Roadha Mihaaru
900 މުވައްޒަފުން ވަކިކުރި ސީއީއޯ އެކަހެރިކޮށްފި

ޒޫމް ކޯލަކުން 900 މުވައްޒަފުން ވަކިކުރި ސީއީއޯ މަގާމުން އެކަހެރިކޮށްފި

12 ޑިސެމްބަރ 2021

މިދިޔަ ހަފުތާގައި ޒޫމް ކޯލަކުން 900 މުވައްޒަފުން މަގާމުން ވަކިކުރި އެމެރިކާގެ ކުންފުނި، ބެޓަ.ކޮމްގެ ސީއީއޯގެ މަގާމުން އެކަހެރިކޮށް، ކުންފުނީގެ ބޯޑުން އޭނާގެ މައްސަލަ ބަލަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ހަފުތާގައި ޒޫމް ކޯލަކުން 900 މުވައްޒަފުން މަގާމުން ވަކިކުރި އެމެރިކާގެ ކުންފުނި، ބެޓަ.ކޮމްގެ ސީއީއޯގެ މަގާމުން އެކަހެރިކޮށް، ކުންފުނީގެ ބޯޑުން އޭނާގެ މައްސަލަ ބަލަން ފަށައިފި އެވެ.

ޑިޖިޓަލް މޯގޭޖް ކުންފުންޏެއްގެ ގޮތުގައި 2012 ގައި ވުޖޫދަށް އައި ކުންފުނީގެ ސީއީއޯ ވިޝާލް ގަރްގް ކުންފުނީގެ މުވައްޒަފުން ނުވަ ޕަސެންޓް މުވައްޒަފުން މަގާމުން ވަކިކުރީ ޒޫމް ކޯލަކަށް ދައުވަތު ދިނުމަށްފަހު އެވެ. އެގޮތުން މި މަހުގެ 3 ގައި ކުރިއަށް ގެންދިޔަ ކޯލުގައި ބައިވެރިވި މުވައްޒަފުންނާ މުހާތަބުކޮށް އެ ކޯލުގައި ބައިވެރިވި އެންމެން މިހާރު ތިބީ އެ މީހުންގެ ވަޒީފާ ގެއްލިފައި ކަމަށް ބުންޏެވެ. މި ވާހަކަ ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ދައުރުވެ، ވަރަށް ގިނަ ބައެެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

ގިނަ ބަޔަކު އޭނާގެ އެ އަމަލު ސިފަކުރީ އެއްވެސް ވަރެއްގެ އިހުތިރާމެއް، ގަދަރެއް އަދި އޯގާތެރިކަމެއް ވެސް މުވައްޒަފުންގެ މައްޗަށް ނެތް ވެރިއެއްގެ ގޮތުގަ އެވެ.

ވިޝާލްގެ މި މައްސަލަ ހޫނުވުމުން ކުންފުނީގެ ބޯޑުން މިހާރު ވިޝާލް ޒިންމާތަކުން އެކަހެރިކޮށް، ބެޓާގެ ދުވަހުން ދުވަހުގެ މަސައްކަތް ބެލުމުގެ އިސްވެރިޔަކަށް ހަމަޖައްސާފައި ވަނީ ކުންފުނީ ޗީފް ފައިނޭޝަލް އޮފިސަރު (ސީއެފްއޯ) ކެވިން ރަޔަން އެވެ.

ވިޝާލް މަގާމުގެ ޒިންމާތަކުން އެކަހަރިކޮށް ކުންފުނީގެ ބޯޑުން އޭނާގެ "ހާޖާނުގަނޑު" އާ ގުޅޭ އެސެސްމަންޓެއް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

މީގެ ކުރިން ވެސް ވިޝާލް، 43، އަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ. އެއީ ކުންފުނީގެ އިސްވެސްޓަރުންނަށް އިޝާރާތްކޮށް "ނަޖިސްތަކެއް" ކަމަށް އަދި މުވައްޒަފުންނާ ދިމާއަށް "ފިނިހަކި ދުވެލި" ކަމަށް ބުނުމުންނެވެ.