Roadha Mihaaru
ޕާޓީއަކުން މީހަކު "ވަކިވާނީ" ކިހާ ހިސާބަކުން؟

ގޮނޑި ގެއްލުނު މައްސަލައިގެ ބޮޑު ސުވާލު: ޕާޓީއަކުން މީހަކު ވަކިވީ ކަމަށް ބަލާނީ ކިހާ ހިސާބަކުން؟

15 ނޮވެމްބަރ 2017

އިންތިޚާބުވި ޕާޓީން ވަކިވި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ 10 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިވަނީ ނިންމައިފަ އެވެ. މިއީ ފަހުގެ ތާރީޚެއްގައި މިހާ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންތަކެއްގެ ގޮނޑި އެއްފަހަރާ ގެއްލުނު ފުރަތަމަ ފަހަރެވެ. އެ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިޔަސް މިއަދާ ހަމައަށް ވެސް އެކަން މިއޮތީ ބޮޑު ބަހުސެއްގެ ތެރޭގަ އެވެ. އެއް ބަޔަކު ބުނާގޮތުން އެ މެމްބަރުންގެ ގޮނޑި ވަނީ ގެއްލިފަ އެވެ. އަނެއް ބަޔަކު ބުނާގޮތުން ގޮނޑިއެއް ނުގެއްލެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިންތިޚާބުވި ޕާޓީން ވަކިވި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ 10 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިވަނީ ނިންމައިފަ އެވެ. މިއީ ފަހުގެ ތާރީޚެއްގައި މިހާ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންތަކެއްގެ ގޮނޑި އެއްފަހަރާ ގެއްލުނު ފުރަތަމަ ފަހަރެވެ. އެ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިޔަސް މިއަދާ ހަމައަށް ވެސް އެކަން މިއޮތީ ބޮޑު ބަހުސެއްގެ ތެރޭގަ އެވެ. އެއް ބަޔަކު ބުނާގޮތުން އެ މެމްބަރުންގެ ގޮނޑި ވަނީ ގެއްލިފަ އެވެ. އަނެއް ބަޔަކު ބުނާގޮތުން ގޮނޑިއެއް ނުގެއްލެ އެވެ.

މިދެންނެވި މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ މަޖިލިސް މެމްބަރުން އެ މަގާމަށް އިންތިޚާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކި ކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. އެކަމަކު ގޮނޑި ގެއްލުނު 10 ބޭފުޅުން ވެސް ގަބޫލު ކުރައްވަނީ އެ ހުކުމުގެ ދަށުން އެއިން އެއްވެސް ބޭފުޅެއްގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ.

ސަބަބެއްގެ ގޮތުގައި އެ ބޭފުޅުން ދައްކަވަނީ ސުޕްރީމް ކޯޓުގެ އަމުރެކެވެ. އެ އަމުރަކީ ކުރިން މިދެންނެވި ހުކުމަށް ފަހު އެ ކޯޓުން ނެރުނު އަމުރެކެވެ. އެ އަމުރުގައިވާ ގޮތުން، އިންތިޚާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކި ކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް އެ ކޯޓުން ކުރި ހުކުމުގެ އުސޫލުތަކަކީ، އެ ހުކުމުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް ހިނގާނެ އުސޫލުތަކެއް ނޫނެވެ.

"އެ ގަޒިއްޔާގެ ހުކުމުގެ އަސަރު އެއްވެސް ގޮތަކުން މާޒީއަށް ރުޖޫއަވާ ގޮތަށް ރެޓްރޯ ސްޕެކްޓިވްކޮށް، ތަތުބީގް ނުވަތަ ތަންފީޒު ކުރުން ހުއްދަ ކުރެވިފައި ނުވާ ކަން އެ ހުކުމުން ސާފުކޮށް އެނގެން އޮންނަ ހިނދު،..." އެ އަމުރުގައިވެ އެވެ.

މާނައަކީ އެ ހުކުމުގެ ކުރިން ޕާޓީތަކުން ވަކިވެފައި ނުވަތަ ވަކިކޮށްފައި ތިބި މެމްބަރުންގެ ގޮނޑިއެއް އެ ހުކުމުގެ ދަށުން ނުގެއްލޭނެ އެވެ. އެހެންވެ، އެކަމާ މެދު އެއްވެސް ބައެއްގެ މެދުގައި ދެބަސްވުމެއް ނެތެވެ. އެ އަމުރުގައި އެ ވާހަކަ އޮތީ އެހާ ވެސް ސާފު އިބާރާތުން ބަޔާންކޮށްފަ އެވެ. މި އަމުރު އައުމާ އެކު، މިދެންނެވި 10 މެމްބަރުން ވެސް ގަބޫލުކޮށްގެން ތިބީ ގޮނޑި ގެއްލުމުގެ ބިރުން އެ ބޭފުޅުން "ސަލާމަތްވީ" ކަމަށެވެ.

