Roadha Mihaaru
ދަރިވަރުން ހަވާލުކުރާ މީހަކު ޔަގީންކުރަން އަންގައިފި

ދަރިވަރުން ފާހާނާއަށް ފޮނުވަން ހަވާލުކުރާ މީހާ ޔަގީންކުރަން ޓީޗަރުންނަށް އަންގައިފި

01 ނޮވެމްބަރ 2021

ޕްރީސްކޫލުތަކުގެ ދަރިވަރުން ފާހާނާއަށް ފޮނުވާ ވަގުތާއި އިތުރު ހަރަކާތްތަކުގައި އުޅޭއިރު ވެސް ކްލާސް ޓީޗަރު ނޫން އެހެން މީހަކާ އެ ކުދިން ހަވާލުކުރާ ނަމަ، އެއީ ކާކުކަން ޔަގީންކުރަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ޓީޗަރުންނަށް އަންގައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޕްރީސްކޫލުތަކުގެ ދަރިވަރުން ފާހާނާއަށް ފޮނުވާ ވަގުތާއި އިތުރު ހަރަކާތްތަކުގައި އުޅޭއިރު ވެސް ކްލާސް ޓީޗަރު ނޫން އެހެން މީހަކާ އެ ކުދިން ހަވާލުކުރާ ނަމަ، އެއީ ކާކުކަން ޔަގީންކުރަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ޓީޗަރުންނަށް އަންގައިފި އެވެ.

ދަރިވަރުންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޑިއުކޭޝަން މިިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ސްކޫލުތަކަށް ފޮނުއްވި ސާކިއުލާގައި ބުނެފައި ވަނީ ޕްރީސްކޫލް ގްރޭޑުތަކުގައި ދަރިވަރުން ސްކޫލުގައި ހޭދަކުރާ ހުރިހާ ވަގުތެއްގައި އެ ކުދިންނަށް ޒިންމާވާނެ ޓީޗަރުން، އެ ކުދިންނާ ހަވާލުވެ ހުރިކަން ސްކޫލުތަކުގެ ޕްރިންސިޕަލުން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.

"ހާއްސަކޮށް ބޭބީ ނާސަރީ އަދި ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުން ފާހާނާއަށް ފޮނުވާ ވަގުތާއި އެހެނިހެން ހަރަކާތްތަކުގައި ދަރިވަރު ކުލާސް ޓީޗަރު ނޫން ފަރާތަކާ ހަވާލުކުރެވޭނެ ނަމަ އެއީ ކޮން ފަރާތެއްކަން ޓީޗަރުން ރަނގަޅަށް ކަށަވަރު ކުރައްވަންވާނެ އެވެ،" އެ ސާކިއުލާގައިވެ އެވެ.

މިނިސްޓްރީ ސްކޫލުތަކަށް ސާކިއުލާއެއް މި ފޮނުވީ ގަލޮޅު ސްކޫލްގައި ކިޔަވާ ކުޑަ އަންހެން ކުއްޖަކަށް، އެ ސްކޫލުގެ މަސައްކަތު މީހަކު ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުކޮށްފައި ވާތީ، އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށެވެ. މި މައްސަލައިގައި ވަނީ އެ ސްކޫލުގައި މަސައްކަތްކުރާ ހުރިހާ މަސައްކަތު މީހުން ސަސްޕެންޑުކޮށްފަ އެވެ.

ހަތަރު އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ އަނިޔާވެފައިވަނީ މަސައްކަތު މީހެއްގެ ބެލުމުގެ ދަށުން ފާހާނާ އަށް ފޮނުވި ފަހުން ކަމަށް ކުއްޖާގެ ބެލެނިވެރިން ވަނީ ބުނެފަ އެވެ. ނަމަވެސް ކުއްޖާ ފާހާނާ އަށް ގެންދަން ހަވާލުކުރި ވަކި މީހަކު ނޭނގޭ ކަމަށް ސްކޫލުން ބުނެފައިވާ ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.

އެ ކުއްޖާގެ ބެލެނިވެރިން "މިހާރު" އަށް ކިޔައިދީފައިވާ ގޮތުގައި ކުއްޖާ ހަވާލުކުރެވުނު މީހެއް ހަނދާން ނެތް ކަމަށް ޓީޗަރު ވަނީ ބުނެފަ އެވެ.