ބަންގްލަދޭޝްގައި ހުއްޓާ މިދިޔަ އަންގާރަ ދުވަހު މަރުވި ސ. މަރަދޫފޭދޫ އަބްދުﷲ ފަތުހީ އެ ގައުމުގެ އަންހެނަކާ ކައިވެނިކުރީ ދޮޅު ލައްކަ ރުފިޔާގެ ރަނަށް ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.
02 ނޮވެމްބަރ 2017
ބަންގްލަދޭޝްގައި ހުއްޓާ މިދިޔަ އަންގާރަ ދުވަހު މަރުވި ސ. މަރަދޫފޭދޫ އަބްދުﷲ ފަތުހީ އެ ގައުމުގެ އަންހެނަކާ ކައިވެނިކުރީ ދޮޅު ލައްކަ ރުފިޔާގެ ރަނަށް ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.
އުމުރުން 68 އަހަރުގެ ފަތުހީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ބަންގްލަދޭޝްއަށް ދިޔައީ އޭނާގެ ދަރިން ގާތު، "އަމިއްލަ ކަމެއް ކުރުމަށް" ކަމަށް ބުނެ އެވެ. އެކަމަކު އެ ގައުމަށް ދިޔަތާ ހަތަރު ދުވަސް ފަހުން ދަރިންނަށް ގުޅައި، ބަންގްލަދޭޝް މީހަކާ ކައިވެނިކުރިކަން ވަނީ އަންގާފަ އެވެ.
އޭނާގެ އާއިލާއިން ބުނާގޮތުގައި ފަތުހީ ބަންގްލަދޭޝްއަށް ދިޔައީ އޭނާ ދިރިއުޅޭ ގެ މޯގޭޖްކޮށް، އެއް ލައްކަ ރުފިޔާގެ ލޯނެއް ވެސް ނަގައިގެންނެވެ.
ފަތުހީގެ ދޮށީ ފިރިހެން ދަރި، މުހައްމަދު ޒަރީރު މިއަދު ބުނީ ބަންގްލަދޭޝްގައި ހުންނަ ދިވެހި ހައި ކޮމިޝަނުން، އާއިލާއާ ގުޅައި އެ ކައިވެނީގެ ބައެއް ތަފްސީލުތައް ދީފައިވާ ކަމަށެވެ. އެގޮތުން އަންހެން މީހާ ފަތުހީއާ އިނީ 800،000 ޓާކާ (149،000 ރުފިޔާ)ގެ ރަނަށް ކަމަށް ކައިވެނީގެ ސެޓްފިކެޓުތަކުން އެނގޭ ކަމަށް އޭނާ ބުންޏެވެ.
ކުރިން ފަސް މީހުންނާ ކައިވެނިކޮށް، އެކި ބަނޑަށް 11 ދަރިން ތިބި ފަތުހީގެ އެހެން ދަރިއަކު ބުނީ ބައްޕަ ބަންގްލަދޭޝް މީހަކާ ކައިވެނި ކުރަން އުޅޭތާ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށެވެ. އަދި ފަތުހީއަށް އެ އަންހެން މީހާ ހޯދައިދިނީ، ފޭދޫގައި ތިބޭ ބަންގްލަދޭޝްގެ މަސައްކަތު މީހުންތަކެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"އެ މީހުން އެ އަންހެނެއްގެ ފޮޓޯއާ އެއްޗެހި ދައްކައިގެން، ގުޅައި ވާހަކަ ދައްކައި ހަދައިގެން ބައްޕަ ފުރައިގެން ދިޔައީ. މިކަމަކާ ބައްޕަ އުޅޭތާ އަހަރެއްހާ ދުވަސް ވެއްޖެ،" ފަތުހީގެ ދަރިއަކު ބުންޏެވެ. ކުއްލި ގޮތަކަށް މަރުވުމުން، ފަތުހީގެ މަރާ މެދު ބައެއް ދަރިން ސުވާލު ވެސް އުފައްދަ އެވެ.
