Roadha Mihaaru
މިއީ އުންމީދީ، ރައްޔިތުންނާ ގުޅުން ހުރި ބަޖެޓެއް

މިއީ އުންމީދީ، ރައްޔިތުންނާ ގުޅުން ހުރި ބަޖެޓެއް: ސަރުކާރުގެ މެމްބަރުން

16 ނޮވެމްބަރ 2017

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އުންމީދީ، ރައްޔިތުންނާ ގުޅުން ހުރި ބަޖެޓެއް ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އުންމީދީ، ރައްޔިތުންނާ ގުޅުން ހުރި ބަޖެޓެއް ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރެއްވި ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުން ވިދާޅުވީ، ބަޖެޓު ގުޅެނީ މުޅި ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމާ ކަމަށެވެ. އެގޮތުން ވަކި ދާއިރާއަކަށް ބެލުމެއް ނެތި ހުރިހާ ދާއިރާއެއް ތަރައްގީ ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަން ބަޖެޓުން ހާމަވެގެންދާ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވި ގޮތުގައި ބަޖެޓުގައި ވަރަށް ގިނަ ރަނގަޅު ކަންތައްތަކެއް ވަނީ ހިމަނައިފަ އެވެ. އެގޮތުން ކާޑާއި ކަރަންޓުގެ އަގު ހެޔޮ ކުރުމަށް ބަޖެޓުގައި ފައިސާ ހިމަނާފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. އަދި ގެދޮރުވެރިކުރުވުމުގެ މަޝްރޫއަށާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބޮޑު ހޭދައެއް ކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.

ސަލީމް ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ބަޖެޓު ޑެފިސިޓްވުމަކީ ބޮޑު މައްސަލައަކަށް ނުވިޔަސް، ދާއިމީ ގޮތެއްގައި ބަޖެޓު ޑެފިސިޓްވަމުން ދިއުމަކީ މައްސަލައެއް ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓްވާނެ ކަމަށް ލަފާކޮށްފައި އޮތީ 2.5 ބިލިއަން ރުފިޔާ އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމަށް އިއްޔެ ބޭއްވި ޖަލްސާގައި ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީ (ކ) އާއި މުހައްމަދު ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމަށް އިއްޔެ ބޭއްވި ޖަލްސާގައި ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީ (ކ) އާއި މުހައްމަދު ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް

"ވޭތުވެދިޔަ 12 އަހަރެއްހާ ދުވަހަށް މިދިޔައީ ބަޖެޓު ޑެފިސިޓްކޮށް، ހަމަހަމަ ބަޖެޓެއް ނުގެނެވި. އެހާ ދިގު މުއްދަތަކަށް ބަޖެޓު ޑެފިސިޓްވެގެން ދިއުމަކީ ގައުމަށް ގެއްލުން ހުރި ކަމަކަށް ވެދާނެ ކަމެއް. އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނީ އަބަދުވެސް ލިބޭ އެއްޗަކުން ދެކޮޅު ޖެހޭތޯ،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވަނީ ވީހާވެސް އަވަހަކަށް ހަމަހަމަ ބަޖެޓަކަށް ދިއުމަށް ގޮވާލައްވައިފަ އެވެ. ބަޖެޓު ޑެފިސިޓްވުމުގެ ނަތީޖާ އަކީ ގައުމުގެ ދަރަނި އަތްނުފޯރާ ހިސާބަށް ދިއުން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. ދައުލަތުގެ އާމްދަނީ ޓޫރިޒަމަށް ބަރޯސާވެފައި އޮންނައިރު، އެ ދާއިރާ އަށް ކުރާ ނޭދެވޭ އަސަރަކުން އާމްދަނީ އެތައް ތަނެއް ދަށަށް ގޮސް، "އޮބި ނޯންނަ" ހިސާބަށް ކަންކަން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލީމް ވަނީ ބަޖެޓް ރަނގަޅު ގޮތުގައި ހޭދަކުރުމުގެ ގާބިލް ކަމާއި ހިތްވަރު ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރުގެ ކިބައިގައި ހުންނެވިތޯ ސުވާލު ކުރައްވައިފަ އެވެ. އެ ގާބިލްކަން ނެތްނަމަ، ގިނަ ފައިސާތަކެއް ބޭކާރުވެގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވީ ބަޖެޓަށް ބަލާއިރު، އެއީ ފަރުދުންނާ ގުޅުން ހުރި ވަރަށް ގިނަ ކަންތައްތަކެއް ހާސިލްކޮށްދޭ ބަޖެޓެއް ކަމަށެވެ.