ސަބަބަކީ އެ މެމްބަރުންނަކީ ސުޕްރީމް ކޯޓުގެ ހުކުމް އައުމުގެ ކުރިން ޕާޓީން ވަކިވާން އެދި ސިޓީ ފޮނުވާފައިވާ ނުވަތަ ޕާޓީން ވަކިކުރި ކަމަށް އެ ބޭފުޅުންނަށް ޕާޓީން އަންގާފައި ތިބި މެމްބަރުންނެވެ. އެހެންވީއިރު އެ ހުކުމާ ގުޅިގެން އެ މެމްބަރުންގެ ގޮނޑި ގެއްލެން ޖެހުނީ ކީއްވެގެންތޯ މިއީ އުފެދުނު ބޮޑު ސުވާލެވެ. އެކަމަކު ހަގީގަތަކީ، ހުކުމް އައިއިރު މިދެންނެވި މެމްބަރުން ތިބީ ޕީޕީއެމުން ވަކިވެފައި ކަމަކަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލެއް ނުކުރެ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގެ ތެެރެއަށް އެ މެމްބަރުން ވަންނާނެ ކަމަށް ކޮމިޝަނުން ގަބޫލުކުރަނީ މި ސަބަބާ ހެދި އެވެ.

އެހެންވެ، އެ މެމްބަރުންގެ ގޮނޑި ގެއްލުނު ކަން ނުވަތަ ނޫންކަން ކަށަވަރު ކުރެވެން އޮތީ އެ މެމްބަރުންނަކީ ސުޕްރީމް ކޯޓުގެ ހުކުމް އައިއިރު ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ކަން ނުވަތަ ނޫންކަން ކަށަވަރު ކުރެވިގެންނެވެ. އެކަން ކުރަން ބަލާއިރު ދިމާވާ މައްސަލައަކީ ޕާޓީއަކުން މެމްބަރަކު ވަކިވީ ކަމަށް ބަލާނީ ކިހާ ހިސާބަކުން ކަން މާނަ ކުރުމުގެ ދިމާވެފައިވާ މައްސަލަ އެވެ.

މަޖިލީހުގެ ޖަލްސާއެއް: ޕާޓީން ވަކިކުރި މައްސަލާގައި މަޖިލީހުގެ 10 މެމްބަރެއްގެ ގޮނޑި މިހާރު ވަނީ ގެއްލިފައި - ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއް: ޕާޓީން ވަކިކުރި މައްސަލާގައި މަޖިލީހުގެ 10 މެމްބަރެއްގެ ގޮނޑި މިހާރު ވަނީ ގެއްލިފައި - ފޮޓޯ: މަޖިލިސް

އިލެކްޝަންސް ކޮމިޝަނުން މާނަކުރާ ގޮތުން ޕާޓީއަކުން ވަކިވާން މެމްބަރަކު އެދޭ ހިސާބަކުން އެ މެމްބަރަކު ޕާޓީން ވަތްކެއް ނުވާނެ އެވެ. އެ ކޮމިޝަނުން ގަބޫލުކުރަނީ އަމިއްލަ އަށް އެދިގެން ވިޔަސް އަދި އެ ނޫން ސަބަބަކާ ހެދި ކަމަށްވިޔަސް މެމްބަރަކު ޕާޓީން ވަކިވީ ކަމަށް ބެލެވޭނީ އެ ކޮމިޝަންގައި އޮންނަ އެ ޕާޓީއެއްގެ ދަފްތަރުން އެ މީހެއްގެ ނަން އުނިކުރާ ހިސާބުންނެވެ. އެންމެ ފުރަތަމަ ގޮނޑި ގެއްލުނު ހަތަރު މެމްބަރުންގެ މައްސަލާގައި ވެސް ކޮމިޝަނުން ކޯޓުގައި ދެއްކީ މި ސަބަބެވެ.

އެ ހަތަރު ބޭފުޅުންނަކީ ވެސް ހުކުމް އައުމުގެ ކުރިން ޕާޓީން ވަކިކުރަން ނިންމާފައިވާ ނުވަތަ ވަކިވާން އެދި ޕީޕީއެމަށް ސިޓީ ހުށަހަޅުއްވާފައި ތިއްބެވި ބޭފުޅުންނެވެ. އެކަމަކު އެކަން އެ ޕާޓީން ކޮމިޝަނަށް ނާންގާތީ އެ މެމްބަރުންގެ ނަން ދަފްތަރުން އުނި ނުކޮށް އޮއްވާ ސުޕްރީމް ކޯޓުން ހުކުމް އައުމުން، ކޮމިޝަނުން ގަބޫލުކުރީ އެ ހުކުމުގެ ތެރެއިން އެ މެމްބަރުން ވަންނާނެ ކަމަށެވެ. ފިޔަވަޅެއް އެޅުމުގެ ގޮތުން ކަމަށް ބުނެ އެ މެމްބަރުން ޕާޓީން ވަކިކުރި ކަމަށް ޕީޕީއެމުން ކޮމިޝަނަށް އެންގީ އޭގެ ފަހުންނެވެ. އެ ހިސާބުން އެ މެމްބަރުންގެ ގޮނޑި ގެއްލުނީ ކަމަށް ކޮމިޝަނުން ނިންމީ އެވެ.