އާއިލާގެ ބައެއް މީހުން ބުނާ ގޮތުން ގޭސްޓްރިކާއި ހަކުރު ބަލި ފިޔަވައި އެހެން ބައްޔެއް ނެތް ފަތުހީ ކުއްލިއަކަށް މަރުވުމުން އެކަމާ ޝައްކު ކުރާނެ ފުރުސަތު އެބަ އޮތެވެ. އެއީ އެހާ ގިނަ ފައިސާ ހިފައިގެން ބޭރު ގައުމަކަށް ގޮސް ހުއްޓައި އަދި ކައިވެނި ކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުއްލި ގޮތަކަށް މަރުވުމުންނެވެ.
"ކުއްލިއަކަށް ބައްޕަ މަރުވި ހަބަރު ލިބުނީމަ އަޅުގަނޑުމެންނަށް މި މަރުގައި ޝައްކުކުރެވޭ ކަހަލަ ކަންތައްތަކެއް އެބަ ހުރިކަން ފާހަގަކުރެވޭ. އެކަމަކު އަޅުގަނޑުމެންނަކަށް ސީދާ ބުނާކަށް ނޭނގޭ ބައްޕަ މަރުވީ ކަމެއް ނުވަތަ މަރާލީ ކަމެއް،" ފަތުހީގެ ދަރިއަކު ބުންޏެވެ.
އޭނާ ތުހުމަތުކުރާ ގޮތުގައި ފޭދޫގައި ތިބި ބަންގްލަދޭޝްގެ މީހުންނާ ވެސް މިކަމާ ގުޅުމެއް އޮވެދާނެ އެވެ.
އެކަމަކު އެހެން ބައެއް ދަރިން ގަބޫލުކުރާ ގޮތުގައި ފަތުހީ މަރުވީ ގޭހުގެ މައްސަލަ ބޮޑުވެގެން ކަމަށް ވުން ވެސް އެކަށީގެންވެ އެވެ. އެއީ މަރުވުމުގެ ގަޑިއިރުތަކެއް ކުރިން ދަރިއަކަށް ގުޅައި، ގޭހުގެ މައްސަލަ ބޮޑުވެ، ހޮސްޕިޓަލަށް ދާން އުޅޭ ވާހަކަ ބުނެފައި ވާތީ އެވެ.
ފަތުހީގެ މަރާ ގުޅިގެން، އޭނާގެ ބަންގްލަދޭޝް އަނބިމީހާ ފުލުސް އޮފީހަށް ގެންގޮސް ވަނީ ސުވާލުކޮށްފަ އެވެ. އެކަމަކު އޭނާ ހައްޔަރެއް ނުކުރެ އެވެ. އަދި އެ ތަހުގީގުގެ އެއްވެސް ތަފްސީލެއް ވެސް ނުލިބެ އެވެ.
މިހާރު ހަމަޖެހިފައިވާ ގޮތުން މާދަމާގެ ވަގުތެއްގައި ފަތުހީގެ ހަށިގަނޑު މާލެ ގެންނާނެ އެވެ.
ފަތުހީގެ މަރުގެ ހަގީގަތް އާއިލާއަކަށް ވެސް ނޭނގޭ!
ފަތުހީ މަރާލީ ކަމަށް އާއިލާ އިން ގަބޫލެއް ނުކުރޭ!
ލޯންޗުން ޖެހި މަރުވި މީހާ އޮތީ ދެބުރިވެފައި!
ލޯންޗު ދުއްވި މީހާ ހައްޔަރު ކޮށްފި
ގައިމަތިން ލޯންޗެއް ގޮސް މީހަކު މަރުވެއްޖެ
މަރުވި މީހުންގެ ހަށިގަނޑު ގައުމުތަކަށް ފޮނުވާލަނީ
މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ ހަތް މީހެއް
ރަހުމަތްތެރިޔާ ދިޔައީ ކާން، ކުރިމަތިވީ ފަހު ވަގުތާ
މަރަދޫފޭދޫން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ކޮވިޑްގައި އައްޑޫން 10 ވަނަ މަރު