Roadha Mihaaru
ފަތުހީ މަރާލީ ކަމަށް އާއިލާ އިން ގަބޫލެއް ނުކުރޭ!

ފަތުހީ މަރާލީ ކަމަށް އާއިލާ އިން ގަބޫލެއް ނުކުރޭ!

01 ނޮވެމްބަރ 2017

ބަންގްލަދޭޝް އަށް ގޮސް ހުއްޓާ މަރުވި ސ، މަރަދޫފޭދޫ ކަލަރުމާގޭ އަބްދުﷲ ފަތުހީ މަރާލީ ކަމަށް ގަބޫލުނުކުރާ ކަމަށާއި ނަމަވެސް އެ މައްސަލަ އިތުރަށް ތަހުގީގުކުރަން ބޭނުން ނުވާ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ބަންގްލަދޭޝް އަށް ގޮސް ހުއްޓާ މަރުވި ސ، މަރަދޫފޭދޫ ކަލަރުމާގޭ އަބްދުﷲ ފަތުހީ މަރާލީ ކަމަށް ގަބޫލުނުކުރާ ކަމަށާއި ނަމަވެސް އެ މައްސަލަ އިތުރަށް ތަހުގީގުކުރަން ބޭނުން ނުވާ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.

އުމުރުން 67 އަހަރުގެ ފަތުހީ މީގެ ދެ ހަފުތާ ކުރިން ބަންގްލަދޭޝް އަށް ދިޔައީ އެގައުމުގެ މީހަކާ ކައިވެނިކުރުމަށް ކަމަށް އާއިލާ އިން ބުނާއިރު އޭނާގެ މަރުގެ ހަބަރު އެ މީހުންނަށް ލިބުނީ އިއްޔެ ހެނދުނެވެ. އޭރު ވާހަކަ ފެތުރުނީ ބަންގްލަދޭޝްގައި އޭނާ މަރާލީ ކަމަށެވެ.

ފަތުހީގެ ދޮށީ ފިރިހެން ދަރިފުޅު، މުހައްމަދު ޒަރީރު މިއަދު ބުނީ ބައްޕަގެ މަރުގައި ޝައްކުވާ ކަންތައްތަކެއް ހުރިކަމަށް އާއިލާ އަށް ގަބޫލުނުކުރެވޭ ކަމަށާއި މަރުވުމުގެ ތަންކޮޅެއް ކުރިން އިއްޔެ ހެނދުނު ވެސް ބައްޕައާ ވާހަކަ ދެއްކި ކަމަށެވެ.

"މިކޮޅުގައި އުޅުނު އިރު ވެސް ބަލިކޮށް އުޅުނީ. ގޭހުގެ މައްސަލަ ވެސް ވަރަށް ބޮޑަށް ހުރޭ. އިއްޔެ ހެނދުނު އަޅުގަނޑުގެ ކޮއްކޮ އަކާ ފޯނުން ވާހަކަ ދައްކަމުން ބުނީ ގޭހުގެ ކަންތައް ވަރަށް ސަކަރާތް ކަމަށް. އަދި ހޮސްޕިޓަލަށް ދާން އުޅޭ ކަމަށް ވެސް ބުނި،" ފަތުހީގެ 11 ދަރިންގެ ތެރެއިން އެންމެ ދޮއްޓަށް ހުންނަ ޒަރީރު ބުންޏެވެ.ަ

"އެކަމަކު ބަންގްލަދޭޝްގެ މާހައުލު ކަމުނުދާކަމާއި އުޅެން އުނދަގޫ ކަމަށް ބުނި. އަދި މިއަދު މާލެ އަންނަން ނިންމާފައިވާ ކަމަށް ވެސް އޭރު ބުނި."

އޭނާ ބުނީ އޭގެ ފަހުން ބައްޕަގެ ހަބަރެއް ނުވެ ހުރެފައި މަރުގެ ހަބަރު ދިނީ އެމްބަސީން ގުޅާފައި ކަމަށެވެ. އެ ތަނުން ބުނި ގޮތުގައި ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ފަތުހީ ވަނީ މަރުވެފަ އެވެ.