މެމްބަރު ހަލީލް އިއްޔެ ބަޖެޓު ފޮތް ބައްލަވާލައްވަނީ. ---ފޮޓޯ: މަޖިލިސް

މެމްބަރު ހަލީލް އިއްޔެ ބަޖެޓު ފޮތް ބައްލަވާލައްވަނީ. ---ފޮޓޯ: މަޖިލިސް

ފާއިތުވި ހަތަރު އަހަރު ސަރުކާރުން ހުށަހެޅި ބަޖެޓުތަކަކީ ރައްޔިތުންގެ ދިރިއުޅުން އެހެން މަރުހަލާއަކަށް ގެންދިއުމަށް ހުށަހެޅި ބަޖެޓުތަކެއް ކަމަށް ޚަލީލް ވިދާޅުވި އެވެ. އަދި ފޮތް ހިފައިގެން ދިއުމުގެ ބަދަލުގައި ސްކޫލްތައް ޑިޖިޓަލައިޒްކޮށް، ކޮންމެ ދަރިވަރަކަށް ޓެބްލެޓެއް ދޭން ނިންމިކަން އޭނާ ފާހަގަކުރެއްވި އެވެ.

އުމްރާނީ ތަރައްގީ އަށް 7.1 ބިލިއަން ރުފިޔާ ޚަރަދު ކުރަން ނިންމާފައިވާ ކަން ފާހަގަ ކުރައްވައި ޚަލީލް ވިދާޅުވީ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގުމުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅުމުގެ ފަސޭހަކަން ލިބި، ޚިދުމަތްތަކުގެ އަގު ހެޔޮކަން ރައްޔިތުންނާ ހަމައަށް ފޯރާނެ ކަމަށެވެ.

މީގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ބަޖެޓުން ނިންމާފައިވުމަކީ އެ މީހުންގެ ދިގު އިންތިޒާރެއްގެ ނިމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިކަމުން އެތައް އާއިލާއަކަށް އުފާވެރިކަން ލިބިގެންދާނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

"މިކަންތައްތަކުން ފާހަގަ މި ކުރެވެނީ ވަރަށް އުންމީދީ ބަޖެޓެއްގެ ގޮތުގައި،" ޚަލީލް ވިދާޅުވި އެވެ.

ކަނޑިތީމު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ހުސެއިން ވިދާޅުވީ ޓޫރިޒަމްގެ ސިނާއަތް ފުޅާކުރުމަށް ބަޖެޓުން ކަންތައްތަކެއް ކުރުމަށް ނިންމާފައި ވުމަކީ ރައްޔިތުންނަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. ނަމަވެސް އަހަރެއްތެރޭ ރައްޔިތުންނަށް ބޭނުންވެފައި ހުރި، ހުރިހާ ކަމެއް ހައްލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ށ. އަތޮޅުގައި ގިނަ މަޝްރޫއުތަކެއް ހިންގުމަށް ރާވާފައިވާކަން ފާހަގަ ކުރައްވައި، މުހައްމަދު ހުސެއިން ވިދާޅުވީ މިފަދަ ބަޖެޓެއް ސަރުކާރުން ހުށަހެޅުމުން އުފާ ކުރައްވާ ކަމަށެވެ. އަދި ބަޖެޓުގެ ސަބަބުން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް "ބަހާރު މޫސުމެއް" އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވި ގޮތުގައި އެ ދާއިރާ އަކީ ސަރުކާރުން އެންމެ ބޮޑެތި މަޝްރޫއުތައް ހިންގާ ދާއިރާ އެވެ.

އެއްވެސް ކަމެއް ނުވެގެން، ސަރުކާރުގައި ޝަކުވާ ކުރަން ބޭނުންނުވާ ކަމަށާއި ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ހުރިހާ ދާއިރާތަކެއް ތަރައްގީ ކުރަމުން ގެންދަވަނީ ހީކުރާ ވަރަށް ވުރެ، ދުވެލި ބާރުކޮށް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. މޫސަގެ ވާހަކައިގައި ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ބައެއް މުހިންމު ކަންކަމުގެ މައްޗަށް ބައްލަވައިލެއްވި އެވެ.