭން ވެސް ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

ކޮންގްރެސް ތެރޭން ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން ޓްރަމްޕް ވަނީ މަދުން އާމްދަނީ ލިބޭ މީހުންގެ އިންޝުއަރެންސް ކަވަރުކުރަން ސަރުކާރުން ދޭ "ކޯސްޓް-ޝެއާރިން ރިޑަކްޝަން ޕްރޮގްރާމް" (ސީއެސްއާރު) ހުއްޓަވާލައްވައިފަ އެވެ.

"އަޅުގަނޑު ވާނީ ސީއެސްއާރު ބޭރުކޮށްލާފައި. އެއީ އިންޝުއަރެންސް ކުންފުނިތަކަށް ދޭ ސަބްސިޑީއެއް. އެއީ އެ މީހުންނަށް ދޭ ހަދިޔާއެއް،" ޓްރަމްޕް ވިދާޅުވި އެވެ. "އޮބާމާކެއާގެ ސަބަބުން މި އިންޝުއަރެންސް ކުންފުނިތައް މުއްސަނދިވެއްޖެ."

ސީއެސްއާރު ހުއްޓާލުމުން ސިއްހީ އިންޝުއަރެންސް ގެއްލޭ މީހުން ރައްކާތެރި ކުރަން ވަގުތީ ހައްލަކަށް ކޮންގްރެސްއާ ގުޅިގެން ވައިޓް ހައުސް އިން މަސައްކަތް ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި އޭގެ ފަހުން ދިގު މުއްދަތުގެ ޕްލޭނެއް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.