Roadha Mihaaru
ކޭން ނެތި ޔުނައިޓެޑް ބަލިކުރެވިދާނެ: ޕޮޗެޓީނޯ

ކޭން ނެތި ޔުނައިޓެޑް ބަލިކުރެވިދާނެ: ޕޮޗެޓީނޯ

28 އޮކްޓޯބަރ 2017

މެންޗެސްޓާ (އޮކްޓޯބަރު 28) – އެއް ވަނަ ފޯވާޑް ހެރީ ކޭން ނެތި ވެސް މެންޗެސްޓާ ޔުނައިޓެޑް ބަލިކުރެވިދާނެ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެންޗެސްޓާ (އޮކްޓޯބަރު 28) – އެއް ވަނަ ފޯވާޑް ހެރީ ކޭން ނެތި ވެސް މެންޗެސްޓާ ޔުނައިޓެޑް ބަލިކުރެވިދާނެ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް ކޭންގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން މިއަދު ޔުނައިޓެޑާ ދެކޮޅަށް ނުކުޅެވޭނެ އެވެ.

"ޓީމުގެ އެންމެ މޮޅު ފޯވާޑް ނެތުމުގެ އިހުސާސް ކުރެވޭނެ. އެކަމަކު އަހަރެން އަބަދުވެސް ގަބޫލުކުރަން އެކަކު ނެތިއްޔާ އަނެކަކު ލައިގެން ވެސް އެއް ޓީމު ނުވަތަ އިތުރު ޓީމުތަކެއް އަތުން ވެސް މޮޅުވެވިދާނެ ކަމަށް،" ޕޮޗެޓީނޯ ބުންޏެވެ.

އެކަމަކު ޕޮޗެޓީނޯ ބުނީ ކޭން އަށް ނުކުޅެވޭތީ އޭނާ ކަންބޮޑުވަނީ ކޭން އަކީ ޓީމުގެ އެއް ވަނަ ފޯވާޑަށް ވާތީ ކަމަށެވެ. އަދި ކޭން އަކީ ޔޫރަޕުގެ އިތުރުން ދުނިޔޭގެ ވެސް އެންމެ މޮޅު އެއް ފޯވާޑް ކަމަށް ގަބޫލުކުރާ ކަމަށް ޕޮޗެޓީނޯ ބުންޏެވެ.

"ހެރީ ނުލާ ވެސް އަހަރެމެން ކުޅެފިން މީގެ ކުރިން. ފެނާންޑޯ ލޮރެންޓޭ ވެސް އެބަހުރި. އަނެއްކާ ކަލޭމެން ހަނދާން ހުރިއްޔާ (އެނގޭނެ) މިދިޔަ ސީޒަނުގައި ވަރަށް ގިނަ މެޗުތަކަށް ހެރީ ކުޅުމާ ދުރަށް ދާން ޖެހުމުން ސޮން (ހެއުން-މިން) އަރުވައިގެން އަހަރެމެން ކުޅުނީ،" ޕޮޗެޓީނޯ ބުންޏެވެ.

ކޭން ވަނީ މި ސީޒަނުގައި 12 މެޗުން 13 ގޯލް ޖަހައިފަ އެވެ. ޕޮޗެޓީނޯ ބުނީ ކޭން ލައްވާ ކުޅުވައިގެން ރިސްކެއް ނުނަގަން ނިންމީ ޑޮކްޓަރާއި މެޑިކަލް ސްޓާފުން ކަމަށެވެ.

"އެ ރިސްކު ނަގައިގެން (އަނިޔާގެ) މި މައްސަލަ ބޮޑުކުރުމުގެ ބޭނުމެއް ނެތް. އޭނާ އަށް ދިމާވެފައިވަނީ ބޮޑު މައްސަލައެއް ނޫން. ކުޑަކުޑަ މައްސަލައެއް. އެކަމަކު އޭނާ ނުކުޅޭނެ،" ޕޮޗެޓީނޯ ބުންޏެވެ.

ކޭން ނެތުމާ ބެހޭގޮތުން ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯއާ ސުވާލުކުރުމުން އޭނާ ވަނީ ޖަވާބު ދޭން ދެކޮޅު ހަދައިފަ އެވެ.

"އަހަރެން އަނިޔާގައި ތިބޭ ކުޅުންތެރިންގެ ވާހަކަ ނުދައްކަން. އެހެންވީމާ ހެރީ ކޭންއާ ބެހޭގޮތުން އަހަންނާ ސުވާލު ނުކުރޭ. ސަބަބަކީ ހެރީ ކޭންއާ ބެހޭގޮތުން ވާހަކަދައްކަންޏާ އަހަރެން ޖެހޭނެ އިބްރަހިމޮވިޗާއި ޕޮގްބާ އަދި ރޯހޯގެ އިތުރުން ކެރިޗްއާ ބެހޭގޮތުން ވާހަކަދައްކަން. އެހެންވީމާ އަހަރެން ވާހަކަނުދައްކާނަން،" މޮރީނިއޯ ބުންޏެވެ.

މީގެ ތެރެއިން ޕޮގްބާ އަކީ ޔުނައިޓެޑުގެ މެދުތެރޭގެ އެންމެ މުހިއްމު ކުޅުންތެރިއާ އެވެ. އޭނާ ނެތުމުގެ މައްސަލަ ޔުނައިޓެޑަށް ވަނީ ވަރަށް ބޮޑަށް ދިމާވެފަ އެވެ.

ޔުނައިޓެޑާއި ޓޮޓެންހަމް އަށް ވެސް 20 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ ޔުނައިޓެޑެވެ. ޓޮޓެންހަމް ތިން ވަނައިގައި އޮތްއިރު އެއް ވަނައިގައި 25 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ. ދެ ޓީމުގެ ފޯމަށް ބަލާއިރު ޔުނައިޓެޑް ވަނީ އެންމެ ފަހުން ކުޅުނު މެޗުން އާދައިގެ ޓީމެއް ކަމަށްވާ ހަޑާސްފީލްޑް ޓައުން އަތުން 2-1 އިން ބަލިވެފަ އެވެ. ޓޮޓެންހަމް ވަނީ ލިވަޕޫލް އަތުން 4-1 އިން މޮޅުވެފަ އެވެ.

ތާވަލުގައި ކުރިއަށް އެރުމަށް މިއަދުގެ މެޗު ދެ ޓީމަށް ވެސް ނުހަނު މުހިއްމެވެ. ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގައި ކުޅޭ މި މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 4:30 ގަ އެވެ.