Roadha Mihaaru
ނިއު އަށް ޕޮއިންޓަކުން ފުދޭ، ޓީސީ ބޭނުންވަނީ މޮޅެއް

ނިއު އަށް ޕޮއިންޓަކުން ފުދޭ، ޓީސީ ބޭނުންވަނީ މޮޅެއް

19 ނޮވެމްބަރ 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗު ވެގެންދާނީ ލީގު ޗެމްޕިއަންކަން ހޯދާނެ ޓީމެއް ކަނޑައެޅުމުގައި މުހިއްމު މެޗަކަށެވެ. މި މެޗު އެއްވަރުކޮށްލައިގެން ވެސް ނިއު އަށް ލީގު ހޯދުމުގެ ފުރުސަތު އޮތްއިރު، ޓީސީ އަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ ނިއު ބަލިކޮށްގެންނެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗު ވެގެންދާނީ ލީގު ޗެމްޕިއަންކަން ހޯދާނެ ޓީމެއް ކަނޑައެޅުމުގައި މުހިއްމު މެޗަކަށެވެ. މި މެޗު އެއްވަރުކޮށްލައިގެން ވެސް ނިއު އަށް ލީގު ހޯދުމުގެ ފުރުސަތު އޮތްއިރު، ޓީސީ އަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ ނިއު ބަލިކޮށްގެންނެވެ.

ލީގުގެ އެއް ވަނައިގައި ނިއު އޮތީ 12 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަައިގައި އޮތް ޓީސީ އަށް 12 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. ލީގު ހޯދަން ބާކީ އޮތް ދެ މެޗުން ނިއު އަށް ބޭނުންވަނީ ދެ ޕޮއިންޓެވެ. އެކަމަކު މިއަދު ހަވީރު ޓީސީއާ ދެކޮޅަށް ކުޅޭ މެޗުން ނިއު ބަލިނުވެ ފަރުޖައްސާލައިފިނަމަ އެ ޓީމަށް ލީގު ޔަގީންވާނެ އެވެ.

ނިއު މެޗުން މޮޅުވިޔަސް ޓީސީ އަށް އަމިއްލަ ބާރުގައި ލީގު ހޯދޭނެ ގޮތެއް ނެތެވެ. އެއީ ޓީސީ އަތުން ނިއު ބަލިވި ނަމަވެސް އެންމެ ފަހު މެޗުގައި މާޒިޔާ ބަލިކޮށްގެން ނިއު އަށް ލީގު ހޯދުމުގެ ފުރުސަތު އޮތުމުންނެވެ. ޓީސީ އަށް ލީގު ލިބޭނީ ނިއު ކުޅޭ ދެ މެޗުން އެ ޓީމަށް ދެ ޕޮއިންޓް ނުލިބި، ޓީސީ ކުޅޭ ދެ މެޗުން މޮޅުވެގެންނެވެ. ނިއުގެ އިތުރުން ދެން ޓީސީ ކުޅެން ޖެހޭނީ ލީގު ފަހު މެޗުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.

ނިއުގެ ކޯޗު އޮސްކާ: ޓީސީ ބަލިކުރަން ބޭނުންވާ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ ކޯޗު އޮސްކާ: ޓީސީ ބަލިކުރަން ބޭނުންވާ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ޑިވިޝަނަށް 2015 ވަނަ އަހަރު ޓީސީ ޕްރޮމޯޓްވި ފަހުން މިދިޔަ ދެ ސީޒަނުގައި ނިއު އަށް އެ ޓީމު އަތުން މޮޅެއް ހޯދުމަކީ އުނދަގޫކަމެކެވެ. އެހެން ނަމަވެސް މި ސީޒަނުގައި މިހާތަނަށް މި ދެ ޓީމު ކުޅުނު ތިން މެޗުން ވެސް މޮޅުވީ ނިއު އެވެ. މާލޭ ލީގުގައި ޓީސީއާ ދެކޮޅަށް ނިއު އިން ދެ މެޗުގައި ވެސް ނުކުތީ ޕޯޗުގަލްގެ ކޯޗު ބެނާޑޯ ޓަވަރޭސްގެ އިރުޝާދުގެ ދަށުންނެވެ. އެ ދެ މެޗުން މޮޅުވީ 2-1 އަދި 4-3 އިންނެވެ. އޮސްކާގެ ކޯޗުކަމުގައި ޕްރިމިއާ ލީގުގައި ނިއު މޮޅުވީ 3-1 އިންނެވެ. ޓީސީ ޕްރިމިއާ ލީގުގައި މިހާތަނަށްވި ހަމައެކަނި ބައްޔަކީ މި މެޗެވެ.

ނިއުގެ ކޯޗު އޮސްކާ ބުނީ ޓީސީ އަކީ ނިއުގެ ސްޓައިލާ ވަރަށް އެއްގޮތް ގޮތަކަށް ކުޅޭ ޓީމެއް ކަމަށާއި އެހެން ކަމުން މިއަދުގެ މެޗު ވެގެންދާނީ ރީތި ފުޓްބޯޅަ އަށް ލޯބިކުރާ މީހުންނަށް ޕާޓީ އަކަށް ކަމަށެވެ. އަދި ހުރިހާ ވިސްނުމެއް ހުރީ ނިއު އާ ލީގަށް ވާދަކުރާ ޓީސީ ބަލިކޮށް ސްޓައިލުގައި ޗެމްޕިއަންކަން ހޯދުމަށް ކަމަށެވެ.

މިލަންދޫއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށް ފަހު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ނިއު އަށް އިޝާރަތްކޮށް ބުނީ ސަތޭކަ ޕަސެންޓް އެނގޭ އެއްޗަކީ "އެ މީހުން ބަލިނުވެ މިކަން ނުނިމޭނެކަން" ކަމަށެވެ. ލީގު ލިބުމުގެ ހަނި ފުރުސަތެއް އޮތަސް އޭގެ އަށް ވެސް ޓީސީން މަސައްކަތް ކުރާނެ ކަމަށް ނިޒާމްބެ ވަނީ މީގެ ކުރިން ބުނެފަ އެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ): މިއީ ޓީސީ އަށް މުހިއްމު މެޗެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ): މިއީ ޓީސީ އަށް މުހިއްމު މެޗެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލީގުގެ މިހާ ހިސާބަށް އައިއިރު ލަނޑު ޖެހުމުގެ ރެކޯޑް އެންމެ ރަނގަޅު ދެ ޓީމަކީ ވެސް ޓީސީ އާއި ނިއު އެވެ. ދެ ޓީމު ވެސް 12 މެޗު ކުޅުނުއިރު، ނިއު އިން ވަނީ 39 ލަނޑު ޖަހައިފަ އެވެ. އަދި ޓީސީން ވަނީ 25 ލަނޑު ކާމިޔާބު ކޮށްފަ އެވެ. މި ސީޒަނުގެ ލަނޑު ލިސްޓަށް ބަލާއިރު ވެސް ކުރީގައި އޮތީ މި ދެ ޓީމުގެ ކުޅުންތެރިންނެވެ. ނިއު އަަށް ކުޅޭ ސްޕެެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ އާއި ޓީސީ އަށް ކުޅޭ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ދެ ކުޅުންތެރިން ވެސް ވަނީ 18 ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ލީގު ޗެމްޕިއަންކަން ހޯދާ ޓީމަށް އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގައެއް ލިބޭއިރު މި މެޗަކީ އެ ގޮތަށް ބަލާއިރު ވެސް މުހިއްމުކަން ބޮޑު މެޗެކެވެ. ނިއު އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.