Roadha Mihaaru
ކުޅުދުއްފުށީ ކުޅި ހިއްކުމާ ދެކޮޅަށް 13 ޖަމިއްޔާއެއް

ކުޅުދުއްފުށީ ކުޅި ހިއްކުމާ ދެކޮޅަށް 13 ޖަމިއްޔާއެއް ތެދުވެއްޖެ

07 ނޮވެމްބަރ 2017

ހދ. ކުޅުދުއްފުށީގައި އެއާޕޯޓު ހެދުމަށް އެ ރަށުގެ ކުޅި ހިއްކާތީ އެކަމާ ދެކޮޅަށް ރާއްޖޭގެ 13 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓާލުމަށް ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހދ. ކުޅުދުއްފުށީގައި އެއާޕޯޓު ހެދުމަށް އެ ރަށުގެ ކުޅި ހިއްކާތީ އެކަމާ ދެކޮޅަށް ރާއްޖޭގެ 13 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓާލުމަށް ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.

ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާ އާއި މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކާއި އައްޑޫ ވިމެންސް ޑިވެލޮޕްމަންޓް އިނިއޭޓިވް ހިމެނޭ ގޮތަށް 13 ޖަމިއްޔާއެއް ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި އޮންނަ އެންމެ ބޮޑު މަށި ކުޅިއަކީ މުހިންމު ގުދުރަތީ ތަރިކައަކަށް ވާއިރު، އެތަން ހަލާކު ކުރުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

ހަމައެއާއެކު، ތިމާވެށީގެ ގޮތުން ކަނޑައެޅިފައިވާ ގާނޫނީ އިޖުރާއާތުތަކަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ކަމޭހިއްތަވާފައި ނުވާ ކަމަށް ބުނެ އެ ޖަމިއްޔާތަކުން ވަނީ މިނިސްޓަރަށް ފާޑު ކިޔައިފަ އެވެ.

ކުޅުދުއްފުށީ ކުޅި.-- ފޮޓޯ: އަހުމަދު ޝައްފާހު / މިހާރު

ކުޅުދުއްފުށީ ކުޅި.-- ފޮޓޯ: އަހުމަދު ޝައްފާހު / މިހާރު

އެ ބަޔާނުގައި ބުނި ގޮތުގައި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ގަވާއިދު ބުނާ ގޮތުން އެ ރިޕޯޓަށް އާންމުންގެ ހިޔާލު ހޯދުމަށްޓަކައި ވަކި މުއްދަތަކަށް ފުރުސަތު ހުޅުވާލަން ޖެހެ އެވެ. ކުޅި ހިއްކުމުގެ ޕްރޮޖެކްޓަށް ސަރުކާރުން ހުއްދަ ދިނީ އީޕީއޭ އިން އާންމުންގެ ހިޔާލު ފޮނުވުމަށް ދީފައިވާ މުއްދަތު ހަމަވުމުގެ ފަސް ދުވަސް ކުރިން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އީއައިއޭގެ މިނިވަންކަމާ މެދު ސުވަލު އުފައްދައި ޖަމިއްޔާތަކުން ބުނީ އެ ރިޕޯޓް ތައްޔާރުކޮށްފައި ވަނީ އެންވަޔަރްމަންޓް މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސްގައި މަސައްކަތްކުރާ ސިވިލް ސާވެންޓު މުވައްޒަފެއް ކަމަށެވެ. އެހެންވެ، އީއައިއޭ ރިޕޯޓާ މެދު ސުވާލު އުފެދޭ ކަމަށް ބަޔާނުގައިވެ އެވެ.

