Roadha Mihaaru
ގްރީން ބަލިކޮށް ނިއު އަށް ފަސް ޕޮއިންޓުގެ ލީޑެއް

ގްރީން ބަލިކޮށް ނިއު އަށް ފަސް ޕޮއިންޓުގެ ލީޑެއް

20 އޮކްޓޯބަރ 2017

މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ގްރީން ސްޓްރީޓްސްގެ މައްޗަށް 3-0 އިން ކުރިހޯދައި ނިއު ރޭޑިއަންޓް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް މިރޭ ނަގައިފި އެވެ.

މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ގްރީން ސްޓްރީޓްސްގެ މައްޗަށް 3-0 އިން ކުރިހޯދައި ނިއު ރޭޑިއަންޓް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް މިރޭ ނަގައިފި އެވެ.

ނިއު އެއް ވަނައިގައި އޮތީ ނުވަ މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް އަށް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، މި ދެ ޓީމު މާދަމާރޭ ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ނިއުގެ ލީޑު ދެ ޕޮއިންޓަށް ކުޑަވާނެ އެވެ. އެއްވަރުވެއްޖެނަމަ ނިއު އަށް ހަތަރު ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.

މި މެޗުން ބަލިވުމުން ގްރީން ސްޓްރީޓްސް އަށް ވަނީ ހަތަރު ވަނަ ގެއްލުމުގެ ބިރު ބޮޑުވެފަ އެވެ. އެއީ އެ ޓީމަށް ނުވަ މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، މާދަމާ ހަވީރު ދ.ކުޑަހުވަދޫ އަތުން ގދ. ތިނަދޫ މޮޅުވެއްޖެނަމަ އެ ޓީމަށް ހަތަރު ވަނަ އަށް އެރޭނެ އެވެ. ތިނަދޫ ހަތަރު ވަނައިގައި އޮތީ އަށް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ.

އެންމެ ފަހުން ކުޅުނު މެޗުގައި މިލަންދޫ ކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ނިއުގެ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. ގްރީން ސްޓްރީޓްސް އަށް މި މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ކާޑު ހަމަވުމުގެ ސަބަބުން އެ ޓީމުގެ ޔޫކްރޭނުގެ ޑިފެންޑަރު ކޮވަލްޗަކް ޕެޓްރޯ ސަސްޕެންޑުވެފައިވުމެވެ.

މެޗު ފަށައިގެން ދެ މިނިޓް ތެރޭ ނިއުގެ ސްޕެއިނު ފޯވާޑް އެޑްރިއަން ގަލާޑޯ ވަނީ ހަމަލާއެއް ފޮނުވާލައިފަ އެވެ. އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގަލާޑޯ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

އޭގެ މިނިޓެއް ފަހުން ނިއުގެ ކީޕަރު އިމްރާން މުހައްމަދު ކުރިއަށް ޖެހި ހުރި ވަގުތު ގްރީން ސްޓްރީޓްސްގެ ސްލޮވާކިއާ މިޑްފީލްޑަރު ވިލިއަމް މެކޯ ހާފްގެ މެދުތެރެއިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލު މަތިން ގޮސް ހުރަސް ދާގަނޑު މައްޗަށެވެ.

ގްރީން ސްޓްރީޓްސްގެ ޝާފީ (މ) އާއި ސާއިފް (ވ) ކައިރިން ނިއުގެ ދަގަނޑޭ ބޯޅަ ފޮނުވާލަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރީން ސްޓްރީޓްސްގެ ޝާފީ (މ) އާއި ސާއިފް (ވ) ކައިރިން ނިއުގެ ދަގަނޑޭ ބޯޅަ ފޮނުވާލަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގައި ގްރީން ސްޓްރީޓްސް އަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ ހަ ވަނަ މިނިޓްގައި އެ ޓީމުގެ ޒުވާން ކުޅުންތެރިއާ އަލީ ޝާމިސް (ތޮއްޕޭ) އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ތޮއްޕޭ އަށް ރަތް ކާޑު ދެއްކީ ނިއުގެ ސްޕެއިން މިޑްފީލްޑަރު ކަންޑޭލާ އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.

ގްރީން ސްޓްރީޓްސްގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި މެޗުގެ 14 ވަނަ މިނިޓްގައި ނިއު އަށް ލީޑު ނަަގައިދިނީ ޒުވާން ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ގަލާޑޯ އަރިމަތިން ނަގައިދިން ބޯޅަ ހަމްޕު ވަނީ ބޮލުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

މެޗުގެ 29 ވަނަ މިނިޓްގައި ނިއުގެ ލީޑުފުޅާކުރަން އޭރިއާ ތެެރެއިން ގަލާޑޯ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.

ފުރަތަމަ ހާފުގައި ނިއުގެ ރިލްވާން ވަހީދު (ރިލޭ)ގެ ފަރާތުން ގިނަ ފައުލުތަކެއް ފެނުނު ނަމަވެސް އޭނާ އަށް މެޗުގެ ރެފްރީ މުހައްމަދު ޖާވިޒް ކާޑެއް ނުދައްކާތީ ގްރީން ސްޓްރީޓްސްގެ އޮފިޝަލުން ވަނީ ވަރަށް ބޮޑަށް ޝަކުވާކޮށްފަ އެވެ.

ގްރީން ސްޓްރީޓްސް އިން ދެ ވަނަ ހާފަށް ނުކުތީ ބަދަލަކާ އެކު އެވެ. ކެޕްޓަން ފަރުހާދު އިސްމާއިލް (ފަރޭ)ގެ ބަދަލުގައި ޒުވާން ކުޅުންތެރިއާ މުހައްމަދު ނައްޒާމް ވަނީ ކުޅެން އަރުވައިފަ އެވެ.

މި ހާފް ފަށައިގެން 50 ވަނަ މިނިޓްގައި ސެންޓޭ ނަަގައިދިން ހުރަހަކުން އޭރިއާ ތެރެއަށް ހުސްކޮށް އަރައި އިބްރާހިމް ފަޒީލް (އޮއްޕޮ) ވެއްޓިގެންފައި ބޮލުން ފޮނުވާލި ބޯޅަ ފެނުގައި ޖެހިފައި ދިޔައީ އަރިމަތިން ބޭރަށެވެ.

ނިއު އަށް ދެ ވަނަ ލަނޑު ޖަހައިދިނީ މެޗުގެ 64 ވަނަ މިނިޓްގައި ސެންޓޭ އެވެ. އޭރިއާ ބޭރު ރޮނގުކައިރިން ދަގަނޑޭ ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ޖަޕާން ކީޕަރު ޖުން ކޮޗީ އަތުގައި ޖެހިފައި ލިބުނީ ގޯލު ކުރިމަތީގައި ހުރި ސެންޓޭ އަށެވެ. އޭނާ ވަނީ އެ ބޯޅަ ފަސޭހަކަމާ އެކު ގޯލަށް ފޮނުވާލައިފަ އެވެ.

ގްރީން ސްޓްރީޓްސް އިން ވަނީ މެޗުގެ ފަހު 20 މިނިޓަށް ރިޒްކޯގެ ބަދަލުގައި މުހުތާރު ނަސީރު (ޓޫކިލޯ) އާއި ވިލިއަމްގެ ބަދަލުގައި އަހުމަދު ނިޒާމް (ނިޒާމްބެ) ކުޅެން އަރުވައިފަ އެވެ. މި ދެ ބަދަލާ އެކު ގްރީން ސްޓްރީޓްސް އިން ކުޅުން ރަނގަޅުކުރި އެވެ. އެހެން ނަމަވެސް ނިއުގެ ގޯލަށް ނުރައްކާކުރެވޭ ވަރުގެ ހަމަލާއެއް ފޮނުވާނުލެވުނެވެ.

