Roadha Mihaaru
އަހަންނަށް ދެވޭނީ އިރުޝާދު، ޖާދުލެއް ނެހެދޭނެ: ސޮބާ

އަހަންނަށް ދެވޭނީ އިރުޝާދު، ޖާދުލެއް ނެހެދޭނެ: ސޮބާ

07 ނޮވެމްބަރ 2017

އޭނާ އަށް ކުޅުންތެރިންނަށް ދެވޭނީ އިރުޝާދު ކަމަށާއި ކުޅުންތެރިންގެ ފަރާތުން ދަނޑުމަތީގައި އެކަން ނުފެންނަންޏާ އޭނާ އަށް ހެދޭނެ ޖާދުލެއް ނޯންނާނެ ކަމަށް ކްލަބް ގްރީންސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އޭނާ އަށް ކުޅުންތެރިންނަށް ދެވޭނީ އިރުޝާދު ކަމަށާއި ކުޅުންތެރިންގެ ފަރާތުން ދަނޑުމަތީގައި އެކަން ނުފެންނަންޏާ އޭނާ އަށް ހެދޭނެ ޖާދުލެއް ނޯންނާނެ ކަމަށް ކްލަބް ގްރީންސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ހޯދި ޓީމުގެ ފޯމް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވަނީ ގެއްލިފަ އެވެ. އެންމެ ފަހުން ކުޅުނު މެޗުން ގދ. ތިނަދޫ އަތުން އެ ޓީމު ވަނީ 7-0 އިން ބަލިވެފަ އެވެ. އެއީ މި ސީޒަނުގައި މިހާތަނަށް ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.

އެ މެޗަށް ފަހު ސޮބާ ބުނީ ކްލަބުގައި މާލީ މައްސަލަތައް އެބަހުރި ކަމަށާއި އެކަމަކު އެއީ އަބަދުވެސް ހުރިހާ ކްލަބަކަށް ވެސް ދިމާވާ މައްސަލައެއް ކަމަށެވެ.

"ރާއްޖޭގައި ފެށުނީއްސުރެ އަޅުގަނޑުމެން ކުޅުންއިރުއްސުރެ އުޅޭ މައްސަލައެއް އެއީ. ރާއްޖޭގައި ނިއު ރޭޑިއަންޓާއި މާޒިޔާ ނޫނީ ހިޔެއް ނުވޭ ބަރާބަރަށް ސެލެރީ ދޭ ކްލަބްތަކެއް އޮތްހެން. އަޅުގަނޑުމެން ކުޅުން އިރު ވެސް މިގޮތަށް ބައިވަރު މައްސަލަ ހުރި. (އެކަމަކު) މިހާރުގެ މި ކުޅުންތެރިން ވިސްނުމާ އަޅުގަނޑުމެން އޭރު ވިސްނި ވިސްނުމާ ހާސްބައި ތަފާތު،" ސޮބާ ބުންޏެވެ.

އޭނާ ބުނީ ގްރީންސްޓްރީޓްސް ކުޅުންތެރިން މެޗުގައި ކުޅުނީ ސަތޭކަ ޕަސެންޓް އެފޯޓްލައިގެން ނޫން ކަމަށާއި މެޗު ބެލި އެންމެންނަށް އެކަން ފެންނާނެ ކަމަށެވެ. އޭނާ ބުނީ މައްސަލަ އަކީ ބަލިވުން ނޫން ކަމަށާއި ކުޅުންތެރިން ސަތޭކަ ޕަސެންޓް ދިން ނަމަ މި ގޮތަށް ބަލިނުވާނެ ކަމަށެވެ.

ސޮބާ ބުނީ އޭނާ ޒިންމާ ނުނަގަން ނޫޅޭ ކަމަށާއި އެކަމަކު އޭނާދޭ އިރުޝާދާ އެއްގޮތަށް ކުޅުންތެރިން ދަނޑުމަތީގައި އެޓިޓިއުޑް ނުފެންނަންޏާ އޭނާ ނޫނަސް އަދި އެހެން ކޯޗަކަށް ވެސް ހެދޭނެ ޖާދުލެއް ނޯންނާނެ ކަމަށެވެ.

އޭނާ ބުނީ ގަދަ ހަތަރަކަށް ދިޔަޔަސް މި ހާލަތުގައި އޮވެގެން މިގޮތަށް ކުޅެގެން ތަފާތެއް ނުދެއްކޭނެ ކަމަށެވެ. އަދި މިހާރު ނުދެއްކި އެއްޗެއް ޕްރެކްޓިހުގައި ނުދައްކާ އެއްޗެއް މެޗެއްގައި ނުދެއްކޭނެ ކަމަށެވެ.

އެފްއޭއެމުން ކުންފުނިތައް މެދުވެރިކޮށް ވަނީ ކްލަބްތަކަށް މި ފަހަރު މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ގްރީންސްޓްރީޓްސް އަށް އެ ފައިސާ ނުލިބެނީތޯ ނޫސްވެރިއަކު އެހުމުން ސޮބާ ބުނީ ތި ސުވާލު ކުރަން ޖެހޭނީ ކްލަބުގެ ރައީސާ ކަމަށާއި އޭނާ އަކީ ވެސް ކްލަބުން މުސާރަ ދީފައި ވަޒީފާގައި ހުރި މީހެއް ކަމަށެވެ.