Roadha Mihaaru
ދެން ވެސް ގެއްލުމަކަށް ވާނީ މެމްބަރުން ގެއްލުން:ރައީސް

ދެން ވެސް ލިބޭނެ ގެއްލުމަކަށް ވާނީ މެމްބަރުންތަކެއް ގެއްލުން: ރައީސް ޔާމީން

13 ނޮވެމްބަރ 2017

ކުރިއަށް އޮތްތަނުގައި ވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެންމެ ބޮޑު ގެއްލުމަކަށް ވާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވަކިވުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރިއަށް އޮތްތަނުގައި ވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެންމެ ބޮޑު ގެއްލުމަކަށް ވާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވަކިވުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ހަ ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުޅުދުއްފުށީގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ތިން ގޮންޖެހުމަކީ އެ މަނިކުފާނު އަވަހާރަކޮށްލަން އުޅުމާއި ޕާޓީގެ އެތެރޭގައި އުފެދުނު ބައިބައިވުންތަކާއި ޕީޕީއެމްގެ މަޖިލިސް މެމްބަރުންތަކެއް ވަކިވެ ކުރަން އުޅުނު "ބަޣާވާތް" ކަމަށެވެ.

އެހެން ދެން ވެސް ލިބިވަޑައިގަންނަވާނެ އެންމެ ބޮޑު ގެއްލުމަކީ އެ ކަންކަން ތަކުރާރުވުން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އެއީ ހިނގާފާނެ ކަންކަން ކަމަށެވެ.

"ދެން ވެސް އަޅުގަނޑަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ އަޅުގަނޑުމެން ޕާޓީގެ މެމްބަރުން ކޮޅެއް އަޅުގަނޑާ ވަކިވެގެން ދިއުން. މި އިމްތިހާނު ވެސް އަޅުގަނޑު ކުރާނެ ކަން ނޭނގެ އަދިވެސް. އަދިވެސް އަޅުގަނޑު ސިހުމެއް ނުވާނެ އަޅުގަނޑު އުންމީދެއް ނުކުރަން އިންތިޒާރު ކުރަން އަނެއްކާ ވެސް އަޅުގަނޑު ފުރާނަ އަށް ނުރައްކާވާ ފަދަ ގެއްލުން ދޭނެ ކަންނޭނގެ،" ކުޅުދުއްފުށީގެ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އެ ރަށުގެ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދު ހަވީރު ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު، މިރޭ ކުޅުދުއްފުށީގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްއިން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

ޕީޕީއެމްއިން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ޕީޕީއެމުން ވަކިވެގެން މަޖިލީހުގެ މެމްބަރުންތަކެއް ވަޑައިގަތީ އެބޭފުޅުންގެ އަމިއްލަ އެޖެންޑާތަކެއް ހާސިލް ނުވުމުންނެވެ.

އަދި ވިދާޅުވީ އެމަނިކުފާނަށް މަދުވާ ކަމަކީ އިޚުލާސްތެރިކަން ކަމަށާއި ވެއްޓެެމުންދާ އިރު ހިފަހައްޓާ އަސާގަނޑަކަށް ޕާޓީ ނުހެދޭނެ ކަމަށެވެ. ޕާޓީގެ އެއްވެސް މަގާމެއްގައި ހުރުމަކީ ޝަރަފްވެރި މީހަކަށް ވުން ނޫން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީ އަށް ނިސްބަތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ޒަމާނީ ޑިމޮކްރެސީއެއް ގެނައުމަށް އެ ޕާޓީން މަސައްކަތްތަކެއް ކުރި ކަމަށާއި ނަމަވެސް ފަހުން އަމަލުކުރީ ދެއްކި ވާހަކަތަކާ އިދިކޮޅަށް ކަމަށެވެ.

ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ހުވަފެން ދެއްކުމަކަށް ނޫނެވެ. އޭގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަނީ އިޚުލާސްތެރިކަމާ އެކު ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގަ ތަނަވަސްކަން ނެތް ކަމަށް ބުނެ ނުދެވި ހުރި ކަންކަން މިއަދު ވަމުން އަންނަ ކަމަށެވެ.

ރާއްޖެ އަކީ ތަރައްގީ ކުރަން ބޭނުން ވަރަކަށް ތަރައްގީ ކުރެވޭނެ ގައުމެއް ކަމަށާއި ބޭނުންވަނީ ރައްޔިތުންނަށް އުންމީދުތަކެއް ދިނުމަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. ރަށްރަށަށް ޒިޔާރަތް ކުރައްވާއިރު، އެމަނިކުފާނުގެ ލޯފުޅުން ފެން ފާއްދާލާ ސަބަބަކީ މިހާ ގިނަ ދުވަސް ވެގެންދިޔައިރު ވެސް ރައްޔިތުންގެ ބޭނުންތައް އަދިވެސް އިތުރުވުމާއި ރަށްތަކުގައި ވަރަށް ހާލުގައި އުޅޭ ރައްޔިތުންތަކެއް ތިބުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ލޮލުން ފެން ފާއްދާލަނީ އުފާވެރި ކަމާ ވެސް އެކީ. އުފާވެރި ކަމަކީ ކަންތައްތަކެއް ކޮށްދެވޭނެ ކަން ގަބޫލްކޮށް އުންމީދުތަކެއް ރައްޔިތުން އަޅުގަނޑާ ގުޅުވާތީ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު ކަފުނަށް ތިރިނުކޮށް އެއަށް ވުރެ ޝަރަފްވެރި ބަަޔަކަށް ދިވެހީން ވާން ޖެހޭ ކަމަށް ރައީސް ޔާމީން މިރޭ ވިދާޅުވި އެވެ.