Roadha Mihaaru
ކުޅި ނުހިއްކާ ވެސް އެއާޕޯޓު އެޅިދާނެ ތިން ތަނެއް

ކުޅި ނުހިއްކާ ވެސް އެއާޕޯޓު އެޅިދާނެ ތިން ތަނެއް

27 އޮކްޓޯބަރ 2017

ހދ. ކުޅުދުއްފުއްޓަށް އެއާޕޯޓެއް ބޭނުން ނުވާ ކަމަށް އެތައް ބަޔަކު އެބަ ބުނެ އެވެ. އެކަމަކު ރަށު ކައުންސިލުން ބުނާގޮތުގައި އެ ރަށުގެ "95 ޕަސެންޓް" މީހުން އެއާޕޯޓެއް ބޭނުންވެ އެވެ. އެހެންވީމާ ކުޅުދުއްފުށީ މީހުންގެ އަޣުލަބިއްޔަތަށް އިހުތިރާމްކުރަމާ ހިނގާށެވެ. ނަމަވެސް މައްސަލަ ދިމާވާ ހިސާބަކީ މި އެވެ؛ ރަށުގެ މުހިއްމު ކުޅި ހިއްކައިގެން ނޫނީ އެއާޕޯޓެއް އެޅެން ނެތިއްޔާ، ކައުންސިލުން ބުނާގޮތުގައި، އެކަމަށް ވެސް އެ މީހުން ތާއީދެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ހދ. ކުޅުދުއްފުއްޓަށް އެއާޕޯޓެއް ބޭނުން ނުވާ ކަމަށް އެތައް ބަޔަކު އެބަ ބުނެ އެވެ. އެކަމަކު ރަށު ކައުންސިލުން ބުނާގޮތުގައި އެ ރަށުގެ "95 ޕަސެންޓް" މީހުން އެއާޕޯޓެއް ބޭނުންވެ އެވެ. އެހެންވީމާ ކުޅުދުއްފުށީ މީހުންގެ އަޣުލަބިއްޔަތަށް އިހުތިރާމްކުރަމާ ހިނގާށެވެ. ނަމަވެސް މައްސަލަ ދިމާވާ ހިސާބަކީ މި އެވެ؛ ރަށުގެ މުހިއްމު ކުޅި ހިއްކައިގެން ނޫނީ އެއާޕޯޓެއް އެޅެން ނެތިއްޔާ، ކައުންސިލުން ބުނާގޮތުގައި، އެކަމަށް ވެސް އެ މީހުން ތާއީދެވެ.

"ކުޅުދުއްފުށީގެ ކުޅިއަކީ ހަމައެކަނި އެ ރަށުގެ ތަރިކައެއް ނޫން" ކަމަށާއި "އެއީ މުޅި ރާއްޖެ އަށް މުހިންމު ގައުމީ ތަރިކައެއް"ގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ވެސް މުހިއްމު ތަނެއް ކަމަށް ތިމާވެއްޓަށް ލޯބިކުރާ ފަރާތްތަކުން ދެކެ އެވެ. އެހެންވީމާ، އެ ކުޅި ހިއްކައިގެން އެއާޕޯޓެއް އަޅަން ކުޅުދުއްފުށީގެ "95 ޕަސެންޓް މީހުން" ބޭނުންވިޔަސް އަދި ކުޅީގައި ބޮނބި ފާކޮށްގެން އާމްދަނީ ހޯދާ މީހުންގެ ތާއީދު ވެސް އެކަމަށް އޮތަސް، ކުޅި ހިމާޔަތްކުރަން ބޭނުންވާ މީހުން ތިބީ ދޫދޭ ގޮތަކަށް ނޫނެވެ.

އެކަމަކު ދެ ފަރާތް ވެސް ރުއްސައިގެން ކުޅުދުއްފުށީ މީހުންނަށް އެއާޕޯޓެއް އަޅައިދެވިދާނެ ގޮތެއް ފަހަރުގައި އެބަ އޮތެވެ.

