Roadha Mihaaru
އޮބާމާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފި މައްސަލަ ބަލަނީ

އޮބާމާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފި މައްސަލަ ބަލަން ޓްރަމްޕް ގޮވާލައްވައިފި

05 މާޗް 2017

ވޮޝިންޓަން (މާޗް 5) - ރިޔާސީ ކެމްޕޭނުގެ ތެރޭގައި ކުރީގެ ރައީސް ބަރަކް އޮބާމާގެ އަމުރަށް ފޯނު ކޯލުތައް އަޑު އަހާފައިވާ ކަމަށް ކޮށްފައިވާ ތުހުމަތު ކޮންގްރެސް އިން ބެލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މާޗް 5) - ރިޔާސީ ކެމްޕޭނުގެ ތެރޭގައި ކުރީގެ ރައީސް ބަރަކް އޮބާމާގެ އަމުރަށް ފޯނު ކޯލުތައް އަޑު އަހާފައިވާ ކަމަށް ކޮށްފައިވާ ތުހުމަތު ކޮންގްރެސް އިން ބެލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.

ކެމްޕޭނުގެ ތެރޭގައި ޓްރަމްޕުގެ ފޯން ކޯލުތައް އަޑު އެހިކަމުގެ ތުހުމަތު އޮބާމާގެ މައްޗަށް ޓްރަމްޕް ކުރައްވާފައި ވަނީ ޓްވީޓުތަކެއް މެދުވެރިކޮށެވެ. ނަމަވެސް ޓްރަމްޕުގެ ތުހުމަތުގައި އެއްވެސް ހެއްކެއް ދައްކަވައިފައެއް ނުވެ އެވެ.

ޓްރަމްޕް ވަނީ ސިއްރުން ފޯނު އަޑު އެހުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށާއި އެއީ އެމެރިކާގެ ތާރީޚުގައި ހިނގި ސިޔާސީ އެންމެ ބޮޑު ކަންތައްގަނޑުގެ ތެރޭގައި ހިމެނޭ ވޯޓާގޭޓް މައްސަލައާ އެއްވަރު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. ވޯޓާގޭޓް މައްސަލައިގައި ސިޔާސީ ގޮތުން ކުރި ޖާސޫސްކުރުންތަކަށް ފަހު ރިޝްވަތުގެ މައްސަލަ މީޑިއާ އަށް ތިލަވުމުން އެންމެ ފަހުން ރައީސް ރިޗަޑް ނިކްސަން ވަނީ އިސްތިއުފާ ދެއްވަން ޖެހިފަ އެވެ.

ޓްރަމްޕުގެ ފޯނު އަޑު އަހަން އޮބާމާ އަމުރު ކުރެއްވި ކަމަށް ވިދާޅުވެ ޓްރަމްޕް ކުރެއްވި ތުހުމަތު އޮބާމާގެ ތަރުޖަމާން ކެވިން ލުއިސް ވަނީ ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އޮބާމާ ނުވަތަ ވައިޓްހައުސްގެ އެއްވެސް ސްޓާފަކު ވެސް، އެމެރިކާގެ އެއްވެސް ރައްޔިތަކަށް ފާރަލުމަށް އަންގަވާފައި ނުވާ ކަމަށެވެ. އަދި މިނިވަން އެއްވެސް މުއައްސަސާއަކަށް އޮބާމާގެ ސަރުކާރުން ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕުގެ ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ ވިދާޅުވީ ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒުވާފައިވާ ކަމަށް ބުނާ މައްސަލަ ކޮންގްރެސް އިން ތަހުގީގު ކުރަމުން ދާއިރު ރައީސްގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލަ ވެސް ކޮންގްރެސް އިން ބެލުމަށް ޓްރަމްޕް އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި މިފަދަ ތަހުގީގެއްކޮށް ނިންމުމުން ނޫނީ ރައީސް ވެސް އަދި ވައިޓް ހައުސް އިން ވެސް ކޮމެންޓް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް މިދިޔަ ހަފުތާގައި ވަނީ އެމެރިކާ ސަރުކާރުގެ ތެރޭން ބައެއް މައުލޫމާތު ލީކު ކުރުމާއި ޓްރަމްޕާ ދެކޮޅަށް އެމެރިކާގެ އެކި ހިސާބުތަކުގައި މުޒާހަރާ ކުރުމުގެ ފަހަތުގައި ހުންނެވީ ވެސް އޮބާމާ ކަމަށް ވިދާޅުވެފަ އެވެ.

ޑިމޮކްރެޓިކް ބައެއް މެންބަރުން ތުހުމަތު ކުރައްވާފައިވާ ގޮތުގައި އޮބާމާއާ ބެހޭ ގޮތުން ޓްރަމްޕް މި ބާވަތުގެ ތުހުމަތުތައް ކުރައްވަމުން ގެންދަވަނީ ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނާ މައްސަލައިގެ ސަމާލުކަން އަނބުރާލުމަށް ކަމަށެވެ.