Roadha Mihaaru
ގަދަ ހަތަރަކަށް ވަންނަން ތިނަދޫ އަށް ބޮޑު ފުރުސަތެއް

ގަދަ ހަތަރަކަށް ވަންނަން ތިނަދޫ އަށް ބޮޑު ފުރުސަތެއް

20 ނޮވެމްބަރ 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އއ. މާޅޮހާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު މިއީ ލީގުގެ ގަދަ ހަތަރަަކަށް ވަންނަން ގދ. ތިނަދޫ އަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އއ. މާޅޮހާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު މިއީ ލީގުގެ ގަދަ ހަތަރަަކަށް ވަންނަން ގދ. ތިނަދޫ އަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ.

ގަދަ ހަތަރެއްގެ ފަހު ޖާގަ އަށް ތިނަދޫ ވާދަކުރަނީ ގްރީން ސްޓްރީޓްސްއާ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ތިނަދޫ ވަނީ 7-0 އިން ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ. އެ މެޗަށް ފަހު ތިނަދޫގެ ކޯޗު އަލީ ސުޒޭން ވަނީ ގަދަ ހަތަރަަކަށް ވާދަކުރާ ޓީމު އަތުން ބޮޑު މޮޅެއް ލިބުމަކީ ކުރަމުން އައި މަސައްކަތަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށް ބުނެފަ އެވެ.

ލީގުގައި ރޭ ގްރީން ސްޓްރީޓްސް ކުޅުނު މެޗުން ވަނީ މާޒިޔާ އަތުން 3-0 އިން ބަލިވެފަ އެވެ. އެ މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ވަނީ އެ ޓީމުން މިހާރު އޮތީ ތަފާތު ސަބަބުތަކާ ހުރެ ސީޒަން ނިންމާލައިފައި ކަމަށް ބުނެފަ އެވެ.

ރޭގެ މެޗުން ބަލިވުމުން ލީގުގެ ގަދަ ހަތަރެއްގައި ނިންމާލުމަށް ގްރީން ސްޓްރީޓްްސް އަށް ވަނީ އުނދަގޫތަކާ ކުރިމަތިވެފަ އެވެ. އެ ޓީމު ލީގުގެ ހަތަރު ވަނައިގައި މި ވަގުތު އޮތީ ލީގުގެ ފަސް ވަނައިގައި އޮތް ގދ. ތިނަދޫ އަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ގްރީން އަށް 13 މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ތިނަދޫ އޮތީ 12 މެޗުން 15 ޕޮއިންޓެވެ. މިއަދު މާޅޮހާ ދެކޮޅަށް ކުޅޭ މެޗުން ތިނަދޫ ބަލިނުވެ ފަރުޖައްސާލައިފިނަމަ އެ ޓީމަށް ލީގުގެ ހަތަރަކަށް އެރޭނެ އެވެ.

ލީގުގެ ދެ ވަނަ ބުރުގައި ތިނަދޫއާ ހަވާލުވުމަށް ފަހު ސުޒޭން ބުނީ އަމާޒަކީ ގަދަ ހަރަކަށް ވަދެ ގައުމީ މުބާރާތުގައި ވާދަކުރުން ކަމަށާއި އެއީ ތިނަދޫ ފަދަ ފުޓްބޯޅައިގެ ތާރީހެއް އޮތް ރަށަކަށް ޒަމާންތަކަކަށް ފަހު ލިބިގެންދާނެ ރީތި ނަމެއް ކަމަށެވެ.

ސުޒޭންގެ އިރުޝާދުގެ ދަށުން ތިނަދޫ ކުޅުނު ފުރަތަމަ މެޗުތަކުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ދިމާވި މައްސަލަ އަކީ ލަނޑު ޖަހަން ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފުމެވެ. އެހެން ނަމަވެސް އެންމެ ފަހުން ގްރީން ސްޓްރީޓްސްއާ ބައްދަލުކުރި މެޗުގައި އެކަމަށް ހައްލެއް ވަނީ ލިބިފަ އެވެ.

މާޅޮހަކީ ލީގުގެ ދެ ވަނަ ބުރުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ޓީމެވެ. އެ ޓީމުން ވަނީ މި ބުރު ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ. ލީގުގެ މިހާތަނަށް މާޅޮހުން ކުޅުނު 12 މެޗުގެ ތެރެއިން ދެ މެޗެއް ފިޔަވައި މާޅޮހުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ.

މާޅޮސް މި ވަގުތު ލީގުގެ ހަތް ވަނައިގައި އޮތީ ހަ ވަނައިގައި އޮތް ށ. މިލަންދޫއާ އެއްވަރަށް އަށް ޕޮއިންޓް ހޯދައިގެންނެވެ. މިލަންދޫ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މާޅޮހުގެ ކޯޗު އަލީ ނިސްތާރު ވަނީ އެ ޓީމުގެ ޓާގެޓަކީ 10 ޕޮއިންޓް ހަމަކުރުން ކަމަށް ބުނެފަ އެވެ.

ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗުން ތިނަދޫ ވަނީ 1-0 އިން މާޅޮސް ބަލިކޮށްފަ އެވެ. މިއަދުގެ މެޗު ފަށާނީ 15:50 ގަ އެވެ.