Roadha Mihaaru
އީރާނަށް ބިރުދައްކައިގެން ހާސިލްކުރެވޭނެ ކަމެއް ނޯންނާނެ: ރޫހާނީ

އީރާނަށް ބިރުދައްކައިގެން ސައުދީ އަށް ހާސިލްކުރެވޭނެ ކަމެއް ނޯންނާނެ: ރޫހާނީ

09 ނޮވެމްބަރ 2017

ތެހެރާން (ނޮވެމްބަރު 9) - އީރާނަށް ބިރުދައްކައިގެން ސައުދީ އަރަބިއާ އަށް ހާސިލް ކުރެވޭނެ އެއްކަމެއް ވެސް ނޯންނާނެ ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ނޮވެމްބަރު 9) - އީރާނަށް ބިރުދައްކައިގެން ސައުދީ އަރަބިއާ އަށް ހާސިލް ކުރެވޭނެ އެއްކަމެއް ވެސް ނޯންނާނެ ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

ރޫހާނީ މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ ސައުދީ އަށް ހަމަލާ ދޭން ޔަމަނުގެ ހޫތީން ބޭނުންކުރި މިސައިލް ސަޕްލައިކޮށްދެނީ އީރާނުން ކަމަށް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެފައި ވަނިކޮށެވެ. ހޫތީންނަށް އެއްވެސް ބާވަތެއްގެ ހަތިޔާރެއް ނުދޭ ކަމަށް އީރާނުން ބުނެ އެވެ.

"އީރާނުގެ ރައްޔިތުންނަކީ ތިޔަ ގޮތަށް ކަމެއް ކޮށްލެވޭ ވަރަށް ވުރެ މާ އަޒުމް ވަރުގަދަ ބައެއް. އެމެރިކާ އާއި އެ ގައުމުގެ ހުރިހާ ބައިވެރިން ވެސް އީރާނާ ދެކޮޅަށް ލައްކަ ކަންތައް ކުރަން އުޅެފި. އެކަމަކު ހާސިލް ކުރެވުނު ކަމެއް ނެތް،" ކެބިނެޓުގެ ބައްދަލުވުމެއްގައި ރޫހާނީ ވިދާޅުވި އެވެ.

ޔަމަނުގެ ހޫތީންނާއި ސައުދީ އަރަބިއާއާ ދެމެދު ހިނގާ ހަނގުރާމަ ސުލްހަވެރި ގޮތުގައި ނިމިގެން ދިއުމަށް އެދޭ ކަމަށް ރޫހާނީ ވިދާޅުވި އެވެ. އަދި އީރާނުން ދެކެނީ ސީރިއާ، އިރާގު، ޔަމަން އަދި ސައުދީ އަރަބިއާ އަކީ ވެސް ރަހުމަތްތެރިން ކަމަށް ވިދާޅުވި އެވެ.

"އީރާނަކީ ރަހުމަތްތެރިއެއް ނޫން ކަމަށް ގަބޫލްކޮށް އަދި އެމެރިކާ އާއި ޒަޔަނިސްޓުންނަކީ ރަހުމަތްތެރިން ކަމަށް ބަލައިފި ނަމަ އެއީ ވަރަށް ބޮޑު ގޯހެއް،" ސައުދީ އަށް އިޝާރާތް ކުރައްވާ ރޫހާނީ ވިދާޅުވި އެވެ.

އީރާނުން ބުނެފައި ވަނީ ސައުދީ އަރަބިއާގެ އެތެރޭގެ މައްސަލަތައް ބޮޑުވެ ޕްރިންސުންނާއި ވަޒީރުން ހައްޔަރު ކުރަން ފެށުމުން އޭގެ އުނދަގޫތައް ސަރަހައްދުގެ އެހެން ގައުމުތަކާ ހަމައަށް ފޯރުކޮށްގެން ނުވާނެ ކަމަށެވެ.