ނަސްރުގެ ދުވަސް ގައުމީ ފެންވަރެއްގައި ފާހަގަ ކުރަން ސަރުކާރަށް ލާޒިމު ކުރަންޖެހޭ ކަމަށް އެމްއެންޕީގެ ރައީސް އަދި ސިފައިންގެ ހިދުމަތުގައި 18 ވަރަކަށް އަހަރު ހޭދަކުރެއްވި ކުރީގެ ކާނަލް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
03 ނޮވެމްބަރ 2022
ނަސްރުގެ ދުވަސް ގައުމީ ފެންވަރެއްގައި ފާހަގަ ކުރަން ސަރުކާރަށް ލާޒިމު ކުރަންޖެހޭ ކަމަށް އެމްއެންޕީގެ ރައީސް އަދި ސިފައިންގެ ހިދުމަތުގައި 18 ވަރަކަށް އަހަރު ހޭދަކުރެއްވި ކުރީގެ ކާނަލް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
ދިވެހިންގެ މަދުބަޔަކު އަޑީގައި ތިބެގެން މީގެ 34 އަހަރު ކުރިން ރާއްޖެ އަށް ސްރީ ލަންކާގެ ތަމަޅައިންތަކެއް ހަތިޔާރާއެކު ގެނެސްގެން ދިން ހަމަލައިން ދިވެހިންނަށް ލިބުނު ނަސްރު ފާހަގަކުރާ މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޕީން ބޭއްވި ޖަލްސާގައި ދަގެނތި ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވީ، ރާއްޖޭގައި ކުރިން ފެނުނު ގައުމީ އެއްބައިވަންތަކަން މިހާރު ނުފެންނަ ކަމަށެވެ. އޭގެ ބަދަލުގައި މިހާރު ފެންނަނީ ގައުމީ ލޯތްބާއި ގައުމީ ހިދުމަތުގެ ރޫހު ނެތި ގޮސްފައިވާ ތަން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިން އޮތް ގައުމިއްޔަތުގެ މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ޑިސެމްބަރު 2004 ގައި ރާއްޖެ އަށް އެރި ސުނާމީ ކާރިސާއާއެކު ފެނުނު އެއްބައިވަންތަކަމެވެ.
ޑިފެންސް މިނިސްޓަރުކަން ވެސް ކުރިން ކުރެއްވި ނާޒިމް ވިދާޅުވި ގޮތުގައި އެހެން ވަނީ ގައުމީ ލޯތްބާއި ގައުމީ ހިދުމަތުގެ ރޫހު އެއްވެސް ސަރުކާރަކުން އާލާ ނުކުރާތީ އެވެ.
ނަސްރުގެ ދުވަސް މި ސަރުކާރުން ގައުމީ ފެންވަރެއްގައި ފާހަގަނުކުރާ ކަމަށް ވިދާޅުވެ، ނާޒިމް ފާޑުވިދާޅުވި އެވެ. އެހެންވެ، އޭނާ ވިދާޅުވީ، ނަސްރުގެ ދުވަސް ފާހަގަ ކުރަން ސަރުކާރުގެ މައްޗަށް ލާޒިމު ކުރަން ޖެހޭ ކަމަށެވެ.
ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި މީހުންގެ ހަނދާނުގައި އެމްއެންޕީގެ މެމްބަރުން މިރޭ ސުކޫތެއްގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
"މިއަދު އަޅުގަނޑުމެންނަށް ޗުއްޓީ ދުވަހެއް. ހުރިހާ އެންމެން ބޭން ޖަހާލާފައި މި ދަނީ ރަށްރަށަށް ފުރައިގެން. އެކަމަކު އަޅުގަނޑުމެން މި ސަރުކާރުގެ މައްޗަށް ލާޒިމު ކުރަންޖެހޭ މި ދުވަސް ފާހަގަކުރަން ގައުމީ ފެންވަރެއްގައި،" ނާޒިމް ވިދާޅުވި އެެވެ.
އޭނާ ވިދާޅުވީ، ނަސްރުގެ ދުވަސް ފާހަގަކުރަން ސަރުކާރަށް ނުކެރޭ ކަމަށާއި އެއީ ކީއްވެގެން ކަމެއް އޭނާއަށް ވެސް ވިސްނި ވަޑައިނުގަންނަވާ ކަމަށެވެ.