ދިމާވެގެން މި އުޅޭ ބޮޑު މައްސަލައަކީ މިއީ އެވެ. މިދެންނެވި މެމްބަރުންގެ ގޮނޑި ގެއްލުނު ކަން ނުވަތަ ނޫންކަން ކަނޑައެޅެން އޮތީ މިކަން ފުރަތަމަ ހައްލު ކުރެވިގެންނެވެ. އެހެނީ، ޕާޓީއަކުން މެމްބަރަކު ވަކިވީ ކަމަށް ބަލާނީ ކިހާ ހިސާބަކުން ކަން ސާފުކޮށް އެނގެން އޮތް ނަމަ މިދެންނެވި 10 މެމްބަރުންނަކީ ސުޕްރީމް ކޯޓުގެ ހުކުމް އައިއިރު ޕީޕީއެމްގައި ތިބި މެމްބަރުން ކަން ނުވަތަ ނޫންކަން ކަށަވަރު ކުރެވޭނެ އެވެ. އޭރުން އެ މެމްބަރުންގެ ގޮނޑިއާ މެދު މިހާރު އުފެދިގެން މިއުޅޭ ފަދަ ބޮޑު ސުވާލުތަކެއް އުފެދުމުގެ ފުރުސަތު ކުޑަވީހެވެ.

ޕާޓީތަކުން މެމްބަރުން ވަކިވުމުގެ އުސޫލު އޮންނަ ގޮތުން ޕާޓީއަކުން ވަކިވާން ބޭނުންވެއްޖެ ނަމަ އެ މީހަކު އެކަމަށް ހުށަހަޅަން ޖެހޭނީ އެ ޕާޓީއަކަށެވެ. އެ ހުށަހެޅުމާ އެއްގޮތަށް، އެ މީހަކު ޕާޓީގެ ދަފްތަރުން އުނިކުރަން 14 ދުވަސް އެ ޕާޓީއަކަށް ލިބެ އެވެ. އެ މުއްދަތުގައި ޕާޓީން އެކަން ނުކޮށްފި ނަމަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެން ޕާޓީން ވަކިވެވިދާނެ އެވެ. އެކަމަކު މެމްބަރަކު ޕާޓީން ވަކިވީ ކަމަށް ގާނޫނީ ގޮތުން ބަލާނީ ކިހާ ހިސާބަކުން ކަން އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ސާފުބަހުން ބުނެފައެއް ނެތެވެ.

އިލެކްޝަންސް ކޮމިޝަނުން ކޯޓުގައި ބުނެފައިވާ ގޮތުން އެ ކޮމިޝަނުން އެގޮތަށް ގަބޫލުކުރަނީ ޕާޓީތަކުގެ ދަފްތަރަކީ އެ ކޮމިޝަނުން ބަލަހައްޓަންޖެހޭ އެއްޗެއް ކަމަށް ވެފައި، މީހަކު ޕާޓީއަކާ ގުޅުނު ކަމަށް ބެލެވޭނީ ވެސް އެ ދަފްތަރުގައި އެ މީހެއްގެ ނަން ހިމެނުމުން ކަމަށްވާތީ އެވެ. އެހެންވެ ކޮމިޝަނުން ދެކެނީ މީހަކު ޕާޓީން ވަކިވީ ކަމަށް ބެލެވޭނީ ވެސް ކޮމިޝަންގައި އޮންނަ އެ ޕާޓީއެއްގެ ދަފްތަރުން އެ މީހެއްގެ ނަން އުނި ކުރާ ހިސާބުންނެވެ.

އެކަމަކު މީގެ އަނެއްކޮޅު ވެސް އެބައޮތެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަލާއިރު، އެ ގާނޫނުގެ 15 ވަނަ މާއްދާގެ ނ. ގައި ބުނަނީ ކުރިން ނޯޓިސް ދިނުމެއް ނެތި ޕާޓީއެއްގެ ކޮންމެ މެމްބަރަކަށް ވެސް ޕާޓީން ވަކިވެވިދާނެ ކަމަށެވެ. ޕާޓީއަކުން މީހަކު ވަކިވީ ކަމަށް ބެލެވޭނީ ކޮމިޝަންގައި އޮންނަ ދަފްތަރުން އެ މީހެއްގެ ނަން އުނިކުރާ ހިސާބުން ކަމަކަށް އެ ގާނޫނުގެ އެއްވެސް މާއްދާއަކު ސާފު ބަހުން ބުނެފައެއް ނެތެވެ.

