Roadha Mihaaru
ކުރިއަށް ދިއުމަށް މާޅޮސް ބަލިކުރުން މުހިއްމު: ސޮބާ

ކުރިއަށް ދިއުމަށް މާޅޮސް ބަލިކުރުން މުހިއްމު: ސޮބާ

16 ސެޕްޓެމްބަރ 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު ގްރީން ސްޓްރީޓްސްގެ އަމާޒަކީ އއ. މާޅޮހުގެ މައްޗަށް ކުރިހޯދައި އާ ފެށުމަކުން ފަށައި ޓާގެޓަށް ވާސިލްވުމުގެ މަސައްކަތައިގެން ކުރިއަށް ދިއުން ކަމަށް ގްރީންގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު ގްރީން ސްޓްރީޓްސްގެ އަމާޒަކީ އއ. މާޅޮހުގެ މައްޗަށް ކުރިހޯދައި އާ ފެށުމަކުން ފަށައި ޓާގެޓަށް ވާސިލްވުމުގެ މަސައްކަތައިގެން ކުރިއަށް ދިއުން ކަމަށް ގްރީންގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.

ލީގުގައި އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސްގެ ސޮބޮލް އިލިއާ އަށް ދެއްކި ކާޑެއްގެ މައްސަލައިގައި ހޫނުވެގެން ހުއްޓާލިިއިރު، މުބާރާތް ހިންގާ ކޮމިޓީން ވަނީ އެ މެޗުން މާޒިޔާ މޮޅުވީ ކަމަށް ނިންމައިފަ އެވެ. އަދި އެއްވެސް ޓީމަކަށް އަދަބެއް ދީފައިނުވާއިރު، އެ މެޗުގެ ރެފްރީ މުހައްމަދު ނިއުޝާދު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އަދި އަދި ރެފްރީޒް ޑިޕާޓްމަންޓުގެ އިސްވެރިއާ އަދި ރެފްރީ އަހުމަދު އަމީޒް މަގާމުން ވަކިކޮށްފަ އެވެ.

"އެ ވެދިޔަ ކަމެއް އެ އޮތީ ގޮސްފައި. ރެފްރީގެ ޝަކުވާ ގްރީން އިން ވާނީ އެންމެ މައްޗަށް ވެސް ގެންގޮސްފައި. ދެން އޭނާއާ މެދު އެފްއޭއެމުން ފިޔަވަޅު ވެސް އަޅައިފި. ދެން އަޅުގަނޑުމެން އެ ވާހަކަ ދައްކަން ނެތިން. މިހާރު ހުރިހާ ފޯކަސް އެއް ހުރީ މާޅޮސް އަތުން މޮޅެއް ހޯދަން. މިއީ ހޯދުން ވަރަށް މުހިއްމު ތިން ޕޮއިންޓް. އެ ނޫން އެއްވެސް ކަމަކަށް މި ވަގުތު ނުވިސްނަން،" މިރޭގެ މެޗުގެ ކުރިން ސޮބާ "މިހާރަ"ށް ބުންޏެވެ.

ކޮންމެ ޓީމެއް ފަސް މެޗު ކުޅެފައިވާއިރު ގްރީން މި ވަގުތުު ލީގުގެ ހަތަރު ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. އެ ޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާއިރު، ބަލިވީ ނިއު ރޭޑިއަންޓާއި މާޒިޔާ އަތުންނެވެ.

ސޮބާ ބުނީ މާޅޮސް އަތުން މޮޅުވެއްޖެނަމަ އެއީ ޓާގެޓަށް ވާސިލްވުމަށް ކުރާ މަސައްކަތަށް ހުޅުވިގެންދާނެ ދޮރެއް ކަމަށާއި ޓީމަށް ލިބޭނެ ހިތްވަރެއްގެ ގޮތުގައި ދެކޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ވަގުތު އެންމެ މުހިއްމީ މާޅޮސް މެޗުން މޮޅެއް ހޯދުން. އެއީ ދެން ހުރި މެޗުތަކަށްދާއިރު ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވެސް ވާނެ. ދެން އަޅުގަނޑުމެންގެ ޓާގެޓަށް ވާސިލްވާން ކުރާ މަސައްކަތަށް ފަސޭހަ ގޮތްތަކެއް ވާނެ ކަމެއް،" ސޮބާ ބުންޏެވެ.

މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް އައި ތިން ޓީމު އަތުން ގްރީން ސްޓްރީޓްސް ވަނީ މޮޅުވެފަ އެވެ. މިގޮތުން ގދ. ތިނަދޫ އާއި ށ. މިލަންދޫ އަތުން 2-1 އިން މޮޅުވިއިރު، ދ. ކުޑަހުވަދޫ އަތުން މޮޅުވީ 1-0 އިންނެވެ. ސޮބާ ބުނީ މި މެޗުތަކުން ލިބުނު ތަޖުރިބާގެ އަލީގައި މާޅޮސް މެޗު ފަސޭހަ ނުކުރާނެ ކަމަށެވެ.