ނިއު އަށް ތިން ވަނަ ލަނޑެއް ޖެހުމަށް މެޗުގެ 76 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އޭރިއާ ތެެރެއިން ދަގަނޑޭ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ލަނޑު ޖެހުމަށް ފަހު ނިއުގެ ސެންޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލަނޑު ޖެހުމަށް ފަހު ނިއުގެ ސެންޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ ތިން ވަނަ ލަނޑު މެޗުގެ 85 ވަނަ މިނިޓްގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް މުހައްމަދު ރަޝީދު (ހޮކޭ) އެވެ. ނިއު އަށް ލިބުނު ކޯނަރަކުން އޭރިއާ ތެރެއިން ކުޅުންތެރިއަކު ގައިގައި ޖެހިފައި ލިބުނީ ހުސްކޮށްހުރި ހޮކޭ އަށެވެ. އޭނާ ވަނީ ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ލިބުނު ހިލޭ ޖެހުމަކުން ގްރީން ސްޓްރީޓްސްގެ ސޮބޮލް އިލިއާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑިކައިިރިން ބޭރުންނެވެ.

މެޗަާ ބެހޭގޮތުން ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ މެޗަކަށް ފަހު މެޗެއް އެ ޓީމުން އަންނަނީ ކުޅުން ރަނގަޅުކުރަމުން ކަމަށާއި މިއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"އަހަރެމެން މިހާރު މިދަނީ މެޗަކަށް ފަހު މެޗެއް ރަނގަޅުކުރަމުން. މި ލެވެލްގައި ހިފަހައްޓައިގެން ބޭނުންވާ ހިސާބަށް ދެވޭނީ. ކުޅުންތެރިން އަހަރެން ބޭނުންވި ގޮތަށް ކުޅެފި. ނަސީބު ވެސް ވަރަށް ރަނގަޅަށް ދިމާވީ މެޗު ފަށައިގަނެގެން އުޅެނިކޮށް އެ ޓީމުގެ އެއް ކުޅުންތެރިއަކު މަދުވުމުން އަހަރެމެންނަށް ފަސޭހަ ވެގެން ގޮސްފި،" އޮސްކާ ބުންޏެވެ.

އޭނާ ބުނީ ލީގުގެ އެއް ވަނައިގައި ލީޑެއް ލިބުނަސް އަދި ފަސޭހަ ނުކޮށްލާނެ ކަމަށާއި ބޭނުންވަނީ ކޮންމެ މެޗެއް ވެސް ކާމިޔާބު ކުރުމަށް ކަމަށެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން އޭގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވި ކަމަށެވެ.

"މެޗު ގާތްގަނޑަކަށް މި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށް. ދެން ހަގީގަތުގައި މާޅޮސް އަތުން ބަލިވުމުން ކުޅުންތެރިން ވަރަށް މޯރަލީ ދަށްކޮށް ތިބީ. މި މެޗުގައި ނިއު އިން ލަނޑު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސްނުކުރޭ. ކުޅުންތެރިއަކު މަދުވުމުން އަލުން މެޗުތެރެއަށް ވަންނަން އުނދަގޫވީ،" ސޮބާ ބުންޏެވެ.

މި މެޗުން ބަލިވުމުން ގަދަ ހަތަރެއްގެ ޖާގަ ގެއްލުނު ނަމަވެސް އަދި މާޔޫސްވާން ނުޖެހޭ ކަމަށާއި ކުރިއަށް ބައިވަރު މެޗުތަކެއް ހުރުމުން އުއްމީދު ބޮޑު ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެން ނުކުތީކީ ހަތަރު ތަށި ހޯދާކަށެއް ނޫން. އެކަން ކުރާނަމޭ ވެސް ނުބުނަން. ޓާގެޓަކީ އިރާދަކުރެއްވިއްޔާ ލީގު ނިމޭއިރު ގްރީން ސްޓްރީޓްސް ގަދަ ހަތަރެއްގައި އޮތުން،" ސޮބާ ބުންޏެވެ.

މާލޭ ލީގުގެ ދެ ވަނަ ހޯދި ގްރީން ސްޓްރީޓްސް އަށް ޕްރިމިއާ ލީގުގައި އަދި އެންމެ ރަނގަޅު ކުޅުމެއް ދެއްކޭގޮތް ވަނީ ނުވެފަ އެވެ.