Roadha Mihaaru
މޫނުބުރުގާ މަނާކުރުމަކީ އަންހެނުންގެ ހައްގަށް އަރައިގަތުން

މޫނުބުރުގާ މަނާކުރުމަކީ އަންހެނުންގެ ހައްގަށް އަރައިގަތުން:އދ.ގެ ޕެނަލް

24 އޮކްޓޯބަރ 2018

ޖެނީވާ (އޮކްޓޯބަރު 24) - މޫނު ބުރުގާ އެޅުން ފްރާންސުން މަނާކުރުމަކީ އަންހެނުންގެ ހައްގުތަކަށް އަރައިގަތުން ކަމަށް ޔުނައިޓެޑް ނޭޝަންސް ހިއުމަން ރައިޓްސް ކައުންސިލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖެނީވާ (އޮކްޓޯބަރު 24) - މޫނު ބުރުގާ އެޅުން ފްރާންސުން މަނާކުރުމަކީ އަންހެނުންގެ ހައްގުތަކަށް އަރައިގަތުން ކަމަށް ޔުނައިޓެޑް ނޭޝަންސް ހިއުމަން ރައިޓްސް ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ވަނީ ފްރާންސްގެ ނިންމުން އަލުން މުތާލިޔާ ކުރަން ގޮވާލައިފަ އެވެ. ކައުންސިލްގެ ތާރީޚީ ނިންމުމުގައި ބުނެފައި ވަނީ 2010 ވަނަ އަހަރު ފްރާންސުން ފާސްކުރި އާއްމު ތަންތަނުގައި އަންހެނުން މޫނުބުރުގާ އެޅުން މަނާކުރާ ގާނޫނުގެ ސަބަބުން ކައުންސިލަށް މައްސަލަ ހުށަހެޅި ދެ އަންހެނުންގެ ހައްގުތައް ގެއްލިފައިވާ ކަމަށެވެ. އާއްމު ތަންތަނުގައި މޫނު ފޮރުވުމުގެ ސަބަބުން އެ ދެ އަންހެނުން 2012 ވަނަ އަހަރު ވަނީ ޖޫރިމަނާ ކޮށްފަ އެވެ. ދެ އަންހެނުން މައްސަލަ ހުށަހެޅީ 2016 ވަނަ އަހަރު އެވެ.

"ފްރާންސުން ފާސްކުރި ގާނޫނަކީ ޕެޓިޝަން ހުށަހެޅި ދެ އަންހެނުންގެ ހައްގުތަކަށް އުނިކަން އަންނަ ކަމެއްގެ ގޮތުގައި ކައުންސިލަށް ވަނީ ފާހަގަވެފައި. މޫނު ބުރުގާ މަނާކުރަން ޖެހުނު ސަބަބު ފްރާންސަށް އެކަށީގެންވާ ގޮތެއްގައި ސާފުކޮށްދެވިފައެއް ނުވޭ،" އދ.ގެ ޕެނަލުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މޫނު ބުރުގާ މަނާކުރާ ގާނޫނު 2010 ވަނަ އަހަރު ފްރާންސް އިން ފާސްކުރީ ނިކޮލަސް ސަރުކޯޒީގެ ވެރިކަމުގަ އެވެ.

"މޫނު ބުރުގާ އަކީ އަންހެނުންގެ ގަދަރު ކުޑަވާ އެއްޗެއް. އަދި އެއީ ފްރާންސްގެ މުޖްތަމައުގައި ބަލައިގަންނަ ކަމެއް ނޫން،" އެ ދުވަސްވަރު ސަރުކޯޒީ ވިދާޅުވެފައިވެ އެވެ.

ފްރާންސް އިން ފާސްކުރި ގާނޫނާ ޚިލާފުވެއްޖެ ނަމަ 170 ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވެ އެވެ. ފްރާންސްގެ އިތުރުން ޑެންމާކް، ބެލްޖިއަމް، އޮސްޓްރިއާ، ނެދަލެންޑްސް، ބަލްގޭރިއާ އަދި ސްވިޒަލެންޑުގައި ވެސް ވަނީ މިފަދަ ގާނޫނުތައް ފާސްކޮށްފަ އެވެ.