މާޅޮހުގެ އެންހެލް (ވ) އާއި މިލަންދޫގެ އަސްރާރު ބޯޅައަށް މަސައްކަތްކުރަނީ: އެންޖެލް އަންނަނީ ޕްރިމިއާ ލީގުގައި މާޅޮަހަށް މޮޅު ކުޅުމެއް ދައްކަމުން--ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޅޮހުގެ އެންހެލް (ވ) އާއި މިލަންދޫގެ އަސްރާރު ބޯޅައަށް މަސައްކަތްކުރަނީ: އެންޖެލް އަންނަނީ ޕްރިމިއާ ލީގުގައި މާޅޮަހަށް މޮޅު ކުޅުމެއް ދައްކަމުން--ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑު ކުރިން ވެސް ބުނިން މި ޓީމުތަކާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެ ކަމަށް. ހަގީގަތުގައި އެއްވެސް ޓީމަކަށް މި ޓީމުތަކާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެ. އެކަން ނަތީޖާތަކުން އެބަ ފެނިގެންދޭ. އެގޮތަށް ވިސްނާއިރު މާޅޮސް މެޗަށް ވެސް އަޅުގަނޑުމެން ނުކުންނާނީ ސީރިއަސް ވެގެން. ވީ އެންމެ އަވަހަކަށް ގޯލެއް ޖެހުން މުހިއްމު. އެއީ މާޅޮހުގައި ވެސް އެބަތިބި. އެންޖެލް، ބޯޓެން ދެން އައްމަޑޭ އަދި ވާޑު ކަހަލަ ކުޅުންތެރިން،" ސޮބާ ބުންޏެވެ.

ކުޅުނު ފަސް މެޗުން ދެ ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގައި މާޅޮސް އޮތް ނަމަވެސް އެ ޓީމުން އަންނަނީ މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުންނެވެ. މާޅޮސް މިރޭގެ މެޗަށް ނުކުންނައިރު ޓާގެޓް ކުރަނީ ލީގުގެ ފުރަތަމަ މޮޅު ހޯދުމަށް ކަމަށް އެ ޓީމުގެ ކޯޗު އަލީ ނިޝްތާރު ވަނީ ބުނެފަ އެވެ.

"ޓީސީ އާއި ނިއު ރޭޑިއަންޓް މެޗު ކުޅުނު ގޮތަށް ހަމަ ތައްޔާރުވެގެން މި ތިބީ. އޯޕަން ގޭމެއް ކުޅެން އެހެން ބުންޏަސް. ޑިފެންސް ކޮށްފައި ދެން ލިބޭ ބޯޅަ އެޓޭކް ކުރާނީ. ހަމައެކަނި ޑިފެންސް ކޮށްގެން ކުޅޭކަށް ނޫން. ތިން ޕޮއިންޓަށް މަސައްކަތް ކުރަނީ،" ކުރިން ބީޖީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ނިޝްތާރު ބުންޏެވެ.

ލީގުގައި ކުޅޭ މިނިވަން ޗެމްޕިއަންޝިޕްގެ ޓީމުތަކުގެ ތެރެއިން އެ ރަށަކަށް ނިސްބަތްވާ ކުޅުންތެރިން އެންމެ ގިނަ ޓީމަކީ މާޅޮހެވެ. އެ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ފުރަތަމަ ޑިވިޝަނަށް އާ ކުޅުންތެރިން ކަމަށް މީގެ ކުރިން ވެސް ނިޝްތާރު ވަނީ ބުނެފަ އެވެ.

ނިޝްތާރު ބުނީ މާޅޮހަށް ނަތީޖާ ނެރުމުގައި ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ތަޖުރިބާ މަދުވުން ކަމަށެވެ.

"ލީޑު ލިބިފައި ޓީސީ މެޗުގައި ވެސް ދިޔަ. ދެން ވަގުތު ކޮޅެއްގައި ރަނގަޅަށް ކުޅެފައި. އަނެއްކާ ވެސް ދަށްކޮށް ދިޔަ ތަން މި ފެނިގެންދިޔައީ. އަޅުގަނޑު ދަންނަވާނީ މިއީ ތަޖުރިބާ މަދު ތަންކޮޅު ހެން މި ދައްކަނީ. މިލަންދޫ މެޗުގައި ވެސް ދެ ލަނޑުގެ ލީޑެއްގައި އޮއްވައި މެޗު ގެއްލުނީ،" ނިޝްތާރު ބުންޏެވެ.

ނިޝްތާރު ބުނީ ކޯޗެއްގެ ގޮތުގައި ކުރިމަތިވާ ޕްރެޝަރަށް އޭނާ ވެސް އާ ކަމަށާއި އޭގެ އަށް އޭނާ ހޭނެމުން ދިޔަ ވަރަކަށް ކުޅުންތެރިންގެ ވެސް އެ ކަންތައްތައް ރަނގަޅުވާނެ ކަމަށެވެ.

މާޅޮހާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.