އެމްޓީސީސީގެ ކޮންނަބޯޓު މިހާރު ވެސް ކުޅުދުއްފުށީގައި ބަނދަރުކޮށްފައި އޮތް އިރު ކުޅީގެ 12 ހެކްޓަރުގެ ތެރެއިން ނުވަ ހެކްޓަރު ހިއްކަން އަންނަ ހަފްތާގައި ފަށަން ހުރިހާ ކަމެއް އޮތީ ނިންމައިފަ އެވެ. އެހެންވީމާ މާސިންގާ މަހާ ޖައްރާފުގެ ކިބައިން އެ ކުޅި ސަލާމަތްވާނެ ކަމުގެ އުއްމީދެއް މިހާރަކު ނެތެވެ. އެކަމަކު ކުޅީގެ ހިމާޔަތުގައި ތެދުވި މީހުން އެ މީހުންގެ ޒިންމާ އަދާކޮށްފި އެވެ. އެއާޕޯޓް އަޅަން އެ ކުޅި ހިއްކައިގެން ނުވާނެ ސަބަބުތައް ބުނެދީފި އެވެ. އަދި އެއް ބްލޮގަރަކު ވަނީ ކުޅި ނުހިއްކާ ވެސް އެއާޕޯޓު އެޅިދާނެކަން ތަފްސީލްކޮށް ކިޔައިދީފަ އެވެ.

ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ކުރިމަތިވި، ތިމާވެށި ހިމާޔަތްކުރުމާއި އުމްރާނީ ތަރައްގީ ފުށުއެރުމުގެ އެންމެ ޚިޔާލުތަފާތުވުން ބޮޑު މައްސަލައިގެ ހައްލެއްގެ ގޮތުގައި ތިން އިޚްތިޔާރެއް ސަރުކާރަށް އެބަ އޮތް ކަމަށް އޭނާ ދެކެ އެވެ.

ރާއްޖެ އިން ބޭރުގައި ކިޔަވަން ހުރެ ވޯޑްޕްރެސްގައި "ދެޓް މޯލްޑިވްސް ބްލޮގް" ޝާއިއުކުރަމުން އަންނަ ލިޔުންތެރިޔާ ގަބޫލުކުރަނީ ކުޅުދުއްފުއްޓަށް އެއާޕޯޓެއް ބޭނުން ނުވާ ކަމަށެވެ. އޭނާގެ ލިޔުމުގެ ސުރުޚީއަކީ ވެސް އެއީ އެވެ. އެކަމަކު އޭނާ ބުނަނީ، އެ ރަށު މީހުންނަށް އެއާޕޯޓެއް އަޅައިދޭން ސަރުކާރުން ކޮންމެހެން ބޭނުމިއްޔާ ކުޅި ނުހިއްކާ ވެސް އެކަން ކުރެވިދާނެ ކަމަށެވެ.

ކާކުކަން ބުނަން ބޭނުން ނުވާ ބްލޮގަރަށް ފެންނަ އެންމެ ރަނގަޅު އިޚްތިޔާރަކީ ކުޅުދުއްފުއްޓާ ހަތަރު ކިލޯމީޓަރު ދުރުގައި އޮތް ނޮޅިވަރަމުގައި މި އެއާޕޯޓް އެޅުމެވެ. އެއީ ގާތްގަނޑަކަށް މާލެ އާއި ހުޅުލެއާ ދެމެދުގެ ދުރުމިން ކަމަށްވާ އިރު ހަނިމާދޫ އެއާޕޯޓުން ކުޅުދުއްފުއްޓަށް ދިޔުމަށް ވުރެ ދަތުރު މާ ބޮޑަށް ވެސް ލުއިވާނެކަން އޭނާ ފާހަގަކުރެ އެވެ. ބްލޮގަރު ބުނަނީ ކުޑަވެގެން 1.2 ކިލޯމީޓަރުގެ ރަންވޭއެއް (ހަނިމާދޫ އެއާޕޯޓާ އެއްވަރު) ނޮޅިވަރަމުގައި އެޅިދާނެ ކަމަށާއި އެ ރަންވޭ 1.7 ކިލޯމީޓަރާ ހަމައަށް ވެސް ބޮޑުކުރެވިދާނެ ކަމަށެވެ. އެއާޚިލާފަށް، މީހުންގެ ގެދޮރު ތަޅާނުލައި، ކުޅުދުއްފުށީގައި އެޅޭނީ އެއަށް ވުރެ ކުޑަ، 900 މީޓަރުގެ ރަންވޭއެއް ކަމަށް އޭނާ ދެކެ އެވެ.

