Roadha Mihaaru
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ ޓެސްޓް ޕައިލް ޖަހައިފި

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް އަޅަން ޓެސްޓް ޕައިލްތަކެއް ޖަހައިފި

26 އޮކްޓޯބަރ 2017

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަޅަން ޓެސްޓް ޕައިލްތަކެއް ޖަހައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަޅަން ޓެސްޓް ޕައިލްތަކެއް ޖަހައިފި އެވެ.

ރާއްޖޭގެ މައި އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ސްޓީލް އާއި ބިއްލޫރި ބޭނުންކޮށްގެން ހަދާ އާ ޓާމިނަލްގެ މަސައްކަތް ފެށުމުގެ ކުރިން ޖެހި ޓެސްޓް ޕައިލްތަކުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި އެ އަށް ބިނާކޮށްގެން ޕައިލްތައް ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޕައިލްތައް ޖެހުމަށް ފަހު އޭގެ ޓެސްޓްތައް މިހާރު ވަނީ ނިމިފައި. އެކަމަކު އެތަނުގެ އަމަލީ މަސައްކަތަށް ބޭނުންވާ ޕައިލް ރާއްޖެ ގެންނަން ދެ ތިން މަސް ނަގާނެ. އެ ޕައިލްތައް ގެނައުމާއެކު ވަރަށް ބާރަށް މަސައްކަތް ކުރިއަށް ދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް އަމާޒުކޮށްގެން ހަދާ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕާ އެވެ.

އެމްއޭސީއެލް އިން ކުރިން ބުނެފައިވާ ގޮތުގައި، އެއާޕޯޓް ތަރައްގީ ކުރުމުގެ މުޅި މަޝްރޫއަށް 800 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތެއް ނިންމުމަށް ކަނޑައަޅާފައި ވަނީ އަންނަ އަހަރަށެވެ. ނަމަވެސް ޓާމިނަލްގެ މަސައްކަތް މުޅިން ނިމޭނީ 2019 ވަނަ އަހަރު އެވެ.

އެމްއޭސީއެލް އިން ބުނާ ގޮތުގައި މިހާރު ބޭނުންކުރާ އިންޓަނޭޝަނަލް ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑު އާ އިމާރާތުގައި ޒަމާނީ ފެންވަރުގެ ވަސީލަތްތައް ހުންނާނެ އެވެ. އެގޮތުން ހަ އެއިރޯ ބްރިޖާއި އެންމެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމެއް ގާއިމްކުރާނެ އެވެ. މީގެ އިތުރުން ޑިއުޓީ ފްރީ ފިހާރަ އެތައް ގުނައެއް ބޮޑުކުރާނެ އެވެ.