Roadha Mihaaru
އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ފޮނުވައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފޮނުވައިފި

05 ނޮވެމްބަރ 2017

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަކީ ކިހާ ވަރެއްގެ ބަޖެޓެއްކަން އަދި ސާފެއް ނުވެ އެވެ. މި އަހަރަށް ލަފާކޮށް، މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ފާސްކުރި އަދަދާ އެކު މި އަހަރުގެ ބަޖެޓުގެ އަދަދު 27.3 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ.

ސަޕްލިމަންޓްރީ ބަޖެޓަކީ މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށް ވުރެ އިތުރަށް ހަރަދުވާނެ ކަމަށް ބެލެވޭތީ ގާނޫނުއަސާސީގެ ދަށުން ސަރުކާރުން ހުށަހެޅި ބަޖެޓެކެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ މިދިޔަ ހަފްތާގަ އެވެ. އެކަމަކު، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް، ޖަލްސާތަކުގެ އެޖެންޑާ ބަލަހައްޓާ ސެކްޝަނަށް އަދި ބަޖެޓު ނުފޮނުވާ ކަން ވަނީ އެނގިފަ އެވެ.

ހަފްތާއެއްގެ މެދުކެނޑުމަކަށް ފަހު، މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޖަލްސާގެ އެޖެންޑާގައި ވެސް ބަޖެޓު ހުށަހެޅުމަށް ހަމަޖެހިފައެއް ނުވެ އެވެ. ޖަލްސާގެ އެޖެންޑާގައި ހަމައެކަނި ކަމަކަށް އޮތީ "ކިގާލީ އެމެންޑްމެންޓް ޓު ދަ މޮންޓްރިއަލް ޕްރޮޓޮކޯލް" ރާއްޖެ އިން ތަސްދީގު ކުރުމާ މެދު މަޖިލީހުން ރުހުން ހޯދުމަށްޓަކައި ފޮނުވި މައްސަލަ ގައުމީ ސަލާމަތުގެ ކޮމެޓީގެ ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާ ކުރެވޭ ހަރަދާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ހުށަހަޅަންވާނެ އެވެ. މާލިއްޔަތު ގާނޫނު ބުނާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހެ އެވެ.

އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ފޮނުވިއިރު، މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ މިހާރު ގާތްގަނޑަކަށް ހަފްތާއަކަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. ޖަލްސާތައް މެދުކަނޑާލާފައި ވަނީ އެޖެންޑާ ކުރާނެ ކަމެއް ނެތިގެން ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ފަހު ދައުރުގެ މަސައްކަތްތައް މިދިޔަ މަހު މަޖިލީހުގައި ފެށިއިރު، އިދިކޮޅު މެމްބަރުން ގެންދަވަނީ ޖަލްސާ ބާއްވާ ކޮންމެ ދުވަހަކުހެން މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖް ކުރައްވަމުންނެވެ. އެބޭފުޅުން ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ ރިއާސަތުގެ ދަށުން ޖަލްސާތައް ނުބޭއްވޭނެ އެވެ.