Roadha Mihaaru
12 މެމްބަރުންގެ ހިފަހައްޓާފައިވާ މުސާރަ ދޭން ފަށައިފި

12 މެމްބަރުންގެ ހިފަހައްޓާފައިވާ މުސާރަ ދޭން ފަށައިފި

11 ނޮވެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ މަޖިލީހުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، އީސީގެ ނިންމުމާ އެކު ހިފަހައްޓާފައިވާ މުސާރަ މަޖިލީހުން އެ މެމްބަރުންނަށް ދޭން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ މަޖިލީހުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، އީސީގެ ނިންމުމާ އެކު ހިފަހައްޓާފައިވާ މުސާރަ މަޖިލީހުން އެ މެމްބަރުންނަށް ދޭން ފަށައިފި އެވެ.

މަޖިލީހުގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 62،500ރ. އެވެ. އެނގިފައިވާ ގޮތުގައި، 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ދުވަހުން ފެށިގެން ސުޕްރީމް ކޯޓުގެ ހުކުމް އައުމާ ހަމައަށް ހިފަހައްޓާފައިވާ މުސާރަ ދޭން ފެށި ނަމަވެސް ކޮމެޓީ އެލަވަންސެއް ނުދެ އެވެ. ކޮމެޓީތަކަށް މެމްބަރުން ހާޒިރުވެވަޑައިގަންނަވާ ނަމަ ކޮމެޓީ އެލަވަންސްގެ ނަމުގައި 20،000ރ. ދޭން ޖެހެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް ދޫކޮށް، އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެންނެވި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ދޮޅު އަހަރު ފަހުން ސުޕްރީމް ކޯޓުން ހުކުމް ކުރި ނަމަވެސް އޭގެ ތެރެއިން ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ކަނޑައަޅާފައި ވަނީ އެކި މަސްތަކުގަ އެވެ. އެހެންވެ، ހިފަހައްޓާފައިވާ މުސާރަ އެކި ބޭފުޅުންނަށް ލިބިވަޑައިގަންނަވާނީ އެކި މިންވަރަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތް ކަމަށް އެ 12 މެމްބަރުން ހިމެނޭ ގޮތަށް 45 މެންބަރުންގެ ސޮޔާ އެކު މަޖިލީހަށް ފޮނުވީ ޖުލައި 3، 2017 ގަ އެވެ. އެއީ މަޖިލީހުގެ ސާފު އަޣުލަބިއްޔަތަށް ވުރެ ވެސް ގިނަ އަދަދެއްގެ މެމްބަރުން ކަމަށް ވާތީ، އެ މައްސަލަ މަޖިލީހަށް އެޖެންޑާ ކުރުމުގެ ކުރިން، އޭގެ ތެރެއިން ބައެއް މެންބަރުން މަޖިލީހުން ވަކި ކުރުމަށް ސަރުކާރުން ނިންމި އެވެ.

އެގޮތުން މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުން ވަކިވާނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުގެ ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެވެ. ބަންޑާރަ ނައިބުގެ އެދުމަށް ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމްގައި ބުނެފައިވަނީ، ޖުލައި 13، 2017 ގެ ފަހުން، މަޖިލީހުގެ އެއްވެސް މެމްބަރަކު އެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި ޕާޓީން އެއްވެސް ގޮތަކުން ވަކިވެގެން އެކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އެންގުމާ އެކު، އެ މެމްބަރަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވީ ކަމަށެވެ.

އެ ނިންމުމުގެ ކުރިން ތިން މެމްބަރަކާ މެދު ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ފިޔަވަޅު އަޅައި ޕާޓީން ވަކިކުރި އިރު ބާކީ ތިއްބެވި ނުވަ މެމްބަރުން ވަނީ އަމިއްލަ އަށް ޕާޓީން ވަކިވެފަ އެވެ. އެ 12 މެމްބަރުން، ޖުލައި 13، 2017 ގެ ކުރިން ޕާޓީން ވަކިވެފައި ވިޔަސް، އިތުބާރު ނެތް ކަމުގެ މައްސަލަ އިން މަސީހު ސަލާމަތް ކުރުމަށްޓަކައި، ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޕީޕީއެމާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ނިންމީ، އެ 12 މެމްބަރުން މަޖިލީހުން ވަކިވެއްޖެ ކަމަށް ކަނޑައެޅުމަށެވެ.

އަމިއްލަ އަށް ޕީޕީއެމް ދޫކޮށްލި ނުވަ މެމްބަރުންނަކީ، ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހެވެ. ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅައި ޕާޓީން ވަކި ކުރި ތިން މެންބަރުންނަކީ، ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ.