Roadha Mihaaru
ނޭނގި ޕާޓީ ބަދަލުވާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

އާންމުންނަށް ނޭނގި ޕާޓީ ބަދަލުވާތީ އިދިކޮޅުން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

23 މެއި 2022

އާންމުންނަށް ނޭނގި ޕާޓީ ބަދަލުވާ ކަމުގެ ޝަކުވާ ލިބޭތީ ރައްޔިތުންގެ މަަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ނުކޮށް ބޭރުކޮށްލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އާންމުންނަށް ނޭނގި ޕާޓީ ބަދަލުވާ ކަމުގެ ޝަކުވާ ލިބޭތީ ރައްޔިތުންގެ މަަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ނުކޮށް ބޭރުކޮށްލައިފި އެވެ.

މަޖިލީހުގެ 179 ވަނަ މާއްދާގެ ދަށުން މައްސަލައެއް ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ، އާންމުންނަށް ނޭނގި ޕާޓީތަކަށް ވެއްދުމާއި ވަކިކުރަމުންދާތީ ސިޔާސީ ވަކި ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ މީހުންގެ ހައްގުތައް ގެއްލޭ ކަމަށާއި އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން ލިބޭ އިމްތިޔާޒުތަކާއި ބީރައްޓެހި ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ވާނުވާ ނޭނގި ޕާޓީ ބަދަލުވާތީ ބައެއް ސިޔާސީ ޕާޓީތަކަށް ނުހައްގު މާލީ ފައިދާ ލިބެ އެވެ. އެހެންވެ، ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ގެއްލެމުންދާ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، އެ މައްސަލާގައި ވަރަށް ގިނަ މީހުންގެ ފަރާތުން ޝަކުވާ ލިބެމުންދާ ކަަމަށެވެ.

އެ މައްސަލަ އަށް ބަހުސް ކުރުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ. ނުފެންނަ ކަމަށް 17 މެމްބަރުން ވޯޓު ދެއްވި އެވެ. އެހެންވެ، އެ މައްސަލަ ފާސްނުވާ ކަމަށް ރިޔާސަތުން ނިންމި އެވެ.

އެ މައްސަލަ ހައްލު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ ޕާޓީތަކާ އަލަށް ގުޅޭ މެމްބަރުންގެ ނަންތައް އެ ކޮމިޝަންގެ ވެބްސައިޓުގައި އާންމު ކުރުމަށެވެ. އަދި އިތުރަށް ކަށަވަރު ކުރުމަށް އެ މީހެއްގެ ފޯނަށް ޕާޓީއާ ގުޅުނު ކަމުގެ މެސެޖު ފޮނުވަން ވެސް ވަނީ ފަށައިފަ އެވެ.