Roadha Mihaaru
ހއ. އާއި ހދ. ގެ މަޝްރޫއުތައް މި އަހަރު ނިމޭނެ

ހއ. އާއި ހދ. ގެ މަޝްރޫއުތައް މި އަހަރު ނިމޭނެ: އެމްޓީސީސީ

05 މާޗް 2020

ހއ. އާއި ހދ. ގައި އެމްޓީސީސީން ފަށާފައިވާ މަޝްރޫއުތައް މި އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް ހދ. ހަނިމާދޫން އިދުހާމް ނައީމް

ހއ. އާއި ހދ. ގައި އެމްޓީސީސީން ފަށާފައިވާ މަޝްރޫއުތައް މި އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީން ރާއްޖޭގެ އެންމެ އުތުރުން ހއ. އާއި ހދ. ގައި މިހާރު ހަތަރު މަޝްރޫއެއް ކުރިއަށް އެބަގެންދެ އެވެ. މީގެ ތެރޭގައި ހޯރަފުށީގެ އެއާޕޯޓާއި އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތާއި ކެލާގެ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި ކުޅުދުއްފުށީގެ ބަނދަރު ބޮޑުކުރުން އަދި ހަނިމާދޫގެ މަގު ހެދުން ހިމެނެ އެވެ.

އެ މަޝްރޫއުތައް ކުރިއަށް ގެންދާ ގޮތް މީޑިއާ އަށް ދައްކައިލުމަށް ކުރި ދަތުރުގައި، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް މިދިޔަ ޖެނުއަރީ 21 ގައި ހަމަޖެއްސި އާޒިމް ވިދާޅުވީ، މިހާތަނަށް އެ ދެ އަތޮޅުގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށް، މަސައްކަތް ފަށާފައިވާ ހުރިހާ މަޝްރޫއެއް ވެސް ހަލުވިކަމާ އެކު ކުރިއަށް ގެންދާ ކަމަށެވެ. މި މަޝްރޫއުތައް މި އަހަރު ނިމުމުގެ ކުރިން ނިންމައިލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯރަފުށީ އެއާޕޯޓުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: މިހާރު

ހޯރަފުށީ އެއާޕޯޓުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: މިހާރު

ހޯރަފުށީގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ އެއާޕޯޓުގެ 52 ޕަސެންޓު ވަނީ ނިމިފަ އެވެ. އެގޮތުން، އެއާޕޯޓު ހެދުމަށް 34 ހެކްޓަރުގެ ބިން ހިއްކައިފައި ވާއިރު މިހާރު ކުރިއަށް ގެންދަނީ އޭބީސީ ލޭޔާ އެޅުމުގެ މަސައްކަތެވެ. މި މަޝްރޫއު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗު 25 ގަ އެވެ. އެ މަސައްކަތަށް 198 މިލިއަން ރުފިޔާ ހޭދަވާއިރު، އެ އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއެއް އޮންނާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ކެލާގެ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: މިހާރު

ކެލާގެ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: މިހާރު

މީގެ އިތުރުން، އެ އަތޮޅުގެ ކެލާގެ ބަނދަރުގެ މަސައްކަތް މި އަހަރުގެ ޖޫން 15 އަށް ނިންމުމަށް ވެސް އެމްޓީސީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް 2007 ވަނަ އަހަރު ފެށި ނަމަވެސް އެމްޓީސީސީއާ އެ މަޝްރޫއު ހަވާލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ފަޅު ކޮނެ، ނަގާ ވެލި، އޮއިވަރުގެ ސަބަބުން އަލުން ފަޅަން އެޅުމެވެ. ނަމަވެސް މި މައްސަލަ އަށް ވީހާވެސް އަވަހަކަށް ހައްލު ހޯދައި، ނިންމަން ބުނި ތާރީހަށް ނިންމަން މަސައްކަތް ކުރާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓް ނިމޭއިރު ބޮޑެތި ބޯޓު ފަހަރަށް ވަދެވޭ ގޮތަށް ބަނދަރު އޮންނާނީ ފުންކޮށްފައި. ނަމަވެސް މި ރަށަކީ ވަރަށް ބޮޑު ފަޅެއް އޮންނަ ރަށަކަށް ވެފައި ޑްރެޖް ކުރަމުން އަންނައިރު، ޑްރެޖް ކުރާ ތަނަށް އަލުން ވެލި އެޅޭތީ އެބަހުރި ޗެލެންޖުތައް. މިކަމަށް ހައްލެއް ހޯދަން މިހާރު އަޅުގަނޑުމެންގެ ޓީމުން މިދަނީ މަސައްކަތް ކުރަމުން،" ކެލާގެ ބަނދަރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އާޒިމް ވިދާޅުވި އެވެ.