ޖަމިއްޔާތައް ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ކުޅުދުއްފުށީ ކުޅި ހިއްކުމުގެ ޕްރޮޖެކްޓާ، ރީޖަނަލް އެއާޕޯޓްސް އަދި އެމްޓީސީސީން ތަބާނުވާ ކަމަށް ބުނެ ހަ ކަމެއް ފާހަގަކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ކުޅި ހިއްކުމަށް ވެލި ނަގާ ސަރަހައްދަކީ ކޮބައިކަން ކަނޑައަޅާފައި ނެތުމާއި އެކަމަށްޓަކައި ކުރަން ޖެހޭ ޖިއޯޓެކްނިކަލް ދިރާސާތައް ކޮށްފައި ނެތުމާއި ޕްރޮޖެކްޓް ހިންގާ ސަރަހައްދު ކުޅީގެ ބާކީ އޮތް ބައިން ވަކިކޮށްފައި ނެތުމާއި ތިމާވެށީގެ ގޮތުން ޕްރޮޖެކްޓު ހިންގާ ސަރަހައްދާ އެއް ސިފަތަކެއް ހުރި އާ ސަރަހައްދެއް ހިމާޔަތްކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ ބެެލެހެއްޓުމަށް ޕްރޮޖެކްޓް ހިންގާ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުން ހިމެނެ އެވެ.

މީގެ އިތުރުން ކޮންޓްރެކްޓަރު ހަދަމުންދާ "ބަންޑް ވޯލް" އަކީ އޭގައި ހުންނަންވާނެ ކަމަށް ޝަރުތުކޮށްފައިވާ ގޮތަށް ސިފަތައް ފުރިހަމަ ނުވާ އެއްޗެއް ކަމާއި އޭވިއޭޝަން ގަވާއިދުގެ ދަށުން އިމާރާތުގެ އުސްމިނަށް އަންނާނެ ހަނިކުރުންތަކާ ބެހޭ ގޮތުން ސްޓޭކްހޯލްޑަރުންނާ މިހާތަނަށް ވާހަކަ ދެކެވިފައިވައި ނެތުމާއި ރަށުގެ ފެންބޮޑުވުމުގެ މައްސަލަ ކުޑަކުރުމަށާއި ފެން ހިންދުމަށް ބޭނުންކުރާނެ އެހެން ނިޒާމެއް ހުށައަޅާފައި ނެތުން ވެސް އެ ޖަމިއްޔާތަކުން ވަނީ ފާހަގަކޮށްފަ އެވެ.

ޖަމިއްޔާތަކުން ބުނި ގޮތުގައި ކުޅުދުއްފުށި ކުޅީގެ ގުދުރަތީ ނިޒާމު ހަލާކުކޮށްލުން ވެގެންދާނީ ދިރޭ ތަކެތީގެ ނަސްލަށް ބޮޑެތި ގެއްލުންތަކެއްވެ، ރޯނު ވެށުން ފަދަ އާމްދަނީ ހޯދުމުގެ މަސައްކަތްތަކަށް ބޮޑު ބުރައެއް އުފުލަން ޖެހި، ކާރިސާތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެގެން ދާނެ ކަމަކަށެވެ.

ހަމައެއާއެކު، ރާއްޖޭގައި އޮތް އެންމެ މުހިންމު އެއް ގުދުރަތީ ނިޒާމަށް އިއާދަ ނުކުރެވޭ އަދި ފޫނުބެދޭ ވަރުގެ ގެއްލުންތަކެއް ކުރިމަތިވެ، މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ކުޅުދުއްފުށީ ރައްޔިތުންނަށް އޮންނަ ފުރުސަތަށް ސީދާ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ފާޑުކިޔުންތައް ހުރި ނަމަވެސް ކުޅި ހިއްކުމުގެ ތައްޔާރީތައް މިހާރު ވަނީ ފަށައިފަ އެވެ. ކުޅުދުއްފުށީގެ ހުޅަނގު ފަރާތު މޫދުން ހަ ހެކްޓަރު އަދި އެރަށު ކުޅިން ނުވަ ހެކްޓަރު ހިއްކަން ނިންމާފައިވާއިރު އެ މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް ޖަމާކޮށް، އެމްޓީސީސީގެ އާ ކޮންނަ ބޯޓު މަހާ ޖައްރާފު ވެސް މިހާރު ވަނީ ބަނދަރުކޮށްފަ އެވެ. ކުޅި ހިއްކުން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ގަ އެވެ.