"މި ސަރުކާރަކަަށް ނުކެރުނު [ނަސްރުގެ ދުވަސް ފާހަގަކުރަން]. އަޅުގަނޑަކަށް ނޭނގޭ ކީއްވެގެން ކަމެއް. މި ސަރުކާރު އެއްގޮތަކަށް ވެސް މިކަން ކުރާކަށް ނުކެރުނު،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެމްއެންޕީގެ ވެރިކަމެއްގައި ނަސްރުގެ ދުވަހަކީ ސްކޫލު ފެންވަރުގަ އާއި ރަށު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ފާހަގަކުރަން މަޖުބޫރު ދުވަހަކަށް ހަދާނެ ކަމަށެވެ.
މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެމްއެންޕީން ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ނިޝާން އަލީ| މިހާރު
އެމްޑީޕީގެ ބާރު އޮންނަ ކޮންމެ ސަރުކާރެއްގައި ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަނުކުރާ މައްސަލަ އަބަދުވެސް އެތައް ބަޔަކު ފާހަގަކުރެ އެވެ. އެހެންވެ، އެމްޑީޕީގެ ބޮޑު ޕަސެންޓެއް ހިއްސާކުރާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރަށް ވެސް އެ ފާޑުކިޔުންތައް ވަނީ މިއަދު ކުރިމަތިވެފަ އެވެ. މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރަން ވެސް މި ސަރުކާރުން މާ ގިނަ ކަންތައްތަކެއް ނުކުރާކަން އެތައް ބަޔަކު ފާހަގަކުރެ އެވެ.
މިރޭގެ ޖަލްސާގައި ނާޒިމް ވިދާޅުވިގޮތުގައި ނޮވެމްބަރު 3 އަކީ ދިވެހި އެތައް ބައެއް ގުރުބާންވެ، ޝަހީދުވެގެން ދިޔަ ދުވަހެއްކަން ހަނދާނުގައި އަބަދު ބަހައްޓަން ޖެހެ އެވެ. އަދި ވިދާޅުވީ މިހާރު ގައުމު ބޭނުންވެފައި ވަނީ ގައުމަށްޓަކައި ކޮންމެ ކަމެއް ކުރަން ފަސް ނުޖެހޭ މީހުން ކަމަށެވެ. އެހެންވެ، އެފަދަ މީހަކަށް ކޮންމެ މީހަކު ވުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
ގައުމަށްޓަކައި ގުރުބާންވާ ކޮންމެ މީހަކަށް ހައްގު މަގާމު އެމްއެންޕީގެ ސަރުކާރެއްގައި ކަމަށާއި އަދި އެއީ ގައުމީ ޕާޓީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
މި ފަހަރުގެ ނަސްރުގެ ދުވަސް ތާރީހުން ޖާގަ ހޯދައިފި
"ކުއްލި ނުރައްކަލަށް ދިވެހިން ތިބެން ޖެހޭނީ ހޭލާ"
މައުމޫނާއި ނަސްރީނާ ނޮވެމްބަރު 3 ގެ ހަނދާންތަކާ އެކު
ޖަލީލްގެ ޑައިރީން: ދުޝްމަނުންގެ ކުރިމައްޗަށް އެރި ގޮތް
ނަސްރުގެ ދުވަހުގެ މައުރަޒު ހުޅުވައިފި
އުމާ މަހޭޝްވަރަން، ލުތުފީއަށް އެހީވީ ކީއްވެ؟
"ޝަހީދުންގެ ޒިކުރާ"ގެ 25: ހިތުގެ އެންމެ ފުނަށް!
"ނަސްރު ލިބުނީ ދީނުގެ ސައްހަ އަގީދާގެ މަތީ ތިބުމުން"
ރަނގަޅަށް އިރު ނާރަނީސް ބާޣީން ބަލިވެ ދުވީ ފިލަން
ނޮވެމްބަރު ތިނެއް، ނަޝީދުގެ ތައުރީފު ސިފައިންނަށް