03 ނޮވެމްބަރ 2017
މި ޖީލުގެ މީހުން މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ އަށް މިއަދު 29 އަހަރު ފުރުނީ އެވެ. މިހާރުގެ ކުޑަކުދިންނާއި 20 އަހަރުން ދަށުގެ ޒުވާނުންނަށް އެ ދުވަހުގެ ބިރުވެރިކަމާއި ނާމާންކަން ހަނދާން ނުހުރުމުގެ އިތުރުން ތަސައްވުރު ވެސް ނުކުރެވޭނެ އެވެ.
މި ޖީލުގެ މީހުން މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާ އަށް މިއަދު 29 އަހަރު ފުރުނީ އެވެ. މިހާރުގެ ކުޑަކުދިންނާއި 20 އަހަރުން ދަށުގެ ޒުވާނުންނަށް އެ ދުވަހުގެ ބިރުވެރިކަމާއި ނާމާންކަން ހަނދާން ނުހުރުމުގެ އިތުރުން ތަސައްވުރު ވެސް ނުކުރެވޭނެ އެވެ.
ބޮމެއް ނުވަތަ ބާރުގަދަ އެއްޗެއް ގޮއްވާލައި މީހުންތަކެއް މަރައިލީކީ ނޫނެވެ. ބަޑީގެ ހަމަލާއެއް ދީ ބަޔަކު ޒަޚަމްކޮށްލީކީ ވެސް ނޫނެވެ. ގާތްގަނޑަކަށް 12 ގަޑިއިރަށް ވުރެ ގިނައިރަށް ދެމިގެން ދިޔަ ވަރުގަދަ ހަނގުރާމައެއްގެ ތެރޭގައި ވެރިރަށް މާލޭގައި ތިބިހާ ބަޔަކު ތާށިވީ އެވެ. އެ ހަނގުރާމައިގެ ތެރޭގައި 19 ދިވެހިން މަރުވެގެން ދިޔުމުގެ އިތުރުން، މުޅި ރާއްޖެ އާއި ވެރިރަށް މާލެއާ ދެމެދު ގުޅުން ކެނޑުނެވެ.
އޭގެ ފަހުން ވެސް ރާއްޖޭގައި ޓެރަރިސްޓު ކިތަންމެ ހަމަލާއެއް ދީފި އެވެ. މީގެ 10 އަހަރު ކުރިން 2007 ގައި މާލޭގެ ސަލްޓަން ޕާކްގައި ބޮމެއް ގޮއްވައިލި ހާދިސާ އިން ރާއްޖޭގައި ދީނީ ހަރުކަށި ފިކުރުތައް ހަރުކަށި އަނިޔާވެރި އަމަލުތަކަށް ބަދަލުވާން ފެށިކަން ގަބޫލުކުރަން ޖެހުނެވެ. އަދި 2006 އިން ފެށިގެން އއ. ހިމަންދޫގައި ހިނގައިދިޔަ ކަންތައްތަކާއި 2007 ގައި ރަށުގެ ބަޔަކާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގައި ދިޔަ ނުރައްކާތެރި ކުރިމަތިލުމުން، އެ ކަމުގެ ނުރައްކާތެރިކަން ވަޒަން ކުރެވުނެވެ.
މިއަދު ބޭރުގެ ކުލީ ޖަމާއަތެއްގެ އުދުވާނީ ހަމަލާއެއް ނައެއް ކަމަކު މިއަދު ކުރިމަތިވެފައިވާ ޓެރަރިޒަމް ވަކިން ކުޑައެއް ނޫނެވެ. މިއަދު ކުރިމަތިވެފައިވަނީ ހަމައެކަނި ސިޔާސީ ޓެރަރިޒަމެއް ނޫނެވެ. ނުވަތަ ގޭންގު މާރާމާރީ އާއި ބިރުދެއްކުމާއި ވަޅި ހަރައި މީހުން މެރުމުގެ ޓެރަރިޒަމް އެކަންޏެއް ވެސް ނޫނެވެ. ދީނީ ހަރުކަށި ޚިޔާލާތުގެ ސަބަބުން ޓެރަރިޒަމަށް މަގު ފަހިކުރުވާ އިރު، ދީނަށް ކުރާ ފުރައްސާރައިގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ވަކިން ކުޑައެއް ނޫނެވެ.
