Roadha Mihaaru
ތަފާތު ބޮޑު މޮޅަކާ އެކު ތިނަދޫ ގަދަ ހަތަރަކާ ދިމާލަށް

ގްރީންސްޓްރީޓްސް ކޮޅަށް ހަތް ގޯލް ޖަހައި ތިނަދޫ ގަދަ ހަތަރަކާ ދިމާލަށް

06 ނޮވެމްބަރ 2017

މި ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ފެނިގެން ދިޔަ އެންމެ ތަފާތު ބޮޑު ނަތީޖާއާ އެކު، ކްލަބް ގްރީންސްޓްރީޓްސް 7-0 އިން ބަލިކޮށް ގދ. ތިނަދޫ އިން ގަދަ ހަތަރެއްގެ އުއްމީދު ބޮޑުކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މި ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ފެނިގެން ދިޔަ އެންމެ ތަފާތު ބޮޑު ނަތީޖާއާ އެކު، ކްލަބް ގްރީންސްޓްރީޓްސް 7-0 އިން ބަލިކޮށް ގދ. ތިނަދޫ އިން ގަދަ ހަތަރެއްގެ އުއްމީދު ބޮޑުކޮށްފި އެވެ.

ކޮލަމްބިއާ ފޯވާޑް ހޯސޭ އަވީލާގެ ހެޓްރިކާ އެކު ތިނަދޫން ހޯދި މި މޮޅާ އެކު އެ ޓީމު ވަނީ 15 ޕޮއިންޓް ހަމަކޮށް، ހަތަރު ވަނައިގައި އޮތް ގްރީންސްޓްރީޓްސްއާ އެއް ޕޮއިންޓް ކައިރިކޮށްފަ އެވެ. ގްރީންސްޓްރީޓްސް އަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. ކޮންމެ ޓީމަކަށް ބާކީ އޮތީ ދެ މެޗެވެ.

މިރޭގެ މެޗަށް ގްރީންސްޓްރީޓްސް ނުކުތީ ސަސްޕެންޑްވެފައިވާ ވިލިއަމް މަކޯ އާއި އަހުމަދު ހަސަން ނެތި އެވެ. އަދި ޖަޕާން ގޯލްކީޕަރު ޔުން ކޮޗީ އާއި މިޑްފީލްޑަރު ސޮބުލް އިލިއާ ވެސް ނުކުޅެ އެވެ.

ފުރަތަމަ ހާފުގައި ތިނަދޫ އިން ވަނީ ހަތަރު ގޯލް ޖަހައިފަ އެވެ. ފުރަތަމަ ގޯލް 8 ވަނަ މިނެޓުގައި ޖެހީ ޒުވާން ފޯވާޑް އަންސަރު އިބްރާހިމް (އަންކޮ) އެވެ. ގްރީންސްޓްރީޓްސްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު 20 ވަނަ މިނެޓުގައި އަވީލާ ވަނީ ތިނަދޫ އަށް ލީޑު ފުޅާކޮށްދީފަ އެވެ. އަންސަރު އުފެއްދި ހަމަލައެއްގައި އޭނާ އަހުމަދު ރިޒްވާން (ރިޒޭ) އަށް ދިން ބޯޅަ ރިޒޭ ވަނީ ހުހަށް އަރާ ހުރި އަވީލާ އަށް ފޯރުކޮށްދީފަ އެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ތިނަދޫގެ ތިން ވަނަ ލަނޑަކީ 30 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އަވީލާ ޖެހި ގޯލެކެވެ. މިއީ އޭރިއާ ތެރެއިން އޭނާ އަށް ގްރީންސްޓްރީޓްސްގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެ މިނެޓެއް ފަހުން އަވީލާ ވަނީ ތިނަދޫގެ ހަތަރު ވަނަ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

އޭގެ ފަހުން ރިޒޭ އަށް އޭރިއާ ތެރެއިން މުޅިން ހުހަށް ލިބުނު ފުރުސަތު ބޭކާރުވިއިރު ގްރީންސްޓްރީޓްސްގެ އިބްރާހިމް ރިޒްހާން (ރިޒްކޯ) އޭރިއާ ތެރެއިން ފޮނުވާލި ބާރު ޝޮޓް ތިނަދޫގެ ގޯލްކީޕަރު ރުސްލާން މަތަކުރި އެވެ.

ތިނަދޫގެ ފަސް ވަނަ ގޯލް 51 ވަނަ މިނެޓުގައި ޖެހީ ރިޒޭ އެވެ. އަހުމަދު މުބީން (މުއްކި) ހުރަސްކުރި ބޯޅަ ރިޒޭ ޖެހުމުން ގޯލަށް ވަނީ ދަނޑީގައި ވެސް ޖެހިފަ އެވެ. އަދި އޭގެ ހަތަރު ވަނަ މިނެޓު ފަހުން ރިޒޭ ވަނީ ހަ ވަނަ ގޯލް ޖަހައިފަ އެވެ. ރިޒޭ ފުރަތަމަ ފޮނުވާލި ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފައި ގްރީންސްޓްރީޓްސްގެ ގޯލްކީޕަރު އަހުމަދު ފައިރޫޒުގެ ގައިގައި ޖެހިފައި އަލުން ލިބުމުން ރިޒޭ ވަނީ ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

ތިނަދޫގެ ހަތް ވަނަ ގޯލް 85 ވަނަ މިނެޓުގައި ޖެހީ އަލީ ހައިޝަމް އެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަންއިރު ކީޕަރު ފައިރޫޒް ހުރީ ހަރަކާތް ހުއްޓިފަ އެވެ.

