Roadha Mihaaru
ކުނި އުކާ މީހުންނަށް ޖެހި ޖޯކު މަޖަލެއް ނުވި

ކުނި އުކާ މީހުންނަށް ޖެހި ޖޯކު މަޖަލެއް ނުވި

21 އޮކްޓޯބަރ 2017

ހަލާލު ގޮތުގައި ފައިސާ ހޯދާ ކޮންމެ މީހަކީ ގަދަރުވެރިއެކެވެ؛ ސޯޝަލް މީޑިއާގައި ދިވެހިން މި ވަގުތު ބުނަމުން ގެންދާ ވާހަކައަކީ މި އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ހަލާލު ގޮތުގައި ފައިސާ ހޯދާ ކޮންމެ މީހަކީ ގަދަރުވެރިއެކެވެ؛ ސޯޝަލް މީޑިއާގައި ދިވެހިން މި ވަގުތު ބުނަމުން ގެންދާ ވާހަކައަކީ މި އެވެ.

ކުނި އުކާލުމަކީ ހަމައެކަނި ބިދޭސީން ކުރާ މަސައްކަތެއްގެ ގޮތުގައި އޮއްވާ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އާ އެކު، ގިނަ އަދަދެއްގެ ދިވެހިން އެ ވަޒީފާ އަށް ނުކުތުމަކީ ވަރަށް ބޮޑު، ހެޔޮ ބަދަލެއްކަން ޔަގީނެވެ. އެކަމަކު ފަހަރުގައި ބައެއް މީހުން އެކަން ބަލައެއް ނުގަނެ އެވެ. ފޭސްބުކް "މީމް"އެއްގައި އެ މަސައްކަތް ސިފަކޮށްފައި ވަނީ ނުކިޔަވާ ތިބޭ މީހުން ކުރާ ދަށް ކަމެއްގެ ގޮތުގަ އެވެ.

މިއީ، މީމް ހެދުމުގެ ޒަމާނެވެ. ފޮޓޯއެއްގެ މަތީގައި ލިޔުންކޮޅެއް ލިޔެލާފައި ކޮންމެ ކަމަކަށް ވެސް ޖޯކު ޖަހާފާނެ އެވެ. ސަމާސާއަކަށް ހަދައި މީހެއްގެ އަގު ވައްޓާލައި ފުރައްސާރަ ވެސް ކޮށްފާނެ އެވެ. އެފަދަ ކަންކަމުގައި ގިނަ ބަޔަކު ބައިވެރިވެ އިންޓަނެޓުގައި މީހުންނަށް ހަނގާކުރުމަކީ މިހާރުގެ އާދައެކެވެ. އެކަމަކު ވެމްކޯގައި ވަޒީފާ އަދާކުރުމާ ބެހޭ ގޮތުން ހެދި މި މީމް ބަލައިގަންނާކަށް ދިވެހިން ބޭނުމެއް ނުވި އެވެ. "އިމްތިހާނުން ފާސް ނުވެގެން ވެމްކޯ އަށް ވަންނާނެ މީހަކު ޓެގްކޮށްބަލާ"ށޭ ބުނެފައިވާ މީމް އަށް ފާޑުކިޔައި އެތައް ބަޔަކު އަންނަނީ ރައްދު ދެމުންނެވެ.

ކުނި އުކާ މީހުންނަށް ޖޯކު ޖަހާފައިވާ ޕޯސްޓް

ތިން ސަތޭކައާ ގާތްކުރާ އަދަދެއްގެ ކޮމެންޓް ލިބިފައިވާ މި ޕޯސްޓާ ގުޅިގެން އެންމެންހެން ބުނަނީ އެއް ވާހަކައެކެވެ؛ ހަލާލު ފައިސާ ލިބެންޏާ، އެއްވެސް ވަޒީފާއަކީ ދެރަ ވަޒީފާއެއް ނޫނެވެ؛ އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނޫނެވެ.

މި މީމް އަށް ގާތްގަނޑަކަށް 250 ރިއެކްޝަން ލިބިފައިވާ އިރު އޭގެ ތެރެއިން 150 އަށް ވުރެ ގިނަ މީހުން ފާޅުކޮށްފައިވަނީ ރުޅިވެރިކަމެވެ. ގިނަ ބަޔަކު ބުނަނީ މި ޕޯސްޓް "އެއްގޮތަކަށް ވެސް މަޖަލެއް ނޫން" ކަމަށެވެ.

"މިއީ މަޖާ ކަމެކޭ ކަލޭމެންގެ ހިތަށް ވެސް އެރީތީ އަހަރެމެން ހަމަ ހައިރާން ވެއްޖެ،" ޒުވާން އަންހެނަކު ކޮމެންޓްކުރި އެވެ.

"ބަޔަކު އާމްދަނީ ހޯދަން ކުނި އުކުމަކީ މައްސަލައެއްތަ؟ ކަމެއް ނުކޮށް މައިންބަފައިންގެ ފައިސާ އިން ދިރިއުޅުމާއި ގަވާއިދާ ހިލާފު ކަންތައްތައް ކޮށްގެން އާމްދަނީ ހޯދުމަށް ވުރެ މިކަން މާ ރަނގަޅު."