އާޒިމް ކުޅުދުއްފުށި ބަނދަރުގެ މަޝްރޫޢު ބައްލަވާލައްވަނީ-- ފޮޓޯ: މިހާރު

އާޒިމް ކުޅުދުއްފުށި ބަނދަރުގެ މަޝްރޫޢު ބައްލަވާލައްވަނީ-- ފޮޓޯ: މިހާރު

ކުޅުދުއްފުށީގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތުގެ 85 ޕަސެންޓް މަސައްކަތް ވެސް އެމްޓީސީސީން މިހާރު ވަނީ ނިންމާލައިފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަވާލު ކުރި މި މަސައްކަތް ނިމޭނެ ކަމަށް އެމްޓީސީސީން ލަފާ ކޮށްފައި ވަނީ މި އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އާޒިމް ވިދާޅުވިގޮތުގައި މި ބަނދަރުގެ މަސައްކަތް ނިމޭއިރު، ކުދި ލޯންޗުފަހަރު ލެފުމަށް "ފްލޯޓިން ޕޮންޓޫން" އަކާއި މަސްމާރުކޭޓެއްގެ އިތުރުން ފެރީ ޓާމިނަލަށް ވެސް ހުންނާނެ އެވެ. އަދި މޫދު ކުޅިވަރުތަކަށް ހާއްސަ ކޮށްގެން އާޓިފިޝަލް ބީޗެއް ވެސް އެ ސަރަހައްދުގައި ހަދާނެ އެވެ. މި ބީޗު ހަދަނީ މިހާރުގެ ބަނދަރާއި އަލަށް ތަރައްގީ ކުރާ ބަނދަރުގެ މެދުގަ އެވެ.

"މިއީ ވަރަށް ޒަމާނީކޮށް ހަދާ ބަނދަރެއް. މި ބަނދަރުގެ ޑިޒައިނާއި މަސައްކަތް ކުރިއަށް ދަނީ ކައުންސިލާއި ރަށުގެ ރައްޔިތުންނާ މަޝްވަރާ ކޮށްގެން. މި މަޝްރޫއު ނިމޭއިރު މި ސަރަހައްދު ވާނެ ވިޔަފާރީގެ ގޮތުން ވެސް ފުރިހަމަ ސަރަހައްދަކަށް،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއު ބައްލަވާ ލައްވަނީ-- ފޮޓޯ: މިހާރު

އާޒިމް ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއު ބައްލަވާ ލައްވަނީ-- ފޮޓޯ: މިހާރު

ހަނިމާދޫގެ މަގު ހެދުމުގެ މަސައްކަތަކީ ވެސް މި އަހަރުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީން މަސައްކަތް ކުރަމުން އަންނަ އެއް މަޝްރޫއެވެ. އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ނިންމައިލުމަށް މަސައްކަތް ކުރާ މި މަޝްރޫއުގައި ހަނިމާދޫގެ 18 މަގެއްގައި ތާރު އަޅާނެ އެވެ. އަދި އިތުރު ދެ މަގެއްގެ ތާރު އެޅުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާޒިމް ވިދާޅުވި ގޮތުގައި، ހަނިމާދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ އެވެ. އެ މަސައްކަތް ނިންމަން ތާވަލް ކޮށްފައި ވަނީ އަންނަ އަހަރަށެވެ.

އާޒިމް ވިދާޅުވީ، އެމްޓީސީސީން ހިންގާ އެއްވެސް މަޝްރޫއެއް ސަބްކޮންޓްރެކްޓަރަކާ ހަވާލެއް ނުކުރާ ކަމަށެވެ. އަދި ހުރިހާ މަޝްރޫއެއް ވެސް އެ ކުންފުނީގެ ވަސީލަތްތައް ބޭނުން ކޮށްގެން ނިންމަން އެއްބަސްވި ތާރީޚައް ނިންމޭނެ ކަމަށް ވެސް ވިދާޅުވި އެވެ.