މެޗުގެ ފަހުކޮޅު ގްރީންސްޓްރީޓްސް އިން ތިނަދޫގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ތިން ހަމަލާ ވެސް ކީޕަރު ރުސްލާން މަތަކުރި އެވެ.

ތިނަދޫގެ ކޯޗު އަލީ ސުޒޭން ބުނީ ގަދަ ހަތަރަކަށް ވާދަކުރަނީ ގްރީންސްޓްރީޓްސްއާ ކަމަށާއި އެހެންވެ އެ ޓީމު އަތުން ތަފާތު ބޮޑުކޮށް މޮޅު ވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"ގޯލް ތަފާތު މި އަތުލެވުނީ. ދެން އޮތީ ޕޮއިންޓަށް މަސައްކަތްކުރުން. މާޅޮސް އޮތީ ވަރަށް ފޯމުގައި. އެކަމަކު ބެލެންސްކޮށް ދާ މެޗެއްގެ ތެރެއިން މާޅޮސް އަތުން ވެސް ތިނަދޫ އަށް ޕޮއިންޓް ހޯދޭނެ. ދެން އެކަމަށް މަސައްކަތްކުރާނީ،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ ތިނަދޫގައި ތިބީ ވަރަށް ތަފާތު ކުޅުންތެރިންތަކެއް ކަމަށާއި މިހާ ތަފާތު ބޮޑު ނަތީޖާއެއް އައީ ތިނަދޫގައި ތިބި ކުޅުންތެރިން އެންމެ މޮޅަށް ކުޅުނު ދުވަހާއި ގްރީންސްޓްރީޓްސް އިން ވަރަށް ގޯސްކޮށް ކުޅުނު ދުވަހަކާ ދިމާވުމުން ކަމަށެވެ.

"ތަފާތެއް އައިސްދާނެ. އެއީ ކޮންމެ ގޮތެއް ވިޔަސް ގްރީން އޮތީ ވަރަށް ބޮޑަށް ފޯމް ގެއްލިފައި. އަޅުގަނޑުމެން އެންމެންނަށް އެނގޭ އެ ޓީމުގެ ކީޕަރު ނެތް. އަނެއްކާ ޑިފެންސް ތެރެއިން ވެސް ބައިވަރު ބަދަލު އައިސް ޓީމަށް އެހާ ބޮޑު ބަދަލުތަކެއް އައީމާ އާ ޓީމަކަށް އުނދަގޫވާނެ. ކޮންމެ ޓީމަކަށް ވެސް އުނދަގޫވާނެ ބޮޑެތި ބަދަލުތަކެއް އައީމާ. މިއުޅެނީ މިސާލަކަށް މާޒިޔާ އުޅެނީ އަސަދުﷲ ނެތީމާ ރިކަވާނުކުރެވިގެން. އެއޮށް ބޮޑު ޓީމު. އެހެންވީމާ އަދި ގްރީން ކަހަލަ ޓީމަކަށް އަދި މާގިނަ އުނދަގޫތަކެއް ހުންނާނެ،" ސުޒޭން ބުންޏެވެ.

ގްރީންސްޓްރީޓްސްގެ ކޯޗު ސޮބާހް މުހައްމަދު ބުނީ މެޗު ދިޔައީ ވަރަށް ދަށްކޮށް ކަމަށާއި ކުޅުންތެރިންގެ ފަރާތުން ފެނުނު އެޓިޓިއުޑާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި އެގޮތަށް ކުޅުންތެރިން ތިބޭ ނަމަ އެއްވެސް ކްލަބެއްގައި ކާމިޔާބުނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"މީގައި މެޗު ބެއްލެވި އެންމެންނަށް ފެންނާނެ (ދަނޑުމަތީގައި) ކުރީގެ ގްރީންސްޓްރީޓްސްގެ ކުޅުންތެރިންގެ މަސައްކަތާ މިހާރު ކުޅުންތެރިން މަސައްކަތް. ފައިނޭންޝިއަލް މައްސަލަތަކެއް ވެސް އެބައުޅޭ ކްލަބުގައި. އެކަމަކު އެއީ މި ކްލަބަށް އެކަނި އައިސްގެން އުޅޭ މައްސަލައެއް ނޫން. ފެށުނީއްސުރެ އުޅޭ މައްސަލައެއް. އަޅުގަނޑުމެން ކުޅުނު އިރުން ފެށިގެން ވެސް. އެހެންވީމާ ކުޅުންތެރިން އޭތި ނުދަންނަންނާ (އެއީ މައްސަލައެއް)،" ސޮބާ ބުންޏެވެ.