ނޮޅިވަރަމުގައި އެއާޕޯޓެއް އެޅިދާނެކަން ދައްކައިދީފައި. ފޮޓޯ: ދެޓް މޯލްޑިވްސް ބްލޮގް

ނޮޅިވަރަމުގައި އެއާޕޯޓެއް އެޅިދާނެކަން ދައްކައިދީފައި. ފޮޓޯ: ދެޓް މޯލްޑިވްސް ބްލޮގް

ކުޅުދުއްފުށީ މީހުންނަށް އެއާޕޯޓެއް އަޅަން ބްލޮގަރު ދައްކާ އަނެއް ތަނަކީ އަށް ކިލޯމީޓަރު ދުރުގައި އޮތް ނޮޅިވަރަންފަރެވެ.

ދެން އޭނާ ބުނަނީ ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅަން ސަރުކާރުން ކޮންމެހެން ބޭނުމިއްޔާ ޗަސްބިން ނެތް ސަރަހައްދުގައި ވެސް އެކަން ކުރެވިދާނެ ކަމަށެވެ. ކައުންސިލުން އެ ޚިޔާލު ހުށަހެޅުމުން، އެ ހިސާބުގައި އެކަށީގެންވާ ޖާގައެއް ނެތް ކަމަށް ސަރުކާރުން ނިންމިޔަސް އޭނާ އެ ވާހަކަ ގަބޫލެއް ނުކުރެ އެވެ. ބްލޮގަރު ބުނަނީ ކުޑަ ބިންކޮޅެއް ހިއްކައިގެން ދަތި ގޮތަކަށް 1.2 ކިލޯމީޓަރުގެ ރަންވޭއެއް އެ ސަރަހައްދުގައި އެޅިދާނެ ކަމަށެވެ؛ އެކަމަކު އެއީ މީހުން ދިރިއުޅޭ ސަރަހައްދުގެ ތެރެއިން ލާފަ އެވެ. އަދި އޭރުން ބަނދަރު ވެސް އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހޭނެ ކަމަށާއި އެކަމަކު ވެސް ކުޅީގައި ހުރި މުހިއްމު ގަސްތައް ފަނާކޮށްލުމަށް ވުރެ އެ ގޮތް ވެސް މާ ރަނގަޅު ކަމަށް ބްލޮގަރު ލިޔެފައިވެ އެވެ.

"އުތުރުގެ އެއްވެސް ރަށެއްގައި އާ އެއާޕޯޓެއް އެޅުމުގެ ބޭނުމެއް އެބަ އޮތްތޯ އަހަރެން އަދިވެސް ސުވާލު އުފައްދަން. އެކަމަކު އެއާޕޯޓެއް ކޮންމެހެން ބޭނުން ވިޔަސް ކުޅުދުއްފުށީގެ މެންގްރޫވްތައް ސުންނާފަތިކޮށްލަން ޖެހޭ އެއްވެސް ސަބަބެއް ނެތް،" ނިންމާލަމުން އޭނާ ލިޔެފައިވެ އެވެ.

"އަހަރެން މި ހުށަހެޅި ގޮތްތަކުން ކުރެ ގޮތެއް އިޚްތިޔާރުކޮށްގެން ވެސް ސަރުކާރުން ބޭނުންވާ ނަތީޖާ (އިތުރު ވަޒީފާތަކާއި އުތުރުގައި އިގުތިސާދީ މަރުކަޒެއް ގާއިމްކުރުން) ހާސިލްކުރެވިދާނެ."

