Roadha Mihaaru
މީމިސްގެ މޮބައިލް އެޕްލިކޭޝަން ލޯންޗުކޮށްފި

މީމިސްގެ މޮބައިލް އެޕްލިކޭޝަން ލޯންޗުކޮށްފި

26 އޮކްޓޯބަރ 2017

ތައުލީމީ ދާއިރާއާ ގުޅޭ މުހިއްމު މައުލޫމާތު ލިބޭ "މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމިސް)" ގެ މޮބައިލް އެޕްލިކޭޝަން މިއަދު ލޯންޗުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތައުލީމީ ދާއިރާއާ ގުޅޭ މުހިއްމު މައުލޫމާތު ލިބޭ "މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމިސް)" ގެ މޮބައިލް އެޕްލިކޭޝަން މިއަދު ލޯންޗުކޮށްފި އެވެ.

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެޕް ލޯންޗުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

މީމިސްއަކީ ސްކޫލުތަކާއި ދަރިވަރުންނަށް އަދި ހުރިހާ މުވައްޒަފުންގެ މައުލޫމާތު އެއްކޮށް، ފަސޭހައިން ބެލޭނެ ސިސްޓަމެކެވެ. މީގެ ކުރިން ތައުލީމީ ދާއިރަގެ ތަފާސް ހިސާބުތައް ބެލެހެއްޓީ މެނުއަލްކޮށް ކަމަށް ވުމުން ދަތިތަކާ ކުރިމަތިިވި ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

ޔުނިސެފުގެ އެހީތެރިކަމާ އެކު މިދިޔަ ޖުލައި މަހު ލޯންޗުކުރި މި ސިސްޓަމް މެދުވެރިކޮށް ދަރިވަރުން ސްކޫލަށް ހާޒިރުވާކަން ކަށަވަރުކުރުމާއި ދަރިވަރުންގެ އަހުލާގާއި ކިޔެވުމާއި ސިއްހަތާ ގުޅުން ހުރި މައުލޫމާތުތައް ދުވަހުން ދުވަހަށް އެއްކުރެވޭނެ އެެވެ.

މިނިސްޓްރީން ބުނިގޮތުގައި ކޮންމެ ޓީޗަރަކަށް ވެސް ކުލާހުގައި ހުރެ، ފޯނުން ހާޒިރީ ބެލުމުގެ ފަސޭހަކަންް ލިބިގެންދާނެ އެވެ. އެކަންކަމަށް ބޭނުންވާ އިންޓަނެޓާއި ވައިފައިގެ ހިދުމަތް ވެސް ރަނގަޅު ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މީމިސް މޮބައިލް އެޕްލިކޭޝަން ލޯންޗުކުރަން ބޭއްވި ހަފުލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވާހަކަދައްކަވަނީ.--ފޮޓޯ: ނިޝާން އަލީ/ މިހާރު

މީމިސް މޮބައިލް އެޕްލިކޭޝަން ލޯންޗުކުރަން ބޭއްވި ހަފުލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވާހަކަދައްކަވަނީ.--ފޮޓޯ: ނިޝާން އަލީ/ މިހާރު

މީމިސް އެޕް މެދުވެރިކޮށް ދަރިވަރުންގެ ހާޒިރީ ބެލުމުގެ އިތުރުން އިމްތިހާނުތަކުގެ ނަތީޖާތަކާއި ދަރިވަރުންގެ އަހުލާގީ ރިކޯޑުތައް ފަސޭހަކަމާއެކު ބެލެހެއްޓިގެންދާނެ އެވެ. އެހެންކަމުން އެ މައުލޫމާތުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާކަމަށް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ބެލެނިވެރިންނަށް ހާއްސަކޮށްގެން އެޕެއް ލޯންޗުކުރާނެ ކަމަށެވެ. އެ މެދުވެރިކޮށް އެ މީހެއްގެ ބެލެނިިވެރިކަމުގެ ދަށުގައިވާ ދަރިވަރުންގެ މައުލޫމާތުތައް ފަސޭހަކަމާއެކު ބަލައިލެވޭނެ ކަމަށް ވިދާޅުވި އެވެ.

މީމިސްގައި ރައްކާތެރިކޮށްފައިވަނީ ދަރިވަރުންގެ ޒާތީ މައުލޫމާތުތަކަށް ވުމުން، އެ މައުލޫމާތުތައް ބޭނުންކުރާނީ ދަރިވަރުންގެ ފެންވަރު ރަނގަޅު ކުރަން ކަމަށް ވިދާޅުވި އެވެ.