Roadha Mihaaru
"ނަޝީދުގެ ވެރިކަން ބަދަލުނުކުރި ނަމަ ދައުލަތް ދަރާނެ"

ނަޝީދުގެ ވެރިކަން ބަދަލު ނުކުރި ނަމަ ދައުލަތް އޮންނާނީ ދަރާފައި: ރިޔާޒް ރަޝީދު

20 އޮކްޓޯބަރ 2017

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ގައި ބަދަލު ނުކުރި ނަމަ ދިވެހި ދައުލަތް އޮންނާނީ އެތައް ބިލިއަން ރުފިޔާ އިން ދަރާފައި ކަމަށާއި އޭރުން މި ގައުމުގައި ވެރިކަން ކުރާނީ ވެސް ބޭރުގެ "ދޮން މީހުން" ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ގައި ބަދަލު ނުކުރި ނަމަ ދިވެހި ދައުލަތް އޮންނާނީ އެތައް ބިލިއަން ރުފިޔާ އިން ދަރާފައި ކަމަށާއި އޭރުން މި ގައުމުގައި ވެރިކަން ކުރާނީ ވެސް ބޭރުގެ "ދޮން މީހުން" ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

"ތައްޔާރު" ގެ ނަމުގައި އަލިމަސް ކާނިވާ ސަރަހައްދުގައި، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބޭއްވި ޖަލްސާގައި، ރިޔާޒުގެ ވާހަކަ އަމާޒުކުރެއްވީ އެމްޑީޕީގެ ސަރުކާރަށް ތުހުމަތުކުރެވޭ ކޮރަޕްޝަން މައްސަލަތަކަށެވެ. ވަކިވަކިން އެ މައްސަލަތައް ނަންގަވައި ވިދާޅުވީ ކޮރަޕްޝަން ހިންގީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނޫން ކަމަށާއި އެމްޑީޕީގެ ތިން އަހަރުގެ ކުރު މުއްދަތުގައި ކަމަށެވެ.

"ދެހާސް ބާރަ ވަނަ އަހަރު ނަޝީދުގެ ވެރިކަން އަޅުގަނޑުމެން ވައްޓާނުލި ނަމަ، އެ ވެރިކަން އަޅުގަނޑުމެން ބަަދަލު ނުކުރި ނަމަ ދިވެހި ދައުލަތް އޮންނާނީ ދަރާފައި. ވެރިކަން ކުރަން މިތާ ތިބޭނީ ދޮން މީހުން. ބޭރު މީހުން މި ގައުމު ހިންގަން ތިބޭނީ. އެހެންވީމަ އެކަން ކުރަން ޖެހުނީ،" ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުގައި އެކި އޮފީސްތަކާއި ކުންފުނިތައް މެދުވެރިކޮށް ހިންގާފައިވާ އެތައް ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަދަދުތައް އޮޑިޓް ރިޕޯޓްތަކުން ފެންނަން އެބަހުރި ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ ވެރިކަމުގައި ވީނުވީއެއް ނޭނގި 400 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ގެއްލިފައިވާ ކަމަށް ވިދާޅުވީ އޮޑިޓަ ޖެނެރަލް އެވެ. ދަތުރުފަތުރު ކުރިއަރުވަން ކަމަށް ބުނެ ސަރުކާރާ ގުޅުން އޮތް މީހުންނަށް ރަށްތައް ބެހީ ވެސް އެމްޑީޕީގެ ސަރުކާރުގައި ކަމަށް ވިދާޅުވި އެވެ.

މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ފަހު ރައީސް ޔާމީން އިށީނދެވަޑައިގަތުމަށް ވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ފަހު ރައީސް ޔާމީން އިށީނދެވަޑައިގަތުމަށް ވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"މިވެސް އެ މީހުންގެ ޕާޓީގެ މީހުންނަށް ކޮށްދީފައި ހުރި ކަންތައްތައް. މިއީ ފައިސާއަކަށް ނޫން، މިއީ ހިލޭކޮށްދީފައި ހުރި ކަންތައްތައް،" ރިޔާޒް ވިދާޅުވި އެވެ.

"ކޮރަޕްޝަން ހިންގި މީހުންނަކީ، ކޮރަޕްޝަން ފައިސާގައި ޖެހުނު މީހުންނަކީ އެއީ [އެމްޑީޕީ]."

އޭނާ ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އިން 800 މިލިއަން ރުފިޔާ އުނިކުރީ ވެސް އެމްޑީޕީން ކަމަށެވެ. އެ ފައިސާ އަނބުރާ ހޯދީ ޕީޕީއެމުން ކޯޓަށް ގޮސްގެން ކަމަށް ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ވެސް، ރިޔާޒް ވިދާޅުވި ގޮތުގައި، ނަޝީދުގެ ސަރުކާރުގައި ބޭކާރު ތަންތަނެވެ. އެ ކުންފުނިތައް އަމިއްލަ ފައި މައްޗަށް ތެދުކޮށްދިނީ ރައީސް ޔާމީން ކަމަށާއި އެމްޓީސީސީ އަށް އެކަނި ބަލާލިޔަސް އެތައް ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގަމުންދާ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުން އިސްކަންދިނީ ދިރާގު ފަދަ ކުންފުނިތައް ވެސް "ބޭރުގެ ދޮން މީހުންނަށް" ވިއްކާލަން ކަަމަށް ވިދާޅުވި އެވެ. ދިވެހިންގެ އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް 78 މިލިއަން ޑޮލަރަށް ވިއްކާލީ ވެސް އެ ވިސްނުމުގެ ދަށުންނެވެ.

އެމްޑީޕީ ސަރުކާރުގެ އިސް ވެރިން އެޕާޓްމެންޓަތައް ބައްލަވައިގެން ސްރީ ލަންކާގައި ދިރިއުޅުއްވަނީ ވެސް، ރިޔާޒް ތުހުމަތު ކުރެއްވި ގޮތުގައި، ތިން އަހަރުގެ ތެރޭގައި ހޯދި ކޮރަޕްޝަންގެ ފައިސާ އިންނެވެ.

ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ރިޔާޒް ވިދާޅުވީ އިގްތިސާދަށް ގެނައި ކުޑަކުޑަ ބަދަލަކުން މިހާރު ވަނީ ޑޮލަރު ތިޔާގިވެފައި ކަމަށެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތްއިރު ދައުލަތުގެ ދަރަނި 26 ބިލިއަނަށް އަރަ ކަމަށާއި އެކަމަކު އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު ދަރަނި ތިން ބިލިއަނަށް ކުޑަކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.