Roadha Mihaaru
މާޒިޔާ ވަރުގަދަ އެކަމަކު ދުލެއް ނުދޭނަން: ސާންތީ

މާޒިޔާ ވަރުގަދަ އެކަމަކު ދުލެއް ނުދޭނަން: ސާންތީ

04 ޖުލައި 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާދަމާރޭ މާޒިޔާއާ ދެކޮޅަށް ނުކުންނައިރު އެ ޓީމު ވަރުގަދަ ކަމަށާއި އެހެން ނަމަވެސް އީގަލްސް އިން ދުލެއް ނުދޭނެ ކަަމަށް އެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި) ބުނެފި އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާދަމާރޭ މާޒިޔާއާ ދެކޮޅަށް ނުކުންނައިރު އެ ޓީމު ވަރުގަދަ ކަމަށާއި އެހެން ނަމަވެސް އީގަލްސް އިން ދުލެއް ނުދޭނެ ކަަމަށް އެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި) ބުނެފި އެވެ.

ލީގުގައި މާދަމާރޭ އީގަލްސް އާއި މާޒިޔާ ކުޅޭ މެޗަކީ މި ދެ ޓީމަށް ވެސް މުހިއްމު މެޗެކެވެ. ލީގުގެ އެއް ވަނައިގައި މި ވަގުތު މާޒިޔާ އޮތީ ހަ މެޗުން 13 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް ހަ މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. މާދަމާރޭގެ މެޗުން މޮޅުވާ ޓީމެއް ލީގުގެ ފުރަތަމަ ބުރު ނިންމާލާނީ އެއް ވަަނައިގަ އޮވެ އެވެ. އެއްވަރުކޮށްލައިގެން ވެސް މާޒިޔާ އަށް އެއް ވަނަ ލިބޭނެ އެވެ.

މެޗުގެ ކުރިން އީގަލްސްގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ސާންތި ބުނީ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗު ހުރިހާ ގޮތަކުން ވެސް ހާއްސަ ކަމަށެވެ.

"މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަކީ އަހަންނަށް ވެސް އަދި އީގަލްސް ޓީމަށް ވެސް ހާއްސަ މެޗެއް. މި މެޗު ދެ ޓީމު ވެސް ވަރަށް އުނދަގޫވާނެ. މި ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިން ކުރިއަރައިފި. އެންމެ ފަހު ވަގުތާ ޖެހެންދެން ހިތްވަރުކުރާނަން،" ސާންތި ބުންޏެވެ.

އީގަލްސް އަކީ ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމެވެ. ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން މޮޅުވިއިރު އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިހާތަނަށް 12 ލަނޑު ޖަހާފައިވާއިރު ބައިކޮޅަށް ވަނީ އެންމެ ލަނޑެކެވެ.

އީގަލްސް ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗެއް ނިމިފައިވަނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެ މެޗުތަކުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި އެ ޓީމު އަތުން ވަނީ ބޭކާރުވެފަ އެވެ. މި ބުރުގެ މެޗުތަކަށް ފަހު ހުޅުވޭ ޓްރާންސްފާ މާކެޓްގައި އީގަލްސް އިން ވަނީ ބިދޭސީ ފޯވާޑެއް ގެންނަން ނިންމައިފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އީގަލްސް އިން ގެންނަ ފޯވާޑަކީ 2014 ވަނަ އަހަރު މާޒިޔާ އަށް ކުޅުނު މެސެޑޯނިއާ ފޯވާޑް ރިސްޓޭ ނައުމޯވް އެވެ. އުމުރުން 35 އަހަރުގެ ރިސްޓޭ އަކީ މިދިޔަ ސީޒަނުގައި މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑަށް އޭއެފްސީ ކަޕްގައި ކުޅުނު ކުޅެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ އެވެ. އޭނާ ވަނީ އޭއެފްސީ ކަޕްގައި މިދިޔަ އަހަރު އަށް ލަނޑު ޖަހައިފަ އެވެ. އޭގެ ތެރޭގައި މާލޭގައި ނިއު ރޭޑިއަންޓް އަތުން 3-0 އިން މޮޅުވި މެޗުގައި ޖެހި ދެ ލަނޑު ހިމެނެ އެވެ.

އީގަލްސް އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މާދަމާރޭ 22:00 ގަ އެވެ.