ފިލައިގެން ދިޔަ ތަމަޅައިންނާއި ލުތުފީ އާއި ސަގަރު ނާސިރު ހައްޔަރުކޮށްގެން ނޮވެމްބަރު 8 ވަނަ ދުވަހު މާލެ ގެނައި ވަގުތު ސިފައިންގެ ސަރަހައްދަށް އާންމުން އެއްވެފައި.
ބޭރުގެ ނުރައްކާތެރި ޓެރަރިސްޓް ޖަމާޢަތްތަކުން ހިންގާ ޕްރޮޕެގެންޑާތަކުގެ މަޅީގައި ޖެހި، ދިވެހި ޒުވާނުން ޖިހާދުގެ ނަމުގައި އެފަދަ ޖަމާޢަތްތަކުގައި ބައިވެރިވުމާއި އެފަދަ ފަރާތްތަކާ ގުޅިގެން ސީރިޔާގައި ހަނގުރާމަކުރާ ދިވެހި ޒުވާނުން ސޯޝަލް މިޑިއާގައި ފަތުރާ ޕްރޮޕެގެންޑާތަކުން ވެސް ދިވެހިންގެ ތެރޭގައި ހައްދުފަހަނައެޅުމުގެ ފިކުރު ފެތުރިފައިވާ މިންވަރު ހާމަވެ އެވެ. މީގެ އިތުރުން، އެޕްރީލް 23، 2017ގައި އަނިޔާވެރި ގޮތަކަށް މަރައިލި ޔާމީން ރަޝީދުގެ ގާތިލުން އެކަން ކުރީ ދީނީ ހަރުކަށި ފިކުރުތަކާ ގުޅިގެންކަމަށް ފުލުހުން ބުނެފައިވާ އިރު، އެ ނުރައްކާތެރިކަން ބޮޑުވަމުންދާ މިންވަރު އެނގެ އެވެ.
އެ މައްސަލަތަކާ މެދު އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތުމުގެ ނަތީޖާ މިހާރު ވެސް ދަނީ ފެންނަމުންނެވެ. އަދި މިއީ ފަސޭހަކަމާ އެކު މައްސަލަ ހައްލުކުރެވޭ ވަރަށް ވުރެ، ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައް މާ ބޮޑު ނުރައްކާތެރި މައްސަލައެކެވެ. އަދި ހައްދުފަހަނައަޅައިދިއުމާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ގައުމީ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެން ނޫނީ، މިކަން ހައްލެއް ނުކުރެވޭނެ އެވެ.
ވަކިވަކި މުއައްސަސާތަކުން ޓެރަރިޒަމާއި ހައްދުފަހަނައެޅުމާ ދެކޮޅަށް މީގެ ކުރިން ކުރި މަސައްކަތްތަކުން އެކަށީގެންވާ ނަތީޖާއެއް ނެރެވިފައިނުވާތީ، ޓެރަރިޒަމާއި ހައްދުފަހަނައެޅުމުގެ މައްސަލަ ހައްލުކުރަން ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަ (އެންސީޓީސީ)ގެ ނަމުގައި ވަކި އިދާރާއެއް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، ވަނީ އުފައްދައިފަ އެވެ. މިއީ ޓެރަރިޒަމާ ދެކޮޅަށް މުޅި ގައުމު އެއް އަމާޒަކަށް ވާސިލުވުމަށްޓަކައި ހުރިހާ މުއައްސަސާތަކުގެ މެދުގައި ކޯޑިނޭޓް ކުރުވާ އެންމެ އިސް އިދާރާ އެވެ.
އެންސީޓީސީގެ ޑިރެކްޓަ ޖެނެރަލް، އެމްއެންޑީއެފްގެ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވާ ގޮތުގައި ނޮވެމްބަރު 3، 1988ގެ އުދުވާނީ ހަމަލާއަކީ ފަހުގެ ތާރީޚްގައި ދިވެހިންނާއި ކުރިމަތިވި ޓެރަރިޒަމްގެ އެންމެ ބިރުވެރި ހަމަލާ އެވެ.
