Roadha Mihaaru
އެއާޕޯޓް އެޅުމަށް ކުޅުދުއްފުށީގެ ބިން ހިއްކަން ފަށައިފި

އެއާޕޯޓް އެޅުމަށް ކުޅުދުއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ރައީސް ޔާމީން ފައްޓަވައި ދެއްވައިފި

12 ނޮވެމްބަރ 2017

ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށްޓަކައި އެ ރަށުން ހިއްކަން ނިންމާފައިވާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީން ރަސްމީކޮށް މިއަދު ފައްޓަވައި ދެއްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށްޓަކައި އެ ރަށުން ހިއްކަން ނިންމާފައިވާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީން ރަސްމީކޮށް މިއަދު ފައްޓަވައި ދެއްވައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ކޮންނަ ބޯޓު، އެމްޓީސީސީން އަލަށް ގެނައި މަހާޖައްރާފުގެ ފުރަތަމަ މަޝްރޫއުގެ ދަށުން، ކުޅުދުއްފުށީގެ އެއާޕޯޓަށް ބޭނުންވާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ފައްޓަވައި ދެއްވީ މިއަދު ހަވީރު އެ ރަށުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ރައީސް ޔާމީނެވެ.

ކުޅުދުއްފުށީގެ އެތައް ބައެއްގެ އުންމީދާ ގުޅިފައިވާ އެއާޕޯޓް އެޅުމަށްޓަކައި އެ ރަށުގެ ކުޅިން ބައެއް ހިއްކުމުން ފައްޓަވައި ދެއްވުމަށް ރައީސް ޔާމީން ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. އަދި އެ ރަސްމިއްޔާތުގައި، އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކުޅުދުއްފުށީގެ ކައުންސިލްގެ ހުރިހާ މެމްބަރުންނާއި ރަށުގެ ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެވެ.

އެއާޕޯޓް އަޅަން ކުޅުދުއްފުށީ ހުޅަނގު ފަރާތު މޫދުން ހަ ހެކްޓަރު އަދި އެ ރަށުގެ ކުޅިން ނުވަ ހެކްޓަރު ހިއްކަން ވަނީ ނިންމައިފަ އެވެ.

ކުޅުދުއްފުށީގެ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުން ރަސްމީކޮށް ފެށުމަށް މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތު.---ފޮޓޯ: އެމްޓީސީސީ

ކުޅުދުއްފުށީގެ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުން ރަސްމީކޮށް ފެށުމަށް މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތު.---ފޮޓޯ: އެމްޓީސީސީ

ކުޅުދުއްފުށީގެ ބިން ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ އެ މަސައްކަތް ކުރިއަށް އޮތް އެއް މަސް ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ޒިޔަތު ވިދާޅުވި ގޮތުގައި މަހާޖައްރާފުން ކުޅުދުއްފުށި ހިއްކުމަށް ފަހު ދެން މިސްރާބް ޖަހާނީ ށ. ފުނަދޫ އެއާޕޯޓް އަޅާ ސަރަހައްދު ހިއްކުމަށެވެ.

"މިއީ މުޅި ރާއްޖެ އުފާ ކުރުވާނެ އުޅަނދެއް. މަހާޖައްރާފާ އެކު އެމްޓީސީސީގެ ދުވެލި ހަލުވި ވާނެ." ޒިޔަތު ވިދާޅުވި އެވެ.

މަހާޖައްރާފާ އިން ރާއްޖެ އިން ބޭރުގެ ސަރަހައްދުގެ ތަންތަން ހިއްކުމުގެ ފުރުސަތު ވެސް މިހާރު ލިބެމުން އަންނަ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

އެމްޓީސީން ބުނެފައިވާ ގޮތުގައި މި ޑްރެޖަރަަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ، 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ ޑްރެޖަރެކެވެ. އަދި އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މަހާޖައްރާފަކީ އެމްޓީސީސީން 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތައްޔާރުކުރި ޑްރެޖަރަކެވެ. އެ މަސައްކަތަށް ދައްކަން ޖެހުނު 11 މިލިއަން ޑޮލަރުގެ އެޑްވާންސް ޕޭމަންޓް ދެއްކީީ ސުން ޕަސެންޓް އިންޓަރެސްޓުގައި ކޮންވާޓަބްލް ލޯނެއްގެ ގޮތުގައި ސަރުކާރުން ދޫކުރި ލޯނަކުންނެވެ. އެ ލޯނު އިކުއިޓީގެ ގޮތުގައި ބަދަލުކުރަން ނިންމައި، މިހާރު ވަނީ ހިއްސާދާރުންނަށް އިތުރު ހިއްސާ ގަތުމަށް ވެސް ހުޅުވާލައިފަ އެވެ.