ދެން އޮތީ ސިޔާސީ ޕާޓީތަކުގެ ގަވާއިދެވެ. އެ ގަވާއިދުގެ 18 ވަނަ މާއްދާ ބުނާގޮތުން މެމްބަރަކު ޕާޓީން ވަކިވާން އެދިއްޖެ ނަމަ 14 ދުވަސް ތެރޭގައި އެ މީހަކު ވަކިކޮށްދޭން ޖެހޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި އެކަން ނުކޮށްފި ނަމަ އެކަމުގެ ޝަކުވާ ކޮމިޝަނަށް ހުށަހެޅުމުން ކޮމިޝަނުން އެ މީހެއްގެ ނަން ދަފްތަރު އުނިކޮށްދޭން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އެކަމަކު މި ގަވާއިދުގެ އެއްވެސް މާއްދާއެއްގައި ވެސް، މީހަކު ޕާޓީއަކުން ވަކިވީ ކަމަށް ބެލެވޭނީ ކޮމިޝަންގައި އޮންނަ ދަފްތަރުން ނަން އުނިކުރާ ހިސާބުން ފެށިގެން ކަމަކަށް ސާފުކޮށް ބުނެފައެއް ނެތެވެ.

އެހެންވެ، ގޮނޑި ގެއްލުނު މެމްބަރުން ގަބޫލު ކުރައްވަނީ ޕާޓީން ވަކިވާން އެދި ސިޓީ ފޮނުވާ ހިސާބަކުން އެ މެމްބަރަކު ޕާޓީން ވަކިވީ ކަމަށެވެ. އެގޮތުން އެ ބޭފުޅުން ވެސް ތިއްބެވީ ހުކުމް އައުމުގެ ކުރިން ޕީޕީއެމުން ވަކިވެފައި ކަމަށް އެ ބޭފުޅުން ގަބޫލު ކުރައްވަ އެވެ. ހަތަރު މެމްބަރެއްގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގިއިރު މިއީ ދައުލަތާއި އެ މެމްބަރުންނާ މެދު ވަރަށް ބޮޑު ބަހުސެއް ހިނގައިގެން ދިޔަ ކަމެކެވެ.

"ޕާޓީއަކުން މީހަކު ވަކިވީ ކަމަށް ބެލެވޭނީ އިލެކްޝަންސް ކޮމިޝަންގައި އޮންނަ ދަފްތަރުން ނަން އުނިކުރާ ހިސާބުން ފެށިގެން ކަމަށް ބަލަން ފަށައިފި ނަމަ އެއީ މަޖުބޫރުން މީހުން ހައިޖެކް ކޮށްގެން ޕާޓީތަކުގައި ގެންގުޅެން ލިބޭ ފުރުސަތަކަށް ވެގެންދާނެ. ސަބަބަކީ އެ ދަފްތަރުން ނަން އުނިކުރަން އެއީ ވަކި މުއްދަތެއް ނޯވޭ އެކަން ކުރާކަށް،" ފުރަތަމަ ގޮނޑި ގެއްލުނު ހަތަރު މެމްބަރުންގެ ފަރާތުން ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ސުޕްރީމް ކޯޓުގައި ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި 50،000 ރައްޔިތުން ތަމްސީލުކުރާ 10 މެމްބަރުން ގޮނޑި ގެއްލުމަކީ އާދައިގެ ކަމެއް ނޫނެވެ. އެ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމާ މެދު މިހާރު އުފައްދަމުންދާ ސުވާލުތައް ބިނާވަނީ މައިގަނޑު އެންމެ ކަމަކަށެވެ. އެއީ ޕާޓީއެއްގެ މެމްބަރަކު ޕާޓީން ވަކިވީ ކަމަށް ބަލާނީ ކިހާ ހިސާބަކުން ކަން އޮތް މާނަ ކުރުމުގައި ދިމާވެފައިވާ މައްސަލަ އެވެ. އެކަން ސާފުކޮށް އެނގިގެން މެނުވީ ސުޕްރީމް ކޯޓުގެ ހުކުމުގެ ތެރެއަށް މިދެންނެވި 10 މެމްބަރުން ވަންނާނެ ކަން ނުވަތަ ނޫންކަން ޔަގީން ކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ. މިއީ ހައްލު ހޯދަންޖެހޭ ކަމެކެވެ.