Roadha Mihaaru
ނިއު އިން މިހާރު ތަފާތު އެބަފެނޭ: ސުޒޭން

ނިއު އިން މިހާރު ތަފާތު އެބަފެނޭ: ސުޒޭން

03 ނޮވެމްބަރ 2017

ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮންގެ ކޯޗުކަމުގައި ނިއު ރޭޑިއަންޓް ފެންނަނީ ކުރިއަށް ވުރެން ތަފާތުކޮށް ކަމަށް ގދ. ތިނަދޫގެ ކޯޗު އަދި ނިއުގެ އެންމެ ވާދަވެރި ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮންގެ ކޯޗުކަމުގައި ނިއު ރޭޑިއަންޓް ފެންނަނީ ކުރިއަށް ވުރެން ތަފާތުކޮށް ކަމަށް ގދ. ތިނަދޫގެ ކޯޗު އަދި ނިއުގެ އެންމެ ވާދަވެރި ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ލީގުގައި މިދިޔަ ހޯމަ ދުވަހުގެރޭ 3-1 އިން ނިއު އަތުން ތިނަދޫ ބަލިވި މެޗަށް ފަހު ސުޒޭން ވަނީ ނިއުގެ ކޯޗު އޮސްކާ އަށް ތައުރީފް ކޮށްފަ އެވެ.

"ނިއު ރޭޑިއަންޓުގައި ހުރި ތަފާތަކީ އެ ޓީމުގައި ހުރި ކޯޗުގެ (އޮސްކާ)ގެ އެބަހުރި ސްޕެނިޝް ބްލެންޑެއް (ވައްޓަފާޅިއެއް). ވަރަށް ރަނގަޅު ޕާސްތަކެއް ޖަހައިގެން ވަރަށް ރީތިކޮށް ކުޅޭ. ދެން މިހެން އެއްވަރުކޮށްދާ މެޗެއްގައި ނިއު އަށް އެ އެޑްވާންޓޭޖް ނެގޭނެ ކަމަށް މި ބެލެނީ،" ކުރިން ވިކްޓަރީ އާއި މާޒިޔާ ގޮވައިގެން ނިއުއާ ދެކޮޅަށް ގިނަ މެޗުތަކެއްގައި ނުކުތް ސުޒޭން ބުންޏެވެ.

ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ މިދިޔަ އަހަރު ސުޒޭން ކޯޗުކޮށްދިން މާޒިޔާ އެވެ. މި ފަހަރު ލީގުގެ ވާދަވެރިކަން ބޮޑުވެފައިވަނީ ނިއު އާއި ޓީސީގެ ދެމެދުގަ އެވެ. ސުޒޭން ބުނީ ފޭވަރިޓެއް ނެތް ކަމަށެވެ.

"މި ދެ ޓީމަކީ ވެސް ވޯކް ރޭޓް (މަސައްކަތުގެ ރޭޓް) ވަރަށް ރަނގަޅު ދެ ޓީމު. ދެން ހަމަހަމަ ކޮށްދާ މެޗެއްގައި ނިއު ކުޅޭ ގޮތުން އެމީހުން ކޮޅަށް ނަތީޖާ ގޮސްފާނެ. ދެން ޓީސީގެ ވޯކް ރޭޓަކީ މިދިޔަ ތިން އަހަރަށް ބަލާއިރު ސުވާލެއް ވެސް ނޫން. އެ އަށް ހަމަ ޗެލެންޖެއް ދެވޭނެ ބަޔެއް ނެތް،" ސުޒޭން ބުންޏެވެ.

ނިއުގެ ކޯޗުކަމާ އޮސްކާ ހަވާލުވީ މިދިޔަ ޖުލައި މަހު 4 ވަނަ ދުވަހު އެވެ. އޭނާގެ އިރުޝާދުގެ ދަށުން އެސްޓީއޯ މާލޭ ލީގުގައި ނިއު ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ ފުރަތަމަ މެޗުން ޔުނައިޓެޑް ވިކްޓަރީ އަތުންނެވެ. ދެން ކުޅުނު ތިން މެޗުން ވަނީ ވިކްޓަރީ، އީގަލްސް އަދި މާޒިޔާއާ އެއްވަރުވެފަ އެވެ. ތިން މެޗު ވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ލީގުގައި ނިއު ކުޅުނު މެޗުގެ ތެރެއިން އެ ޓީމުގެ ކޯޗު އޮސްކާ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލީގުގައި ނިއު ކުޅުނު މެޗުގެ ތެރެއިން އެ ޓީމުގެ ކޯޗު އޮސްކާ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުއާ ހަވާލުވުމަށް ފަހު އޮސްކާ ބުނީ އޭނާ ބޭނުންވާ ސްޓައިލަށް ޓީމު ގެންނަން ބޭނުންވަނީ ހަ ހަފްތާ ކަމަށެވެ. މިހާރު އެ މުއްދަތު ހަމަވެފައިވާއިރު، ކުރިން ބުނިގޮތަށް އޭނާ ވަނީ އެ ޓީމަށް ތަފާތު ގެނުވައިފަ އެވެ. އެ ޓީމާ ދެކޮޅަށް ނުކުންނަ ޓީމުތަކުގެ ކޯޗުން ވެސް އަންނަނީ އެކަން ފާހަގަކުރަމުންނެވެ.

ނިއު އިން ވަނީ ކުރިން އިންޑިއާގެ ދެ ކްލަބް ކަމަށްވާ ސްޕޯޓިން ކްލަބް ޑި ގޯއާ އާއި މުމްބާއީ ސިޓީ ކޯޗުކޮށްދިން އޮސްކާއާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ނިޔަލަށް އާ ކޮށްފަ އެވެ. ނިއު އިން ބުނީ އޮސްކާ އެ ޓީމުގައި ބަހައްޓާ މުއްދަތު އިތުރުކުރީ މިވީ ކުރު މުއްދަތުގެ ތެރޭގައި އޭނާ ތަފާތު ދައްކާފައިވާތީ އެވެ.

ލީގުގެ އެއް ވަނައިގައި ނިއު އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގުގައި ކޮންމެ ޓީމަކަށް ބާކީ ތިން މެޗު އޮތްއިރު ނިއު އަށް 11 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ޓީސީ އަށް ލިބިފައިވަނީ 11 މެޗުން 26 ޕޮއިންޓެވެ.

ލީގުގައި ނިއު ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ އާދިއްތަ ދުވަހު ހަވީރު ބައްދަލުކުރާނީ ލީގުގެ އެންމެ ފުލުގައި އޮތް އަދި ނިއުގެ ކުރީގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ދ. ކުޑަހުވަދޫއާ އެވެ.