Roadha Mihaaru
ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ސޮބާ ވަކިކޮށްފި

ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ސޮބާ ވަކިކޮށްފި

27 ނޮވެމްބަރ 2017

ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ސޮބާހު މުހައްމަދު (ސޮބާ) ވަކިކޮށްފި އެވެ.

ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ސޮބާހު މުހައްމަދު (ސޮބާ) ވަކިކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ސޮބާ ވަކިކުރީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ޓީސީ ސްޕޯޓްސް ކްލަބް އަތުން 4-1 އިން ބަލިވި މެޗަށް ފަހު އެވެ. ލީގުގެ ގަދަ ހަތަރަކުން ގްރީން ސްޓްރީޓްސް އަށް ފުރުސަތު ގެއްލުމުން އެ ޓީމަށް ގައުމީ މުބާރާތުގައި ކުޅުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. އެ ޓީމަށް ދެން ހަމައެކަނި އޮތް މުބާރާތަކީ އެފްއޭ ކަޕެވެ.

އިއްޔެގެ މެޗަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ސޮބާ ވަނީ ގްރީން ސްޓްރީޓްސްގެ ކޯޗެއްގެ ގޮތުގައި ދެން ނުފެނިދާނެ ކަހަލަ އިޝާރާތެއް ވެސް ދީފަ އެވެ.

"އަޅުގަނޑު ނުކުތީ އަޅުގަނޑާ ދޭތެރޭ ދެކޭގޮތާއި ގްރީން ސްޓްރީޓްސްއާ ދޭތެރޭ ދެކޭގޮތް ބަދަލުކުރަން. އެކަމަކު ވަކި ހިސާބަކުން ހުރިހާ ކަމެއް ގެއްލިގެން ދިޔައީމަ ވަރަށް އުނދަގޫވާނެ. އަޅުގަނޑު ބޭނުމެއް ނޫން ގިވަޕް ކުރަން. އަދި ވަކި ގޮތެއް ނުނިންމަން. ދާނެ ވަކި ޓީމެއް ނުނިންމަން. ވަރަށް ކައިރި މުސްތަގުބަލެއްގައި މިތަނުން ނޫނީ އެހެން ތަނަކުން ކާމިޔާބު ހޯދާތަން ފެންނާނެ. ހުވަފެން ދެކޭ މީހަކު އެކަމެއް ހާސިލްކުރަން މަސައްކަތް ކޮށްފި ނަމަ އެކަން ކާމިޔާބުވާނެ. މިއީ ނިމުމެއް ނޫން މިއީ ފެށުމެއް،" ސޮބާ ބުންޏެވެ.

ލީގުގެ ދެ ވަނަ ބުރުގައި ގްރީން ސްޓްރީޓްސް ކުޅުނު ހަތް މެޗުގެ ތެރެއިން އެ ޓީމު ވަނީ ފަސް މެޗުން ބަލިވެފަ އެވެ. އެއް މެޗުން މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

"ފަހަކަށް އައިސް ފަހު ދެ ތިން މެޗު ކިރިޔާ ޓީމު މި ހަމަވަނީ. 10 މީހުން 12 މީހުން. އަޅުގަނޑު ދެކޭ ގޮތުގައި ކާމިޔާބަކީ ދުރާލާ ތައްޔާރުވީމަ ލިބޭ އެއްޗެއް ކަންނޭނގެ. މިސާލަކަށް އަޅުގަނޑުމެން މި އަހަރު ސްޓާޓް ކުރިއިރު ވަރަށް ރަނގަޅަށް ދިޔައީ ދެން ދިވެހި ޕްރިމިއާ ލީގުގެ ވަކި ހިސާބަކުން އަޅުގަނޑު މިކަން ކުރަން ކިތަންމެ ބޭނުން ވިޔަސް މުޅި ޓީމުން 100 ޕަސެންޓް ކޮމިޓްމަންޓް ނުދެއްޏާ އަޅުގަނޑެއް ނޫން މޮރީނިއޯ ހުއްޓަސް މި ކަމެއް ނުވާނެ،" ސޮބާ ބުންޏެވެ.

ސޮބާ ވަނީ ގްރީން ސްޓްރީޓްސްގެ ސީޒަން ދިޔަ ގޮތް މިސާލެއްގެ ގޮތުގައި ކިޔައިދީފަ އެވެ.