"ދުނިޔޭގެ މަސްރަހުން ފެންނަމުންދާ މަންޒަރަށް ބަލާއިރު، ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތް ވެފައިވާ އެއްވެސް ގައުމެއް ނެތް. މިއަދު، އެންމެ މީހަކަށް ވެސް ވަރުގަދަ ޓެރަރިސްޓު ހަމަލާއެއް ދެވިދާނެކަން ދުނިޔޭގެ ގައުމުތަކުން މިދަނީ ފެންނަމުން. މިއަދުގެ ފިކުރުތައް ހުންނަ ގޮތުން އާދައިގެ ފަރުދަކު ވެސް ވަރަށް ބޮޑު ހާދިސާއެއް ހިންގާލަފާނެ،" މަންސޫރު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ޖުމްހޫރީ މައިދާނުގައި ބޭއްވި ސައިލެންޓް ޑްރިލް: މިއަދު ކުރިމަތިވެފައިވާ ނުރައްކާތައް ވެސް ވަކިން ކުޑައެއް ނޫން. -- މިހާރު ފޮޓޯ
އެންސީޓީސީގެ އެންމެ ބޮޑު އަމާޒަކީ، މަންސޫރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ޖަމާއަތްތަކާއި މުޖުތަމައު ގުޅިގެން އަދި ބައިނަލްއަގުވާމީ ފަރާތްތަކާ ވެސް ގުޅިގެން ޓެރަރިޒަމް ހުއްޓުވޭތޯ މަސައްކަތް ކުރުމެވެ. މިގޮތުން އެ ސެންޓަރުގެ އެންމެ ބޮޑު އެއް އަމާޒަކީ ޓެރަރިޒަމްގެ ނުރައްކަލެއް ކުރިމަތިވެދާނެ ކޮންމެ ކަމެއް ވެސް، އެކަމެއް ހިންގުމުގެ ކުރިން ހުއްޓުވުމެވެ. ނަމަވެސް އެކަމުގައި ވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. ބޭރުގެ ގައުމުތަކުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށް ގާނޫނުގައި ކަނޑައެޅުމުން ވެސް، ޖިހާދުގެ ނަމުގައި ބޭރަށް ދިއުމެއް ނުހުއްޓެ އެވެ.
"ސަރުކާރުން 2015ގައި އެކުލަވައިލި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަކީ، ޓެރަރިޒަމާއި ހައްދުފަހަނައެޅުމުގެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް. އަދި 2016 ޖޫންގައި، ޓެރަރިޒަމާއި ހައްދުފަހަނައެޅުމުގެ މައްސަލައާ ދެކޮޅަށް ރާއްޖޭން އަމަލުކުރާނެ ގޮތުގެ ދައުލަތުގެ ސިޔާސަތު އެކުލަވާލުމަކީ ވެސް މި ދާއިރާ އިން ލިބިފައިވާ ބޮޑު ކުރިއެރުމެއް. މީގެ އިތުރުން އެންސީޓީސީ އުފެދުމާ އެކު، ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސއްކަތްކުރުމަށްޓަކައި ކޮމެޓީތަކެއް އެކުލަވާލާފައިވާނެ. މި ކޮމެޓީތަކުގައި މަޝްވަރާކުރުމާއި ޕޮލިސީތައް އެކުލަވައިލުމާއި ތަފާތު ޕްރޮގްރާމްތައް ހިންގުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވެމުންދޭ. ނަމަވެސް އަދިވެސް މި މަސައްކަތުގައި ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި،" މަންސޫރު ވިދާޅުވި އެވެ.
އެންސީޓީސީ އާއި ފުލުހުންނާއި ދައުލަތުގެ މުއަސަސާތަކާއި ބޭރުގެ އެކުވެރި ދައުލަތްތަކާ ގުޅިގެން ކުރެވޭ މަސައްކަތްކުގެ ތެރެއިން ބައެއް މީހުން ޖިހާދު ކުރުމުގެ ނަމުގައި ރާއްޖޭން ނުކުންނަނިކޮށް ހިފަހައްޓާފައިވެ އެވެ. އަދި ބައެއް މީހުން އެކި ގައުމުތަކުން ސީރިޔާ އަށް ދާން އުޅެނިކޮށް ހައްޔަރު ކޮށްގެން ރާއްޖެ ގެނެސްފައިވެ އެވެ. މިއީ އެންމެހާ މުއައްސަސާތަކާއި މުޖުތަމައު ގުޅިގެން އަދި ދޭދޭ ގައުމުތަކާ އެކު ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުވަމުންދާ ކަމުގެ ހެއްކެއް ކަން މަންސޫރު ފާހަގަ ކުރެއްވި އެވެ.
