Roadha Mihaaru
ލީގު ކާމިޔާބުކޮށް ނިއު ރޭޑިއަންޓް ތާރީހުގެ ތެރެއަށް

ދިވެހި ޕްރިމިއާ ލީގު ހަ ވަނަ ފަހަރަށް ނިއު އިން ކާމިޔާބުކޮށްފި

19 ނޮވެމްބަރ 2017

ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-2 އިން ކުރި ހޯދައި ބާކީ އެއް މެޗު އޮއްވައި ނިއު ރޭޑިއަންޓުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައި ލީގުގެ ރެކޯޑެއް ގާއިމްކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-2 އިން ކުރި ހޯދައި ބާކީ އެއް މެޗު އޮއްވައި ނިއު ރޭޑިއަންޓުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައި ލީގުގެ ރެކޯޑެއް ގާއިމްކޮށްފި އެވެ.

ނިއު ޗެމްޕިއަންކަން ހޯދީ 13 މެޗުން 37 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓީސީ އަށް ލިބިފައިވަނީ 12 މެޗުން 29 ޕޮއިންޓެވެ. ނިއު އަށް ލީގު ކަަށަވަރުވީ ބާކީ އެއް މެޗު އޮތްއިރު ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ޓީސީ އަށް ނިއުއާ އަރާހަމަ ނުކުރެވޭނެތީ އެވެ.

މިހާރު ނިއު އަކީ ލީގު އެންމެ ގިނައިން ހޯދި ޓީމެވެ. މީގެ ކުރިން ލީގު އެންމެ ގިނައިން ހޯދުމުގެ ރެކޯޑް ހިއްސާކުރަމުން އައީ ނިއު އާއި ވެލެންސިއާ އިންނެވެ. ދެ ޓީމު ވެސް ވަނީ ފަސް ފަހަރު ލީގު ހޯދައިފަ އެވެ. މިއީ ނިއު އިން ލީގު ހޯދި ހަ ވަނަ ފަހަރެވެ. އެ ޓީމުން ލީގު ހޯދީ 2006، 2012، 2013، 2014 އަދި 2015 ވަނަ އަހަރު އެވެ. ލީގު 2015 ވަނަ އަހަރު ޕްރިމިއާ ލީގަށް ރިބްރޭންޑްކުރި ފަހުން ނިއު ދެ ފަހަރު ލީގު ހޯދިއިރު، މާޒިޔާ ވަނީ އެއް ފަހަރު ހޯދައިފަ އެވެ. ނިއު އަށް ލީގުގެ ޝީލްޑް ހަވާލުކުރާނީ މި މަހުގެ 26 ވަނަ ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު އެވެ.

ލީގުގައި ޖެހިޖެހިގެން ހޯދި 11 ވަނަ މޮޅާ އެކު ނިއު އިން ލީގު ކަށަވަރުކުރިއިރު އެ ޓީމަށް ވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޖާގައެއް ލިބިފަ އެވެ.

މި މެޗަށް ނިކުތްއިރު ނިއު އަށް ސަސްޕެންޝަނާއި އަނިޔާގެ މައްސަލައެއް ދިމާވެފައިނުވާއިރު އެ ޓީމުން ނުކުތީ ލީގުގައި އެންމެ ފަހުން ދ. ކުޑަހުވަދޫއާ ދެކޮޅަށް ކުޅުނު ފުރަތަމަ އެގާރަ އަށް ބަދަލެއް ނުގެނެސް އެވެ. އެހެން ނަމަވެސް ޓީސީގެ ދެ ކުޅުންތެރިން ކަމަށްވާ މިޑްފީލްޑަރު ހަލީލާއި ވައިސް ކެޕްޓަން އަހުމަދު ފައްރާހު ވަނީ ސަސްޕެންޑްވެފަ އެވެ. އަދި އެ ޓީމުގެ ހަސަން ނާއިޒު (ދާދު) ވެސް އިނީ ބެންޗުގަ އެވެ.

ނިއު އިން ވަނީ މެޗުގެ ފުރަތަމަ ހަ މިނިޓް ތެރޭ ޓީސީ ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ.

މެޗު ފަށައިގެން ފުރަތަމަ މިނިޓް ތެރޭ ނިއުގެ އަލީ އަޝްފާގު (ދަގަނޑޭ) އަށް ޓީސީ އޭރިއާ ތެރެއިން ހުސްކޮށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެހެން ނަމަވެސް ބޯޅަ ދަގަނޑޭ އަށް ރަނގަޅަށް ކޮންޓްރޯލް ނުކުރެވުނެވެ.

