Roadha Mihaaru
ސައުދީ އަށް މުސްލިމުން އަދަބު ދިނުމަށް އީރާނުން ގޮވާލައިފި

ސައުދީ އަށް މުސްލިމުން އަދަބު ދިނުމަށް އީރާނުގެ ރައީސް ގޮވާލައްވައިފި

08 ސެޕްޓެމްބަރ 2016

ތެހެރާން (ސެޕްޓެމްބަރު 8) - ސައުދީ އަރަބިއާ އިން ހިންގަމުންދާ ޖަރީމާތަކަށް ދުނިޔޭގެ އެންމެހާ މުސްލިމުން އެކަތިގަނޑަކަށްވެ ސައުދީ އަށް އަދަބު ދިނުމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ގޮވާލައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ސެޕްޓެމްބަރު 8) - ސައުދީ އަރަބިއާ އިން ހިންގަމުންދާ ޖަރީމާތަކަށް ދުނިޔޭގެ އެންމެހާ މުސްލިމުން އެކަތިގަނޑަކަށްވެ ސައުދީ އަށް އަދަބު ދިނުމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ގޮވާލައްވައިފި އެވެ.

"ސަރަހައްދީ ގައުމުތަކާއި އިސްލާމީ ގައުމުތައް އެކަތިގަނޑަކަށްވެ ސައުދީ އަރަބިއާގެ މައްސަލަ ހައްލުކޮށް އެ ގައުމަށް އަދަބު ދޭން ޖެހޭނެ،" ކެބިނެޓުގެ ބައްދަލުވުމެއްގައި ރޫހާނީ ވިދާޅުވި އެވެ.

ރޫހާނީއާ ހަވާލާދީ އީރާނުގެ ރަސްމީ ނޫސް އެޖެންސީ އިރްނާ އިން ބުނީ ސައުދީ އަރަބިއާއާ އެކު އޮތް މައްސަލަ އަކީ ހައްޖާ ގުޅޭ ކަމެއް ނަމަ އެހެން ގޮތަކުން ނަމަވެސް އެކަން ހައްލު ކުރަން ޖެހޭ ކަމަށެވެ. އަދި ސައުދީ ސަރުކާރުން ދަނީ ސަރަހައްދުގައި ހަމަނުޖެހުން އުފައްދާ ޔަމަނާއި ސީރިއާ އަދި އިރާގު ފަދަ ގައުމުތަކުގައި ޓެރަރިޒަމް ހިންގަމުން ކަމަށް ވެސް ރޫހާނީ ތުހުމަތު ކުރެއްވި އެވެ.

ތެހެރާނުގައި ބޭއްވި ކެބިނެޓުގެ ބައްދަލުވުމެއްގައި އީރާނުގެ ރައީސް ހަސަން ރޫހާނީ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ތެހެރާނުގައި ބޭއްވި ކެބިނެޓުގެ ބައްދަލުވުމެއްގައި އީރާނުގެ ރައީސް ހަސަން ރޫހާނީ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

މި އަހަރުގެ ހައްޖުގެ އަޅުކަން ފެށުމުގެ ކުރިން އީރާނާއި ސައުދީ އަރަބިއާގެ މެދުގައި ބަހުގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ސައުދީ ޝާހީ އާއިލާ އިން ގެފުޅު ބެލެހެއްޓުމުގެ މަސައްކަތް ރަނގަޅަށް ނުކުރެވޭ ކަމަށާއި އެކަން އެހެން ބަޔަކާ ހަވާލު ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގެ ތެރޭގައި ފިތިގެން މީހުން މަރުވި ހާދިސާ އަށް އިޝާރާތް ކުރައްވާ ޚާމަނާއީ ވަނީ ސައުދީ އަކީ ހައްޖުގައި މީހުން މަރާ ގައުމެއް ކަމަށް ވިދާޅުވެފަ އެވެ. ޚާމަނާއީގެ ވާހަކަތަކަށް ރައްދު ދެއްވާ ސައުދީ އަރަބިއާގެ އިސް މުފްތީ އަބްދުލް އަޒީޒް އާލް ޝެއިޚް ވަނީ އީރާނުގައި އުޅެނީ މުސްލިމުން ނޫން ކަމަށް ވިދާޅުވެފަ އެވެ.

އީރާނާއި ސައުދީ އަރަބިއާގެ އިސް ލީޑަރުންގެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައި މި ވަނީ ދެ ގައުމުން ސިޔާސީ ގުޅުން ކަނޑާލިތާ ނުވަ މަސް ފަހުންނެވެ. ޝިއާއީންގެ އިސް ލީޑަރަކަށް ސައުދީން މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުމުގައި އީރާނުގައި ހުންނަ ސައުދީ އެމްބަސީގައި ބަޔަކު ވަނީ އަލިފާން ޖަހައިފަ އެވެ. ދެ ގައުމުގެ މެދުގައި ސިޔާސީ ގުޅުން ގާއިމްކޮށްފައި ނެތުމުން އީރާނުން ހައްޖަށް ދާ މީހުންނަށް ވިސާ ދޫރުމުގައި ދަތިތަކެއް ދިމާވުމުން އީރާނުން މި އަހަރު ހައްޖަކަށް މީހުން ނުދެ އެވެ.