"ކަލޭމެން ތިއީ ވަރަށް ހަނި ވިސްނުމެއްގެ ބައެއް. ތެދުވެރިކަމާއި ނަޒާހާތްތެރިކަމާ އެކު ކުރާ އެއްވެސް މަސައްކަތަކީ ލަދުވެތި ކަމެއް ނޫން،" އެހެން މީހަކު ބުންޏެވެ.

"އަހަރެމެންގެ ގައުމުގެ ހުރިހާ ވެސް މައްސަލައަކީ މިއީ. ގިނަ މީހުން މި ދެކެނީ ވެމްކޯގައި ނުވަތަ ފިހާރައެއްގައި ނުވަތަ ރެސްޓޯރެންޓެއްގައި މަސައްކަތްކުރުމަކީ އިހުތިރާމް ލިބެން ނުޖެހޭ ކަމެކޭ،" އެއް ކޮމެންޓެއްގައި ބުނެފައިވެ އެވެ.

މާލޭގެ ކުނިއުކާލުމުގެ މަސައްކަތުގައި ވެމްކޯގެ މުވައްޒަފުން ހަރަކާތްތެރިވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލޭގެ ކުނިއުކާލުމުގެ މަސައްކަތުގައި ވެމްކޯގެ މުވައްޒަފުން ހަރަކާތްތެރިވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެކަކު ފާހަގަކުރި ގޮތުގައި ކޮންމެ މީހަކީ ޑޮކްޓަރަކަށް ނުވަތަ އިންޖިނިއަރަކަށް ވާކަށް ނުޖެހެ އެވެ. އަދި ވަޒީފާގެ ބާޒާރުގައި ވާދަވެރިކަން ބޮޑުވެގެން ގޮސް، ތައުލީމީ މީހުންނަށް ވެސް ވަޒީފާ ނުލިބިގެން އުޅޭ ޒަމާނެއްގައި ދެ އަތް އުރާލައިގެން ތިބުމަށް ވުރެ ކޮންމެވެސް ކަމެއް ކުރުން މާ ރަނގަޅު ކަމަށް އޭނާ ބުންޏެވެ.

ފާޑުކިޔުން ބޮޑުވެގެން ގޮސް، މީމް ހެދި މީހުން މިހާރު ވަނީ މައާފަށް އެދިފަ އެވެ. އެ ޕޭޖުގައި ލިޔެފައިވާ ގޮތުގައި އެއްވެސް މީހަކު ނުވަތަ އެ މީހެއްގެ މަސައްކަތް ދަށްކޮށްލުމުގެ މަގްސަދެއް އެ މީހުންގެ ނެތެވެ. އެކަމަކު ފަހުން އަނެއްކާވެސް އަމިއްލަ ދިފާއުގައި ލިޔުނު ޕޯސްޓެއްގައި، ވެމްކޯ އިން މަސައްކަތް ފަށައިގަތް އިރު ޚިދުމަތް ނުލިބިގެން އަމިއްލަ އަށް ކުނި އުކާލަން ޖެހުނީމާ ޝަކުވާކުރީ ކިތައް މީހުންތޯ ސުވާލުކޮށްފައިވެ އެވެ. އެއާ އެކު ބައެއް މީހުން ވަނީ އެ ވާހަކަ އަށް ވެސް ރައްދު ދީފަ އެވެ.

"ވެމްކޯގެ ޚިދުމަތް ނުލިބިގެން ޝަކުވާކުރުމާއި ވެމްކޯގައި ވަޒީފާ އަދާކުރާ މީހުންނަށް މަލާމާތްކޮށް ޕޯސްޓް ހެދުމަކީ ވަރަށް ތަފާތު ދެ ކަންތައް،" އެކަކު ކޮމެންޓްކުރި އެވެ.

ކުނި އުކާލަން ދިވެހިން ނުކުތުމަކީ ވިސްނުމަށް އައި ބޮޑު ބަދަލެކެވެ. ބައެއް މަސައްކަތްތަކަކީ ދިވެހިންނަށް އެކަށީގެން ނުވާ، ހަމައެކަނި ބިދޭސީން ކުރަން ޖެހޭ "ހަޑި" ކަންތައްތަކެއް ކަމަށް ގަބޫލުކުރެވިފައި އޮތް އޮތުން ބަދަލުކޮށްލެވިދާނެ ކަމުގެ އިޝާރާތެކެވެ.

އެއް ބަޔަކު އަދިވެސް އެކަމަށް ތައްޔާރު ނޫންކަން މި މީމް އިން އެނގެ އެވެ. އެކަމަކު އެއަށް ދިވެހިން ދިން ވަރުގަދަ ރައްދުން ލިބެނީ އެއަށް ވުރެ މާ އުއްމީދީ މެސެޖެކެވެ.