އެހެން ނަމަވެސް އޭގެ މިނިޓެއް ފަހުން އަލީ ފާސިރު (ސެންޓޭ) ވަނީ ނިއު އަށް ލީޑުނަގައިދީފަ އެވެ. އަރިމަތިން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ބޭރުކޮށްލަން ޓީސީގެ ޑިފެންޑަރު މުރުތަލާ އަދުނާން ބޮލުން ފޮނުވާލި ބޯޅަ ލިބުނީ އޭރިއާ ތެރޭގައި ހުރީ ސެންޓޭ އަށެވެ. ސެންޓޭ ވަނީ ހަމަޖެހިލާފައި ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

މެޗުގެ ހަ ވަނަ މިނިޓްގައި ނިއު އަށް ލީޑުފުޅާކޮށްދިނީ ސެންޓޭ ނަގައިދިން ކޯނަރަކުން ސްޕެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ އެވެ. އޭނާ މި ލަނޑު ޖެހީ ޓީސީގެ ކީޕަރު ނޭޕާލްގެ ކިރަން ޝެމްޝޮން އަތްމަތިން އައި ބޯޅައެއް ބޮލުންނެވެ.

ނިއުގެ ދަގަނޑޭ (ވ) ހުއްޓުވަން ޓީސީގެ ބެންޖޯ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ ދަގަނޑޭ (ވ) ހުއްޓުވަން ޓީސީގެ ބެންޖޯ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ 10 މިނިޓަށް ފަހު ޓީސީން މެޗުގެ ތެރެއަށް އައިސް ކުޅުން ރަނގަޅުކުރި އެވެ. މި ގޮތުން މެޗުގެ 11 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު ސާމިރު ނަގައިދިން ބޯޅަ އޭރިއާ ތެރޭގައި ހުސްކޮށް ހުރެފައި އަލީ ނާފިއު (ކަޅޭ) ފޮނުވާލި ބޯޅަ ދިޔައީ މަތިންނެވެ.

މެޗުގެ 30 ވަނަ މިނިޓްގައި ޓީސީން ވަނީ މުރުތަލާ ބަދަލުގައި ދާދު ކުޅެން އަރުވައިފަ އެވެ. މި ބަދަލާ އެކު މުރުތަލާ ކުޅެމުން އައި ފުލްބެކް މަގާމަށް ބަދަލުވީ ސާމިރު އެވެ.

ނިއު އަށް ތިން ވަަނަ ލަނޑެއް ޖަހައިދޭން މެޗުގެ 31 ވަނަ މިނިޓްގައި ދަގަނޑޭ އަށް ހުސް ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ދަގަނޑޭ ޖެހި ބޯޅަ ކީޕަރު ކިރަން ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އޭރިއާ ތެރެއިން ސެންޓޭ ފޮނުވާލި ބޯޅަ ވެސް ކީޕަރު ކިރަން ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނިޓްގައި ޓީސީ އަށް އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ބެންޖޯ ފޮނުވާލި ބޯޅަ ކީޕަރު އިމްރާން މުހައްމަދު އަތުގައި ޖެހިފައި ލިބުނީ ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށެވެ. އޭނާ އޯވަހެޑްކިކަކުން ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.

މެޗުގެ 68 ވަނަ މިނިޓްގައި ސާމިރު ނެގި ކޯނަރަކުން ޓީސީގެ އަލާ ނާސިރު ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މެޗުގެ 73 ވަނަ މިނިޓްގައި ނިއުގެ ތިން ވަނަ ލަނޑު ޖެހީ ސެންޓޭ އެވެ. ކައުންޓަ އެޓޭކުގައި ދަގަނޑޭ ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު ހުސްކޮށްލާފައި ސެންޓޭ އަށް ދިން ބޯޅަ އޭނާ ގޯލު ތެރެއަށް ވައްދާލީ ކީޕަރު ކިރަން ގައިމަތިން ޗިޕަކުންނެވެ. އޭގެ މިނިޓެއް ފަހުން ދަގަނޑޭ އަށް ލަނޑު ޖަހަން ލިބުނު ފުރުސަތު އޭނާ އަތުން ބޭކާރުވި އެވެ.

ޓީސީ އަށް މެޗުގެ 78 ވަަނަ މިނިޓްގައި ލަނޑު ޖަހައިދިނީ ފޭދޫ އިއްބެ އެވެ. އޭރިއާ ތެރެއިން ފޭދޫ އިއްބެ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ނިއުގެ ޑިފެންޑަރެއް ފައިގައި ޖެހިފަ އެވެ. ލަނޑާ އެކު ޓީސީގެ ކުޅުން ރަނގަޅުވި އެވެ. އަދި މެޗުގެ 84 ވަނަ މިނިޓްގައި ފޭދޫ އިއްބެ ޓީސީ އަށް ދެ ވަނަ ލަނޑެއް ޖަހައިދިނެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ފޭދޫއިއްބެ ވަނީ ގޯލުގެ ކައިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

އިތުރު ލަނޑެއް ޖަހަން ޓީސީން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ކާމިޔާބު ކުރެވޭ ގޮތެއްނުވި އެވެ. ކައުންޓަ އެޓޭކުގައި ނިއު އިން ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ތަަނަވަސްކުރަން މަސައްކަތް ކުރި އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.