"އޭގެ ފަހުން އަޅުގަނޑު ހޮސްޕިޓަލަށް ގުޅާފައި އެހިން ބައްޕަ އަށް ކަމެއް ކޮށްފައި ހުރިތޯ. އެއްޗެއް ދީފައި ހުރިތޯ. އެކަމަކު އެ ތަނަކުން އެ ކަހަލަ ވާހަކައެއް ނުބުނޭ،" ޒަރީރު ބުންޏެވެ.

އޭނާ ބުނީ މަރުގެ ހަގީގަތް ދެނެގަނެވޭނީ ޕޯސްޓްމޯޓަމް ހަދައިގެން ކަމަށް ފުލުހުންނާއި ހޮސްޕިޓަލުން ބުނިކަމުގައި ވިޔަސް އާއިލާ އިން އެކަން ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި ބޭނުންވަނީ ވީހާ ވެސް އަވަހަށް ބައްޕަގެ ހަށިގަނޑު ރާއްޖެ ގެންނަން ކަމަށް ބުންޏެވެ.

ޒަރީރު ބުނީ ބައްޕަ ބަންގްލަދޭޝް އަށް ދިޔައީ އަމިއްލަ ކަމެއް ކުރުމަށް ކަމަށް ބުނެ ނަމަވެސް، ދިޔަތާ ހަތަރު ދުވަސް ފަހުން ގުޅާފައި އެތަނުން މީހަކާ ކައިވެނި ކުރިކަން އެންގި ކަމަށެވެ. އަދި އަންހެން މީހާގެ އާއިލާ ވެސް ވަރަށް ރަނގަޅު ކަމަށް ބުނި ކަމަށް ޒަރީރު ކިޔައިދިނެވެ.

ފަތުހީ މަރުވި ފަހުން، އޭނާގެ އަންހެނުންނާ ގުޅައިގެން ވާހަކަ ދެއްކި ކަމަށް ވެސް ޒަރީރު ބުންޏެވެ. އެކަމަކު އޭނާ ބުނީ އަންހެން މީހާ އަށް އިނގިރޭސި ބަސް ނޭނގޭތީ ކިޔާ ނުކިޔާ އެއްޗެއް ސާފުނުވި ކަމަށާއި ފަހުން ގުޅި އިރު ފޯނު އޮތީ ނިވާލާފައި ކަމަށެވެ.

އަންހެން މީހާ އާއި އޭނާގެ އާއިލާގެ އެއްވެސް މީހަކާ އޭގެ ފަހުން ނުގުޅޭތީ އެކަން ޒަރީރު ވަނީ ބަންގްލަދޭޝްގެ ފުލުހުންގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެކަމާ ގުޅިގެން އެ ގެ އަށް ފުލުހުން ގޮސް، އަންހެން މީހާއާ ވާހަކަ ދެއްކި ކަމަށާއި އެކަމަކު ފުލުހުންނާއި އަންހެންމީހާއާ ދެއްކި ވާހަކައިގެ ތަފްސީލެއް އަދި ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"މިހާ ހަމައަށް އައި އިރު އަޅުގަނޑަށް ބުނެވޭނީ ބައްޕަ މަރާލީ ކަމަށް ގަބޫލެއް ނުކުރެވެއޭ. ބައްޕައަކީ ވަރަށް ކުރި އަށް ވިސްނާ މީހެއް. އޭނާ މަރާލަން ނުވަތަ އަނިޔާއެއް ދޭކަން ޕްލޭން ކުރާ ނަމަ އޭގެ ކުޑަ ވެސް ޝައްކުވި ނަމަ ބައްޕަ އެކަން އެމްބަސީ އަށް އަންގާނެ،،" ޒަރީރު ބުންޏެވެ.

ފުލުސް އޮފީހުން ބުނީ ބަންގްލަދޭޝްގައި ދިވެއްސަކު މަރުވެގެން އުޅޭތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.