އޭނާގެ މި ޚިޔާލުތަކާ އެކު، ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުގެ ނިންމުންތައް ފައިނަލްވެގެން އައި ގޮތަކާ މެދު އުފެދޭ ސުވާލުތައް ގިނަ އެވެ. ކުޅީގެ މުހިއްމުކަން ވަޒަންކޮށްފައިވަނީ ކޮން ގޮތަކަށް، ކިހާ މިންވަރަކަށްތޯ އާއި އެ ތަން ހިއްކައިގެން އެއާޕޯޓެއް އަޅަނީ އެ ނޫން އެއްވެސް ގޮތެއް ނުފެނިގެންތޯ މިހާރަށް ވުރެ ބޮޑަށް ސާފުވުން މުހިއްމެވެ.

އެއާޕޯޓެއް އަޅަން ކުޅުދުއްފުށީގެ 95 ޕަސެންޓް މީހުން ތާއީދުކޮށްފާނެ އެވެ. އެކަމަކު ކުޅި ހިއްކައިގެން އެކަން ކުރަން ރުހެނީ ކިތައް މީހުން ހެއްޔެވެ؟ އަދި ކުޅި ނައްތާނުލައި ވެސް އެއާޕޯޓް އެޅިދާނެކަން އެނގެންޏާ ކުޅުދުއްފުށީ މީހުންގެ ވިސްނުން ހުންނާނީ ކިހިނެއް ހެއްޔެވެ؟

އެ ރަށުގެ އެކަކުގެ ޝުއޫރަކީ މި އެވެ؛

"އަޅުގަނޑަކީ މި ރަށުގައި އެއާޕޯޓެއް އޮންނަން ބޭނުން މީހެކެވެ. ހަނިމާދޫގައި އެއާޕޯޓެއް އެބަ އޮތޭ ކިޔާ ދަލީލު ދައްކާ މީހުންގެ ވާހަކައަކަށް އެއްވެސް ކަހަލަ ތާއީދެއް ނުކުރެވޭނެ އެވެ. ގިނަ ފަހަރަށް އެ ވާހަކަ ދައްކަނީ ހަނިމާދޫ ދަތުރުގެ ތަކުލީފު ނޭނގޭ މީހުންނެވެ،" ކުޅުދުއްފުށި.ކޮމްގައި އަހުމަދު ދާވޫދު ލިޔެފައިވެ އެވެ.

"ދެން އޮތީ ކުޅީގެ ވާހަކަ އެވެ. މި ކުޅި އަކީ ރާއްޖޭގައި ވެސް އޮތް ހަމައެކަނި ހުދު މަށި ކުޅި އެވެ. ހިއްކައިގެން އެއާޕޯޓް އެޅުމަކީ އަޅުގަނޑު ވެސް އެންމެ ބޭނުންވާ ގޮތެއް ނޫނެވެ. ބޭނުންވަނީ އެ ނޫން ގޮތެއް އޮތްތޯ އަދިވެސް ރަނގަޅަށް ދިރާސާކޮށް އެ ނޫން ގޮތަކަށް އެއާޕޯޓް އެޅޭ ނަމަ އެގޮތަކަށް ކަންތައް ކޮށްދިނުމެވެ."

އެހެންވީމާ އެފަދަ ދިރާސާއެއް ކުރި ހެއްޔެވެ؟ ކުޅި ހިއްކުން ނޫން ގޮތެއް ހަމަ ނެތީ ހެއްޔެވެ؟ ނުވަތަ ސަރުކާރުން އެހެން ގޮތެއް އޮތްތޯ ބަލަން ބޭނުން ނުވަނީ ހެއްޔެވެ؟

މި ސުވާލުތަކަށް ޖާގައެއް މި ލިބުނީ މަހާ ޖައްރާފު ކުޅުދުއްފުއްޓާ ދިމާއަށް މިސްރާބު ޖެހި ފަހުންނެވެ.