އެންސީޓީސީ އުފެދުނު ފަހުން ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ހޯދުނު ކާމިޔާބީތަކާ ގުޅޭ ގޮތުން މަންސޫރު ވިދާޅުވި ގޮތުގައި، ބޭރު ގައުމުތަކާއި އދ. އާއި ޔޫއެންޑީޕީ ފަދަ ޖަމާޢަތްތަކާ ގުޅިގެން ބޭއްވި ސެމިނާތަކާއި އެކި ގައުމުތަކުގައި އަމަލުކުރަމުންދާ ބެސްޓް ޕްރެކްޓިސްތައް ދެނެގަތުމަށް ދިރާސީ ދަތުރުތައް ކުރުން ފާހަގަކޮށްލެވެ އެވެ. އަދި ހައްދުފަހަނައެޅުމާއި ޓެރަރިޒަމްގެ ހަރަކާތްތައް ރާއްޖޭގައި ފެތުރެމުންދާ މިންވަރާއި އެފަދަ ހަރަކާތްތަކުގެ ތަބީއަތު ދެނެގަތުމަށް ދެ ދިރާސާއެއް ކޮށް، އެކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު (ވ)، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާނެ ގައުމީ ސްޓްރެޓެޖިކް ޕްލޭން އިއްޔެ ނެރެދެއްވާ އިރު، އަރިހުގައި އެންސީޓީސީގެ ޑިރެކްޓަ ޖެނެރަލް، އެމްއެންޑީއެފްގެ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު. -- ފޮޓޯ: އެމްއެންޑީއެފް
އިއްޔެ އިފްތިތާހްކުރި ނޭޝަނަލް ސްޓްރެޓެޖީ އޮން ޕްރިވެންޝަން އެންޑް ކައުންޓަރިން ވައިލެންޓް އެކްސްޓްރީމިޒަމް އަކީ އެންސީޓީސީން ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ގައުމީ ފެންވަރުގައި ހިންގާ މަސައްކަތްތައް ހަރުދަނާކުރުމަށް އެޅި ވަރުގަދަ ފިޔަވަޅެކެވެ. ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ، ރާއްޖޭގައި އެފަދަ ހާދިސާއަކަށް މެދުވެރިވެދާނެ ކޮންމެ ކަމެއް ދެނެގަނެ އެ ކަންތައް އެއްފަރާތް ކުރުމަށެވެ. އަދި ބޭރުގެ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވުމުގެ ސަބަބުން ރާއްޖޭގެ ނަމާ ގުޅުވައިގެން ފެތުރޭ ޓެރަރިޒަމްގެ އަޑުތައް ހުއްޓުވުމަށެވެ.
"އަޅުގަނޑުމެން މެދުނުކެނޑި މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގެ އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި ގާތް ގުޅުމެއް އުފައްދައި އެއް ބަޔަކު އަނެއް ބަޔަކާ ކަންކަން ހިއްސާކޮށް މައުލޫމާތު ބަދަލުކޮށްގެން ރާއްޖޭގައި މިއޮތް އަމާންކަން އިރާދަ ކުރެއްވިއްޔާ ދެމެހެއްޓުމަށް. ރާއްޖޭގައި ސުލްހަވެރި މާހައުލެއް ގާއިމުކުރުމަށްޓަކައި ބާއްވަން ޖެހޭ އެކި ވޯކްޝޮޕްތަކާއި ސެމިނާތައް ބާއްވާ ކަމާ ބެހޭ އިލްމީ ދިރާސާތައްކޮށް އިލްމީ ނަޒަރަކުން ހައްލު ހޯދުމަށް،" މަންސޫރު ވިދާޅުވި އެވެ.
ނޮވެމްބަރު ތިނެއް ފަދަ އުދުވާނީ ހަމަލާއެއް އަޔަ ނުދިނުމަށް ފަރުދީ ފެންވަރުގައި ކުރެވިދާނެ ކިތަންމެ ކަމެއް ވެސް އެބަހުއްޓެވެ. އާންމު ރައްޔިތުންގެ އެއްބައިވުމާއި މަދަދާއި ރައްޔިތުންގެ ގުޅުމާ އެކީގައި ނޫނީ ސުލްހަވެރިކަން ދެމެހެއްޓުން އުނދަގޫވާނެ އެވެ.
"މި ކަމުގައި ރައްޔިތުންނަށް ކުރެވިދާނެ ކަމަކަށް އޮތީ ރައްޔިތުންނަކީ ގާނޫނީ އިމުގެ ތެރޭގައި ދިރިއުޅޭ އަދި ބައިބައިވުމާއި ދެކޮޅުވެރިކަމާއި ހަމަނުޖެހުމާއި ނަފްރަތު ކުޑަކުރުމަށް މަސައްކަތް ކުރާ ބަޔަކަށް ވުން. އަދި ދިމާވާ ޚިޔާލު ތަފާތުވުންތައް ސުލްހަވެރިކަމާ އެކު ހައްލު ކުރެވޭތޯ މަސައްކަތް ކުރުން."
ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާ އަށް ފަހު، މާލޭގެ ބަނދަރުމަތި ބެލެހެއްޓުމުގައި ހަރަކާތްތެރިވި ސިފައިންގެ ބަޔަކު މަގުމަތީ އިށީނދެލައިގެން.
އާންމު ފަރުދުންގެ މެދުގައި ނުރައްކާތެރި ކަންކަމަށް މިހާރު ހުޅުވިފައި އޮތް އެންމެ ފުޅާ ދޮރަކީ ދީނުގެ ރަނގަޅު މައުލޫމާތު ނޭނގޭ މީހުން އެކި ކަންކަމުގައި ދީނީ ހަރުކަށި ފިކުރުތަކަށް ތަބާވެ، ދީނީ ބައިބައިވުން އުފެއްދުމެވެ. ނަމަވެސް ހިތާމައަކީ ދީނީ ހަރުކަށި ވިސްނުންތަކާ ދުރުހެލިކޮށް އެފަދަ މީހުން ހަމަ މަގަށް ގެނައުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުމެވެ.
"ދީނީ ކަންކަމާ މެދު ޚިލާފުތަކާއި ޚިޔާލު ތަފާތުވުންތައް އުފެދޭ ކަންކަމުގައި ރަނގަޅު ޖަވާބު ލިބޭނެ މަގުތައް ފަހިކޮށްދިނުމުގައި ދީނީ އިލްމުވެރިންނަށް ގިނަ މަސައްކަތްތަކެއް ކުރެވިދާނެ. އަދި މަތީ ތަޢުލީމް ދޭ މަރުކަޒުތަކުގައި އިލްމީ ދިރާސާކުރެވި އެފަރާތްތަކުގެ ރައުޔުތައް ނެރެދެއްވުމަކީ ވެސް ރަނގަޅު ހައްލެއްކަމުގައި ދެކެން،" މަންސޫރު ވިދާޅުވި އެވެ.
ހަގީގަތަށް ބަލާއިރު، މީގެ 29 އަހަރު ކުރިން ދިން އުދުވާނީ ހަމަލާގައި، ގައުމެއްގެ ނިސްބަތުން ރާއްޖެ އަށް ލިބުނު ގެއްލުމަށް ވުރެ، އެފަދަ ހަމަލާއަކާ ނުލައި ރާއްޖެ އަށް ލިބެމުންދާ ގެއްލުންތައް ވަކިން ކުޑައެއް ނޫނެވެ. ގުރޫޕްތަކުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކަކީ ގައުމުގެ އެތެރޭގެ އަމާންކަމާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލެކެވެ. ބޭރުގެ އުދުވާނަކުން ގައުމު ސަލާމަތް ކުރުމަށް އިސްކަންދޭ މިންވަރަށް ނުވަތަ އެއަށް ވުރެ ވެސް ބޮޑަށް މިއަދު މަސައްކަތް ކުރަން ޖެހިފައިވަނީ އެތެރޭގެ ޓެރަރިޒަމާ ދެކޮޅަށެވެ.
މާރިޔާގެ އިސްތިއުފާ އަށް ގޮވާ އަޑުތައް ގަދަވެއްޖެ
ނޮވެމްބަރު ތިނެއް، ނަޝީދުގެ ތައުރީފު ސިފައިންނަށް
ނޮވެމްބަރު 3ގެ އެންމެ ކުޑަ ރަހީނުގެ ދުލުން އެ ދުވަސް
ވަފާތެރި ލަޝްކަރެއް އޮތްކަން ދައްކަންވީ ވަގުތު ޖެހިއްޖެ
ޝަހީދުންގެ އާއިލާތަކަށް އެލަވަންސާއި ބޯހިޔާވަހިކަން
ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަނީ
"މިނިވަންކަމަށް މި ތިބީ ފުރާނައިން ގުރުބާންވާން"
"ނަސްރުގެ ދުވަސް ފާހަގަކުރުން ލާޒިމުކުރަން ޖެހޭ"
ރަނގަޅަށް އިރު ނާރަނީސް ބާޣީން ބަލިވެ ދުވީ ފިލަން
ކޭބަލްޓީވީ މަސައްކަތް އަލުން ބިޑްކުރަން އަމުރެއް ނުކުރި