"ފުލް މެޗެއް ވެސް މި އިންނަނީ 90 ޕްލަސް. އެއް ހާފު ނޫނީ 75 މިނިޓް ރަނގަޅަށް ކުޅެފައި. ބާކީ ބައިގައި އެ އަށް ސަމާލުނުވެއްޖެ ނަމަ ބަލިވާނެ. އެކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ މުޅި ސީޒަން މި ދިޔައީ. ފަހު ކޮޅުގައި ހަމަ ފައިނޭންޝިއަލީ ވެސް މައްސަލަތަކެއް ދިމާވެގެން. ކުޅުންތެރިންގެ ކޮމިޓްމަންޓް ވެސް ދަށްވީ،" ސޮބާ ބުންޏެވެ.

ދިވެހި ޕްރިމިއާ ލީގުން ގްރީން ސްޓްރީޓްސް ޖާގަ ހޯދީ މާލޭ ލީގުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އެ ޓީމު ވަނީ މާލޭ ލީގު ކާމިޔާބުކުރި މާޒިޔާއާ އެއްވަރަށް ޕޮއިންޓް ހޯދައިފަ އެވެ. އެހެން ނަމަވެސް ގްރީން ސްޓްރީޓްސް އަށް ޕްރިމިއާ ލީގު ދިޔައީ ވަރަށް ދަށްކޮށެވެ. އެ ޓީމު ނިންމާލަން ޖެހުނީ ފަސް ވަނައިގަ އޮވެ އެވެ. ސޮބާ ބުނީ މިއީ ނާކާމިޔާބު ސީޒަނެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

"މިއީ އަޅުގަނޑަށް ނާކާމިޔާބު ސީޒަނެއް ނޫން. މުޅިން އާ ޓީމެއް ސެކަންޑުން (ދެ ވަނަ ޑިވިޝަނުން) ގޮވައިގެން އައިސް. ފުރަތަމަ ކަމަކަށް މާލޭ ލީގުގައި އޮތް ހުރިހާ ބޮޑެތި ކްލަބްތަކުގެ ތެރެއިން ވަރަށް ރަނގަޅު ކާމިޔާބެއް ހޯދައިގެން ޕްރިމިއާ ލީގުގައި މި ވާދަކުރެވުނީ. ކޮންމެ ގޮތެއްވިޔަސް އަޅުގަނޑަށް ބޮޑެތި ޓީމުތަކެއް ސިއްސުވާލެވިއްޖެ،" ކުރިން ނިއު ރޭޑިއަންޓުގެ ކޯޗެއްގެ ޒިންމާއާ ހަވާލުވެ ކާމިޔާބީތަކެއް ހޯދި ސޮބާ ބުންޏެވެ.

އޭނާ ބުނީ މިއަހަރު ބޮޑެތި ޓީމުތަކެއް ވެސް ބޮޑު ހަރަދުތަކެއް ކޮށްގެން އައިސް ވަރަށް އަވަހަށް ކައްސާލައިގެން ހިނގައްޖެ ކަމަށާއި ގްރީން ސްޓްރީޓްސް އަށް މި މައްސަލަ ދިމާވީ ހީނުކުރާ ދަނޑިވަޅެއްގައި ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް ފުޓްބޯޅަ ރަނގަޅަށް ދަންނަ ބޭފުޅަކަށް އެނގޭނެ. ވަރަށް އާ މެނޭޖްމަންޓަކާ އެކު އޮތީ ވެސް. އަސްލު ވަރަށް އުނދަގޫ މާހައުލެއްގައި އަޅުގަނޑު މަސައްކަތް ކުރީ އެއްވެސް ގޮތަކަށް އަޅުގަނޑު އެއްވެސް ފަރާތެއް ބްލޭމް ކުރަނީއެއް ނޫން. މި ވަރުގެ ޓީމެއް އަޑި އަޅާލައިގެންދާއިރު މާ އަވަހަށް ފެންނާނެ. އެނގޭނެ ވަރަށް ގިނަ ކަންތައްތަކެއް ގޯސްކޮށް ގޮސްގެންކަން މިހެން މިވީ،" ސޮބާ ބުންޏެވެ.

އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ގްރީން ސްޓްރީޓްސް އަންނަ ބުރާސްފަތި ދުވަހު ހަވީރު ނުކުންނާނީ ކޮންފެރޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.