Roadha Mihaaru
ކިއުބެކުގައި މޫނު ބުރުގާ އަޅައިފި ނަމަ ޚިދުމަތުން މަހްރޫމް

ކިއުބެކުގައި މޫނު ބުރުގާ އަޅައިފި ނަމަ އެއްވެސް ޚިދުމަތެއް ނުލިބޭ

19 އޮކްޓޯބަރ 2017

ކިއުބެކް ސިޓީ (އޮކްޓޯބަރު 19) - ކެނެޑާގެ ކިއުބެކް ޕްރޮވިންސްގައި މޫނު ބުރުގާ އަޅައިގެން ސަރުކާރު މުވައްޒަފުން ޚިދުމަތް ދިނުމާއި މޫނު ބުރުގާ އަޅައިގެން ތިބޭ މީހުން އެއްވެސް ޚިދުމަތެއް ލިބިގަތުން އިއްޔެ މަނާކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކިއުބެކް ސިޓީ (އޮކްޓޯބަރު 19) - ކެނެޑާގެ ކިއުބެކް ޕްރޮވިންސްގައި މޫނު ބުރުގާ އަޅައިގެން ސަރުކާރު މުވައްޒަފުން ޚިދުމަތް ދިނުމާއި މޫނު ބުރުގާ އަޅައިގެން ތިބޭ މީހުން އެއްވެސް ޚިދުމަތެއް ލިބިގަތުން އިއްޔެ މަނާކޮށްފި އެވެ.

ބައެއް ފަރާތްތަކުން ބުނަނީ މިއީ މޫނު ބުރުގާ އަޅާ މުސްލިމް އަންހެނުން އަމާޒުކޮށް ފާސްކުރި ގާނޫނެއް ކަމަށެވެ. ކިއުބެކުގައި ފާސްކުރި ގާނޫނުގެ ދަށުން ފުލުހުންނާއި ޓީޗަރުން، ބަސް ޑްރައިވަރުން އަދި ޑޮކްޓަރުންނާއި ނަރުހުން ވެސް މޫނު ބުރުގާ އެޅުން ވަނީ މަނާކޮށްފަ އެވެ.

ބިލް62 އާ ގުޅޭ ގޮތުން ކިއުބެކުގެ ބޮޑު ވަޒީރު ފިލިއްޕެ ކޫލާޑް ވިދާޅުވީ "ތިޔަ ބޭފުޅާގެ މޫނު އަޅުގަނޑަށް އަަދި އަޅުގަނޑުގެ މޫނު ތިޔަ ބޭފުޅާ އަށް ފެންނަން ވާނެ" ކަމަށެވެ. މޫނު ބުރުގާ މަނާކުރި ސަބަބާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކޫލާޑް ވިދާޅުވީ އެއީ ދެ ފަރާތުގެ މެދުގައި މުއާމަލާތް ކުރަން ފަސޭހަ އަށް ކުރި ކަމެއް ކަމަށެވެ.

ކިއުބެކް ސަރުކާރުން ބުނީ މިއީ މުސްލިމުންނަށް އަމާޒުކޮށް ކުރި ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން ބުނީ އެއީ މުސްލިމް އަންހެނުންނަށް ސަރުކާރުގެ ވަޒީފާތައް ލިބުމުގެ ހުރަހަކަށް ކުރި ކަމެއް ކަމަށެވެ.

ކިއުބެކް ނޭޝަނަލް އެސެމްބްލީން ބިލް62 ފާސްކުރީ 66-51 ވޯޓުންނެވެ. ޔޫރަޕުގެ ބައެއް ގައުމުތަކުން މީގެ ކުރިން ވަނީ މޫނު ބުރުގާ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސާއި ބެލްޖިއަމް ހިމެނެ އެވެ.